ދީނުގެ ކަންކަމުގެ ޖަދަލުކުރާ މީހުންނަށް ޖަވާބުދިނުމުގަ ވިސްނާލުން މުހިންމު ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ދީނުގެ ކަންކަމުގެ ޖަދަލުކުރާ މީހުންނަށް ޖަވާބުދިނުމުގަ ވިސްނާލުން މުހިންމު ކަންކަން-

 

ކޮންމެ މުސްލިމަކަށްވެސް ދީނުގެ ކަންކަން އުނގެނި ދަސްކުރުމެވެ. ނަމަވެސް އެންމެންގެ ކިބައިގައި ހުރިހާ ޢިލްމެއް ނުހުންނާނެއެވެ. ދީނުގެ ހުރިހާ ކަމެއް އެނގޭނެ މީހުން މަދުވާނެއެވެ. ދީނީ ޢިލްމްވެރިންނަށްވެސް ދިރާސާކުރައްވަން ނުވަތަ އިތުރު މަޢުލޫމާތު ހޯއްދަވަން ޖެހިލައްވާ ކަންކަން ހުރެއެވެ.  

އިސްލާމް ދީނާއިމެދު ޖަދަލުކުރާ މީހުންނަށް ޖަވާބުދޭންޖެހޭނީ ޖަވާބުދެވޭވަރަށް ދީނުގެ ކަންކަން އެނގޭނަމައެވެ. ނޫންނަމަ ދެވޭ ޖަވާބަކުން އެމީހުންނަށް ކުރިއެރުން ލިބިދާނެއެވެ. އެއީ މާދެރަ ގޮތެކެވެ.   

ފޯނަށާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ދަނީ ވަރަށް ބިރުވެރި މެސެޖްތަކެއް ފޮނުވަމުންނެވެ.  އެއީ ﷲ ތަޢާލާއަށާއި ކީރިތި ޤުރްއާނަށް އަދި ރަސޫލް ﷺ އަށާއި އިތުރު ޞާޙިބާގެ ސުންނަތަށް ހަޖޫޖެހުމާއި މަލާމާތާއި ފުރައްސާރަކުރުމުގެ މެސެޖުތަކެވެ.  

އެކަމަކަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވާ ކަންކަމަށާއި ﷲ ތައާލާގެ ވަޙީއަށް އަދި ﷲ ތަޢާލާ ބާވައިލެއްވެވި އާޔަތްތަކަށް މަލާމާތްކޮށް ފުރައްސާރަކުރުމަކީ ސަމާސައަށްވެސް ކުރަން ބިރުވެތިވާން ޖެހޭނެ ކަމެކެވެ. އަދި އެފަދަ އެއްވެސް މެސެޖެއް އެއްޗެއް ފޯނަށް ނުވަތަ ސޯޝަލް މީޑިއާއިން ލިބުނު ނަމަވެސް އަމިއްލަ ޖަވާބުތައް މެސެޖްނުކޮށް ތައުބާ ސޫރަތުގެ 65 ވަނަ އާޔަތާއި 66 ވަނަ އާޔަތް އެމީހަކަށް ފޮނުވަންވާނެ އެވެ.   

"ހަމަކަވަރުން، ކަލޭގެފާނު، އެއުރެންނާ ސުވާލު ކުރައްވައިފިނަމަ، އެއުރެން ދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިއަބައިމީހުން ތިއަ މަލާމާތްކޮށް އުޅުނީ، ﷲ އާއި، އެކަލާނގެ އާޔަތް ތަކާއި، އެކަލާނގެ ރަސޫލާއަށް ހެއްޔެވެ؟" (ތައުބާ: 65) 

"ތިއަބައިމީހުން ޢުޛްރު ނުދައްކާށެވެ! ތިއަބައިމީހުން އީމާންވުމަށްފަހު، ތިއަބައިމީހުން ތިއަތިބީ ކާފިރް ވެފައިކަން ކަށަވަރެވެ. ތިއަބައިމީހުންގެ ތެރެއިން ބައަކަށް ތިމަންރަސްކަލާނގެ ޢަފޫ ކުރެއްވިޔަސް، އަނެއްބައަކަށް ތިމަންރަސްކަލާނގެ ޢަޛާބް ދެއްވަވަމެވެ. އެއީ ހަމަކަށަވަރުން، އެއުރެން ކުށްވެރި ބައަކު ކަމުގައި ވީކަމަށްޓަކައެވެ." (ތައުބާ: 66) 

ﷲ ތަޢާލާ އަށާއި ރަސޫލާ (ﷺ) އަށާއި އެކަލާނގެ ބާވައިލެއްވި އާޔަތްތަކަށް ފުރައްސާރަ ކުރުމާއި ހަޖޫ ޖެހުމަކީ އެއްވެސް އިންސާނަކަށް ކުރެވިގެންވާނެ ކަމެއް ނޫނެވެ. ރަސޫލް (ﷺ) ގެ ޒަމާނުގައި އެކަން ކުރުމުން އެކަން ކުރި މީހުންނާއިމެދު ވަނީ ވަގުތުން ވަޙީ ބާވައިލައްވަވައިފައެވެ.  

މުނާފިޤުން ބުނެ އުޅުނު ބަސްތަކާއި ގުޅިގެން ރަސޫލް (ﷺ) ސުވާލު ކުރެއްވެވުމުން ދޭނެ ޖަވާބުވެސް ﷲ ތަޢާލާ ވަނީ ވަޙީ ކުރައްވަވައިފައެވެ. "ހަމަކަވަރުން، ކަލޭގެފާނު، އެއުރެންނާ ސުވާލު ކުރައްވައިފިނަމަ، އެއުރެން ދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ."  

ﷲ ތަޢާލާ އަށާއި ރަސޫލާ (ﷺ) އަށާ އެކަލާނގެ ބާވައިލެއްވި އާޔަތްތަކަށް ފުރައްސާރަ ކުރުމާއި ހަޖޫ ޖެހުމަކީ އެއްވެސް އިންސާނަކަށް ކުރެވިގެންވާނެ ކަމެއް ނޫނެވެ. އެއިން ކަމެއް ކޮށްފިނަމަ އެމީހަކަށް މިދުނިޔެއާއި އާޚިރަތުގައިވެސް ގަދަފަދަ ޢަޛާބު ދެއްވަވާނެތެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

 

 

މިއަދު އޮންލައިން