ކައިވެނީގެ ބޭނުމަކީ އެކުގަ ނިދުމާއި ޕާޓީތަކަށް ދިއުމާއި ބާޒާރަށް ދިއުމާއި ރީތި މަންޒިލްތަކަށް ދަތުރުތަކުގައި ދިއުން ކަމަށް ހަދައިފިނަމަ ކައިވެނި އެއޮތީ ފޭލްވެފައެވެ. ކައިވެނީގެ ޙަޤީޤީ ބޭނުން އެއަށްވުރެ މާމަތިވެރިއެވެ. ކުރަން އޮތް ދަތުރުވެސް މާމަތިވެރިއެވެ. ދަތުރުގެ ވާހަކަ މިކިޔައިދެނީ ގިނަ ބައަކަށް ވިސްނޭނެ ޢިބާރާތުންނެވެ. ރަނގަޅަށް އަޑުއަހާށެވެ!
އެދަތުރުދާން ޓިކެޓް ގަންނާކަށް ނުޖެހޭނެއެވެ. ފުރަން އެއާޕޯޓަށް ދާކަށްވެސް ނުޖެހޭނެއެވެ. އެދަތުރަށް ތިބާ ކޮލިފައިވެއްޖެނަމަ ތިބާ ހުރި ކޮންމެތަނަކަށް ތިބާ ބަލައި ފައިބާވަޑައިގަންނަވާނީ ރަޙްމަތުގެ މަލާއިކަތުންނެވެ.
އެބޭކަލުން ފައިބާވަޑައިގަންނަވާނީ ސުވަރުގޭގެ ފޭރާމާއި ހުވަނދުވެސް ހިއްޕަވައިގެންނެވެ. އެތަކެތިން ތިބާ ޒީނަތްތެރިކުރެވިގެން ގެންދެވޭނީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ.
ކުރަން އޮތީ ހަމަ އެންމެ ކަމެކެވެ. އެއީ އެދަތުރަށް ކޮލިފައިވާ އަޅުންގެ ގޮތުގައި މަރުވުމެވެ. ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި މަރުވުމެވެ.
އެކަން ޙާޞިލްކުރެވޭނީ ކައިވެނީގެ ޙަޤީޤީ މަޤްޞަދު ޙާޞިލްކުރެވިގެންނެވެ. އެއީ ދުނިޔޭގައި ދެމީހުން ބަނދެވުނު ބަނދެވުން އެގޮތުގައި ބެހެއްޓުމެވެ. އެގޮތުގައި ބެހެއްޓުމަކީ ﷲ ތަޢާލާގެ އިސްމްފުޅުން ކުރި ކައިވެނި ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ މަގުން ކުރިއަށް ގެންދިއުމެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކޮށް ދެމަފރިން އެކުގައި ރޭއަޅުކަންކުރުންމަތީގައި ދެމިތިބުމެވެ.
ކައިވެނީގެ ޙަޤީޤީ ބޭނުން މިބަޔާންކުރީއެވެ. މިއީ ކައިވެނީގެ މަޤްޞަދު ކަމުގައި ހަދައިފިނަމަ ކައިވެނި ދެމިއޮންނާނީ އުފާވެރިކަމާއިއެކުގައެވެ. ވަރީގެ ވާހަކަ ދައްކާކަށްވެސް ނުޖެހޭނެއެވެ. އެއިގެ ބަދަލުގައި ދައްކާނީ އެކުަގއި ސުވަރުގޭގައި ތިބުމުގެ ވާހަކައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން