"ތިއަބައިމީހުން ދުނިޔޭގައި އުޅުނުއިރު އެންމެ ގާތް އެކުވެރިންގެ ގޮތުގައި ގެންގުޅުނު މީހުންނަކީ ޤިޔާމަތް ދުވަހު ތިއަބައިމީހުންގެ އެންމެ ބޮޑެތި ދުޝްމިނުން ކަމުގައިވާނެއެވެ." މިވަރަކުން ނިމުނީއެއް ނޫނެވެ. "އެމީހުންނަކީ ހެޔޮ ޢަމަލުތައް ކުރުމަށް ތިއަބައިމީހުންނަށް ހަނދުމަކޮށްދީ އަދި ވާގިވެރިވާ ބައަކު ކަމުގައި ނުވާނަމައެވެ."
މިއީ އަހުރެންގެ ބަހެއް ނޫނެވެ. ކީރިތި ޤުރްޢާނުން އެނގެން އޮތްގޮތެވެ.
މީސްތަކުންނޭވެ! މިއަހަރުގެ ރަމަޟާންމަހުގެ ދުވަސްތައް ފެށުނީއެވެ. ގުޅިގެން ކިއުޅެވެނީ ކޮންބައަކާއިކަން ބަލައިލާށެވެ. އެމީހުންނަކީ ހެޔޮ ޢަމަލުތައްކުރަން ހަނދުމަކޮށްދީ ވާގިވެރިވާ ބައަކު ހެއްޔެވެ؟ ނޫންނަމަ އެމީހުންނާއި އަވަހަށް ފުރުހެލިވާށެވެ!
މިއީ ގިނަވެގެން 30 ދުވަހެވެ. ގެއްލިގެންދާ ކޮންމެ ދުވަހަކީ އަގުހުރި ޖަވާހިރެކެވެ. ގެއްލިއްޖެނަމަ އަނބުރައިހޯދުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ ކޮންމެ ދުވަހަކުވެސް ގަދައަޅައި މަސައްކަތްކުރަންވީ ވީހާގިނަ ފައިދާ ލިބިގަތުމަށެވެ. އެކަން ޙާޞިލުކުރެވޭނީ އެކުވެރިންނާއިމެދު ވިސްނައިގެންނެވެ.
ރަމަޟާންމަސް ނިމިގެންދާއިއރުވެސް އެއްވެސް ފައިދާއެއް ގިނަ ބައަކަށް ނުކުރާ އެންމެ ބޮޑު އެއްސަބަބަކީ މަހުގެ ހުރިހާ ދުވަހަކީވެސް ރަޟަޟާންމަސް ޙާޟިލުކުރަން ބުރަކޮށް މަސައްކަތްކުރާ މީހަކަށް ނުވެވޭކަމެވެ. ވީމާ މިރަމަޟާން މަހުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރަމާ ހިނގާށެވެ.
- އިސްލާމީ ތިލަަފތުގެ ދަރުސަކުން