މިއަދަކީ މިއަަހރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހެވެ. އަހުރެމެން އެންމެންވެސް މިތިބީ ރޯދައަށެވެ. އިން ޝާ ﷲ. ރޯދަހިފުމަށްޓަކައި ކެއުމާއި ބުއިމުން ދުރުވެ ތިބެ މިއުފުލާ ތަކްލީފުގެ ފައިދާ ލިބިގަންނަން މަސައްކަތްކުރަމާ ހިނގާށެވެ.
ގިނަ ބައަކަށް ރަމަޟާން މަހުގެ ދުވާލުގައި ނުކައި ނުބޮއި ހުރުމަކީ ކުރަން އެހައި ދަތި އުނދަގޫ ކަމަކަށް ނުވެއެވެ. ނަމަވެސް އެމީހުންނަށް ކުރަން އުނދަގޫ ކަމެއް އޮވެއެވެ. އެއީ ދޫ ރައްކައުތެރިކުރުމެވެ. ބޭކާރުވާހަކަތައް ދެއްކުމާއި ދެބައުޑުވުމާއި ނެތިމޮށުން ފަދަ ވާހަކަތައް ނުދައްކައި ހުރުން ވެފައި އޮންނަނީ ކުރަން އެންމެ އުނދަގޫ ކަންތަކަށެވެ.
މީސްތަކުންނޭވެ! ފުރަތަމަ ރޯދަޢާއިއެކު މިއަދުން ފެށިގެންވެސް މިކަމަށް ހޭލުންތެރިވާށެވެ. ޛިކުރުކުރުން ގިނަކުރާށެވެ. ހެޔޮބަސްތައް ބުނުން ގިނަކުރާށެވެ. މީހުންނަށް ހެޔޮނަޞޭޙަތްދޭށެވެ.
އަނގައިން އެއްޗެއް ނުކައި ހުރެގެން އަޚާގެ މުޅަމަސް ކަމުން ދިއައިމާ ހިފޭނީ ކޮން ރޯދައެއް ހެއްޔެވެ؟ މިއީ ގިނަ ބައަކު ހިފާ ރޯދަ، ރޯދައަކަށް ނުވެދާނެ އެންމެ ބޮޑު އެއް ސަބަބެވެ. ވީމާ މިކަމަށް އެންމެންވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ.
ރޯދަ ހިފުމުގައި އެންމެ ބޮޑަށް އަނގައަށް ރައްކައުތެރިވާންޖެހޭ ސަބަބުތައް ބައިވަރެވެ. ފުރަތަމަ ކަމަކީ ނުކައި ނުބޮއިހުރުންނަނަމަވެސް އެއަނގައިގައި އޮންނަ ދުލުގެ ބޭނުން ހިފާގޮތްވެސް ވަރަށ މުހިންމު ދައުރެއް އަދާކުރެއެވެ. އެހެނީ މިބުނި ފަދައިން ބުނެގެން ނުވާނެ ބަސްތައް ބުނުމާއި ޛިކުރުކުރަނީވެސް ހަމަ ދުލުން ކަމުގައިވާތީއެވެ.
ވީމާ ހިފާ ރޯދަ، ރޯދައަކަށް ހެދުމަށްޓަކައި ހެޔޮބަސްބުނެ، ޤުރްއާން ކިޔަވައި ޛިކުރުކުރުން ގިނަކުރާށެވެ! ނޫންނަމަ ނުކައި ހުރުމުގެ ބޭނުމެއް ނެތްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން