ދެމަފިރިން އެކުގަ ނިދުމާ އެއް އެނދުގަ ނިދުމަކީ ތަފާތު ދެކަމެއް! ދީނުގަ އޮތީ އެއް އެނދުގަ އެކުގަ ނިދަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ދެމަފިރިން އެކުގަ ނިދުމާ އެއް އެނދުގަ ނިދުމަކީ ތަފާތު ދެކަމެއް! ދީނުގަ އޮތީ އެއް އެނދުގަ އެކުގަ ނިދަން!

އަޅުގަނޑަކީ 3 ދަރިންގެ މަންމައެވެ. ދުވާލު ހަތަރުދަމު ވަރަށް ބިރަކޮށް މަސައްކަތްކުރަން ޖެހެއެވެ. އިރުއޮއްސޭއިރު ހުންނަނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ޢިޝާ ނަމާދާއި ވިތުރި ކޮށްލެވޭއިރު ގައިގައި އެއްވެސް ވަރެއް ނުހުރެއެވެ. އެހެން ފިރިމީހާގެ އިންތިޒާރުގައި މެންދަން ވަންދެން އިންނާނެ ހިތްވަރެއް ނުހުރެއެވެ. އަދި އަޅުގަނޑަށް އެނގޭ ގޮތުން އެއީ ކުރަންޖެހޭ ކަމެއްވެސް ނޫނެވެ. 

އަޅުގަނޑު ނިދާފަހުން ގެއަށް އައިސް އެނދުގެ އެއްފަރާތުގަ އޮވެ ނިދުމަކީ ދެމަފިރިން އެކުގައި ނިދުން ކަމުގައިވާނެތޯއެވެ؟ މިސުވާލު މިކުރަނީ މަހަކު 1 ރޭ، ނުވަތަ ގިނަވެގެން 2 ރޭ ފިޔަވައި އަޅުގަނޑު ނުނިދަނީސް ފިރިމީހާ ނިދަން ގެއަށް ނުއަންނާތީއެވެ. އަދި ގެއަށް އައިސްފައިވެސް ސިއްރުސިއްރުން އެނދުގެ އެއްފަރާތެއްގައި އޮވެގެން ނިދާތީއެވެ.  

ފިރިމީހާއަކީ ރޭގަނޑު އެއްވެސް މަސައްކަތެއްކުރާ މީހެއް ނޫނެވެ. ވަޤުތު ހޭދަކުރަނީ އެކުވެރިންނާއިއެކުގައެވެ. އެކުގައި ނިދަން ބޭނުން ނުވާ ފިރިއަކާއިއެކު އުޅެން ބޭނުން ނުވާތީ ވަރިވުން ހުއްދަވާނެތޯ؟  

ކިޔުންތެރިޔާއަށް ދަންނަވަން އޮތީ ދެމަފިރިން އެކުގައި ނިދުމަކީ ކައިވެނި ފުރިހަކުރަން ފުރިހަމަކުރަންޖެހޭ އެންމެ ބޮޑު އެއް ޝަރުޠެވެ. އެކަން ފިރިމީހާއަށް ވިސްނައިދީ އިޞްލާޙްކުރެވޭތޯ ފުރަތަމަ މަސައްކަތްކުރާށެވެ. ދެމަފިރިން އެކުގަ ނިދުމަކީ އެކުގައި ނިދަން އޮށޯވެގެން ނިދުމެވެ. ތިއަ ދެއްކުނީ އެކުގަ ނިދާ ވާހަކައެއް އެއް އެނދުގަ ނިދާވާހަކައެވެ. އެއީ ތަފާތު ދެކަމެކެވެ. އިސްލާމް ދީނުގައި އޮތީ ދެމަފިރިން އެކުގަ އެއް އެނދުގަ ނިދުމެވެ. އިސްތިސްނާވާނީ ބަލިޙާލެއް މެދުވެރިވުން ފަދަ ކަމެއް ޖެހުމެވެ. ނުވަތަ އަދާކުރަންޖެހޭ ވަޒީފާގެ ގޮތުން ކަމެއް މެދުވެރިވުމެވެ.   

ތިރީގައިވާ ލިޔުމުން އިތުރު މަޢުލޫމާތު ލިބިލައްވާނެއެވެ. އިން ޝާ ﷲ

އިސްލާމް ދީނުގައި އަޅުކަމެވެ ބުނެވޭ ބަހުގެ

މާނައަކީ ހަމައެކަނި ފަރުޟު ކުރެއްވެވި ކަންކަން ކުރުމެއް ނޫނެވެ. ނަމާދުކުރުމާއި ރޯދަހިފުމާއި ޒަކާތްދިނުމާއި ޙައްޖުވުން ފަދަ ފަރުޟޫތައް އަދާކުރުން އެކަންޏެއް ނޫނެވެ. އަޅުކަން މާގިނައެވެ.  

ދެމަފިރިން އުފަލުގައި ލޯބިން ދިރިއުޅުމަށް ކުރަންޖެހޭ ( ﷲ ހުއްދަކުރައްވަވާފައިވާ) ކަންކަން ކުރުމަކީވެސް އަޅުކަމެކެވެ. ދެމަފިރިން ގުޅިގެން އުފަލުގައި ދިރިއުޅުމަކީވެސް ހަމަ އަޅުކަމެކެވެ. ހަމަ ޘަވާބު ދެއްވަވާނެ އަޅުކަމެކެވެ. ކައިވެނި ކުރުމަށްފަހު ދެމަފިރިން އެކުވެރިކަމާއިއެކު ލޯބިން ދިރިއުޅުމަށް ރަސޫލް (ﷺ) ވަނީ ވަރަށް ބޮޑަށް ބާރު އަޅުއްވަވައިފައެވެ. ވީމާ އެމަތިވެރި ސުންނަތް އަދާކުރުމަކީ އާޚިރަތުގައިވެސް އެކަމުން ފައިދާކުރާނެ ކަމެކެވެ. 

ވީމާ އަހަރެމެންގެ ކައިވެނި އުފާވެރިކަމާއިއެކު ދެމެހެއްޓުމަށްޓަކައިވެސް ދެމަފިރިން އެކުގައި އެއްވަގުތެއްގައި ނިދަން އެބަޖެހެއެވެ. އެއްވަގުތެއްގައި ނިދުމަކީ ކުރިން ނިދިއައިމީހާ ނުނިދައި ހުންނަން ޖެހުމެއް ނޫނެވެ. އެއީ ނިދަން ދެމަފިރިން އެކުގައި އެނދަށް އެރުމެވެ. އެކުގައި އޮށޯވެ ނިދަން މަސައްކަތްކުރުމެވެ. 

ޔަޤީންކުރާށެވެ! އިސްލާމް ދީނުގައި އެއްވެސް ކަމެއް ކުރުމަށް ބަޔާން ވެގެންވާނަމަ އެކަމެއް ބަޔާންވެގެންވާނީ އިންސާނުންނަށް އެކަމަކުން ފައިދާ ކުރާނެތީއެވެ. ދުނިޔެއާއި ޢާޚިރަތުގައިވެސް ފައިދާ ނުކުރާނެ އެއްވެސް ކަމެއް އިސްލާމް ދިނުގައި ބަޔާންވެގެނެއް ނުވެއެވެ. 

އިލްތިމާސަކީ ރޭގަނޑުގެ ވަގުތުތައް ބޭކާރު ގޮތުގައި ހޭދަނުކުރުމެވެ. ވީހައި އަވަހަކަށް ދެމީހުން އެކުގައި ނިދަން މަސައްކަތްކުރުމެވެ. ދެމަފިރިން އެކުގައި ނިދަން މަސައްކަތްކުރާނަމަ ލޯބިއިތުވެއެވެ. ގުޅުން ބަދަހިވެއެވެ. ނޫންނަމަ ތަފާތު މައްސަލަތައް ކުރިމަތިވެ ލޯބިކެނޑިގެންދެއެވެ. ވީމާ އެކުގައި ލޯބިން ދިރިއުޅުމަށްޓަކައިވެސް މިއީ ކުރަން ކޮންމެހެން ޖެހޭ ކަމެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން