ރަމަޟާން މަހުގެ ބަރަކާތްތެރި ދުވަސްތަކާއި ރޭތައް އައިސް ބައްދަލުކުރުމުން ކުޅިވަރާއި މަޖަލުގައި ހޭދަކުރާ މީހުން ބިރުވެތިވާށެވެ! މަސައްކަތް ބުރަކަން ބަހަނާއަކަށް ދައްކައި އަޅުކަން ނުކުރާ މީހުންވެސް މެއެވެ. އެމީހުންގެ ސިކުނޑިއަށް ޝައިޠޯނާ އެވަނީ ވެރިވެގެންފައެވެ.
އެއްވެސް ޝައްކެއްނެތެވެ. ރަމަޟާން މަހަކީ ރަޙްމަތުގެ މައްސަރެވެ. ފާފަ ފުއްސެވުމާއި ދިންނެވުމުގެ މައްސަރެވެ. މުސްލިމުންގެ ހިތްކަށް އުންމީދާއި އުފާވެރިކަން ގެނެސްދޭ މައްސަރެވެ. ކޮންމެ ރެއަކު އެތައް ބައަކު ނަރަކައިން މިންޖުކުރައްވަވާ މައްސަރެވެ. އެތައް ބައަކު ސުވަރުގެ ވައްދަވާ މައްސަރެވެ.
ހަމަ އެއާއިއެކު އުފެދޭ ސުވާލަކީ މި ރަމަޟާންމަހަކީ އެމީހަކަށް އެންމެ ގެއްލުންހުރި މައްސަރުކަމުގައިވެގެންހިނގައިދާނެތީ ބިރުނުގަންނަނީ ކީއްވެގެން ހެއްޔެވެ؟ ތިމާއަކީ ގެއްލެނިވެ ޙަލާކުވެގެން ހިނގައިދާނެ މީހަކު ކަމުގައިވެދާނެ ކަމަށް ބިރުނުގަންނަނީ ކީއްވެގެން ހެއްޔެވެ؟ ތިމާގެ ފާފަތައް މިމަހު ފުއްސަވައި ނުދެއްވަވައިފިނަމަ ގެއްލެނިވެގެންދާ މީހަކު ކަމުގައި ވެދާނެކަމަށް ބިރުނުގަންނަނީ ކީއްވެގެން ހެއްޔެވެ؟
ﷲ ތަޢާލާ ގަންދީ ބުނަމެވެ. މިކަންކަމަށް ބިރުނުގަންނަ މީހަކަށް ރަމަޟާން މަސް ކާމިޔާބުކުރެވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ހަމަ ނުވާނެ ކަމެކެވެ. މިއީ ކުޅިވަރުކުޅުމާއި އުފާކުރުމާއި މީރުހައިތަކެތި ކެއުމުގެ މައްސަރުކަމުގައި ހަދައިގެން ރަމަޟާން މަސް ކާމިޔާބެއް ނުކުރެވޭނެއެވެ! އެހެނީ ރަމަމާން މަސް ކާމިޔާބުވުމަށް އެދޭމީހާ ކަންކަން ކުރަންވީގޮތް ޤުރްއާނުންނާއި ސުންނަތުން އެއީ ވަރަށް ސާފުކޮށް އެނގޭށެވެ.
މީސްތަކުންނޭވެ! ވިސްނައިލާށެވެ! މިމަހަކީ މީސްތަކުންގެ ފާފަތައް ފުއްސަވައި ދެއްވަވައި އެމީހާއަށް ކުރެވިފައިވާ ފާފަތައް ހެޔޮ ޢަމަލުތަކަށް ބަދަލުކުރައްވަވައި ދެއްވަވާ މައްސަރެވެ. މިމަތިވެރި މައްސަރުގައި ތިބާގެ ފާފަތައް ފުއްސަވައި ނުދެއްވަވައިފިނަމަ ދެން ތިބާގެ ފާފަތައް ފުއްސަވައިދެއްވަވާނީ ކޮންއިރަކުން ހެއްޔެވެ؟ މި ސުވާލު ހިތަށް ގެނެވުމުން ބިރުވެރިކަން ހިތަށް ނުވަންނަނީ ހެއްޔެވެ؟
ރަމަޟާން މަސް އައުމުން ﷲ ތަޢާލާ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވަވައިލައްވަވަތެވެ. މަސް ނިމެންދެން އެގޮތުގައި ބަހައްޓަވަތެވެ. އެއިން ދޮރުކޮޅަކުން ވަނުމުގެ ފުރުޞަތު ކޮންމެ މީހަކަށްވެސް ވަނީ ދެއްވަވައިފައެވެ. އެވަރުންވެސް ތިބާ އެ ފުރުޞަތުގެ ބޭނުން ނުހިފައިފިނަމަ ތިބާ ގެއްލިނިވެގެން އެދަނީ އަމިއްލައަށް ނޫން ހެއްޔެވެ؟
މީސްތަކުންނޭވެ! މިދެއްކީ ވަރަށް ގިނަ ވާހަކަތަކެވެ. ވިސްނައި ފިކުރުކުރާށެވެ! މިމަހާއިއެކު ގެއްލެނިވެގެންދާ މީހުންގެތެރޭގައި ނުވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! އަދިވެސް ފުރުޞަތު އެބައޮތެވެ!
- ޝައިޚް ޢުމަރު އަލްބަންނަ ގެ ދަރުސަކުން