މަހްޝަރު ދުވަހު ނަޞީބު ލިބިގަތުމަށް ބޭނުންވާ ނޫރު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 28ސ
މަހްޝަރު ދުވަހު ނަޞީބު ލިބިގަތުމަށް ބޭނުންވާ ނޫރު-

މިއީ އާޚިރަތް ލިބިގަންނަން ބޭނުންވާ މީހާގެ ޢަމަލުތައް ބަހައްޓަންޖެހޭނެ ގޮތް އެނގިގެންދާ ދަރުސެކެވެ. ވިސްނުންތެރިކަމާއިއެކު ވިދާޅުވެލައްވާށެވެ!  

ދެން ކޮންމެއަކަސް މިދުނިޔޭގެ ޙަޔާތުގަ އަޅުގަނޑުމެން ދިރިއުޅުން ކުރިޔަށް ގެންދާހިނދު، ﷲ ސުބުޙާނަހޫވަތަޢާލާ މިންވަރު ކުރައްވާފައިވާގޮތަށް އަޅުގަނޑުމެންނަށް މި ދުނިޔޭގެ ޙަޔާތުގަ ޢަމަލު ކުރެވިއްޖެކަމަށް ވާނަމަ، ވޭތުކުރެވިއްޖެކަމަށްވާނަމަ ޝައްކެއްނެތްގޮތުގައި މިދުނިޔޭގެ ޙަޔާތަކީ ވަރަށް އުފާވެރި ހަޔާތަކަށް ވެގެންދާނެ. 

އަދި މިއަށް ފަހުގަ، މަރުވުމަށް ފަހުގަ މިޔޮއް ޢާލަމް، ބަރުޒަޚުގެ ޢާލަމުގައި އަޅުގަނޑުމެން ތިބޭނީ ވަރަށް ހިތްހަމަޖެހިފަ. އަޅުގަނޑުމެންގެ ފުރާނަތަކަށް ނިޢުމަތް ލިބެމުން ދާނެ. އަދި ހަމަ އެހެންމެ އަޅުގަނޑުމެން ކަށްވަޅުގެ ބިރުވެރިކަމާ ނާމާންކަމުން ސަލާމަތްވާނެ.  

އެހެންވެ ރަސޫލުﷲ ސައްލައްﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފަވަނީ إِنَّ قَبْرَ أَوَّلُ  مَنَازِلَ الْآخِرَة  ހަމަ ކަށަވަރުން ކަށްވަޅަކީ އާޚިރަތުގެ މަންޒިލްތަކުގެ ތެރެއިން އެންމެ ފުރަތަމަ މަންޒިލޭ. فَإِنْ نَجَا مِنهُ فَمَا بَعْدَهُ أَيْسَرْ  ފަހެ އެތަނުން ސަލާމަތްވެއްޖެކަމުގައި ވާނަމަ އޭގެފަހުން ވާ ކަންތައްތައް މާ ލުއިފަސޭހަވާނޭ.  

އެހެންނަމަވެސް وَإن لَمْ يَنْجُ مِنْهُ  އެތަނުން އޭނަ ސަލާމަތް ނުވެއްޖެކަމުގަވާނަމަ فَمَا بَعْدَهُ أَشَدُّ  ދެން އޭގެފަހުން ވާ ކަންތައްތައް މާ ގަދަފަދަވާނޭ. ބިރުވެރިވާނޭ. އެހެންވީމާ ފުރަތަމަ ޕާސްކުރަންމިޖެހޭނީ ކަށްވަޅު. ކަށްވަޅު ޕާސްކުރަންޖެހޭއިރުގައި، ކަށްވަޅަކީ ބިރުވެރިތަނެއްކަމަށް ވެއްޖެއްޔާ ދެން ބަލާނެވެސްކަމެއްނެތް. އާޚިރަތް ވަރަށް ބިރުވެރިވާނެ އޭނައަށް. ކަށްވަޅު އަމާންވެއްޖެކަމަށްވާނަމަ ކަށްވަޅު އުޖާލާ ވެއްޖެކަމުގަ ވާނަމަ ކަށްވަޅުގެ ނޫރު ލިބިއްޖެކަމުގަވާނަމަ އެއޮށް ކަނު އަނދިރިވެގެންވާހޮރު އަލިކުރެވިއްޖެކަމަށްވާނަމަ އެއީ ވަރަށްބޮޑު ނިޢުމަތެއް. ދެން އޭނަ ޔަޤީން ކުރަންވީ އިންޝާﷲ އޭނަޔަށް ދެން އޭގެފަހުން އޮތް ޙަޔާތް ވަރަށް ބާއްޖަވެރިވާނެ އިންޝާﷲ.  

ޤިޔާމާތުގެ މައިދާނުގަ އޭނަޔަށް ހުންނާނީ އުފާވެރިކަން މަތީގަ. ނިޢުމަތް ލިބޭނެ. އެކަމު ބިރުވެރިވެގެންވާ ދަނޑިވަޅު އަންނާނެ. ނަބިއްޔުންނާ ރަސޫލުންނަށްވެސް ބިރުވެރިކަން ކުރިމަތިވޭ. މަލާއިކަތް ބޭކަލުންނަށް ދަންދެން އެބަ ކުރިމަތިވޭ ބިރުވެރިކަން. އެހެންވީމާ މުޅި ތަންތަން ފުނޑުފުނޑުވެގެން ގޮސް މުޅި އުޑުތައް ވިއްސިވިހާލިވެގެންގޮސް ބިން އެހެންގޮތަކަށް ބަދަލުވެ يَوْمَ تُبَدَّلُ الْأَرْضُ غَيْرَ الْأَرْضِ وَالسَّمَاوَاتْ  އެދުވަހަކީ ބިން އެހެން ބިމަކަށް އަދި އުޑުތައް އެހެންގޮތަކަށް ބަދަލުވެގެން ދާނޭ ދުވަހޭ. وَبَرَزُوا لِلَّهِ الْوَاحِدِ الْقَهَّارْ  އަދި އެއްކައުވަންތަ ޤަހާރުވަންތަ ގަދަފަދަވަންތަ ﷲ ސުބުޙާނަހޫވަތަޢާލާގެ ހަޒުރަތަށް އެއުރެންގެ ކަށްވަޅުތަކުން އެއުރެން ނުކުމެގެން ހަށިތައް ނުކުމެގެން ފާޅުވެގެން އަންނާނެތެވެ. 

އެމީހުން މަހުޝަރުގެ ބިމަށް، ދުނިޔެއަށް ހެއްދެވިގޮތުގަ. ގަޔަކު ފޭރާމެއް ނޯންނާނެ. އަދި ހަމަ އެހެންމެ އަރައިގެންތިބޭ ފައިވާން ޖޯޑެއް، ނުވަތަ ބޫޓެއް އެއްވެސް އެއްޗެއް ނޯންނާނެ. ހިފާ ގެންގުޅޭ އެއްވެސް އެއްޗެއް ނޯންނާނެ. އިގިއްޔަށް މަހައިގެން ގެންގުޅުނު އަނގޮއްޓިއަށް ދަންދެން ނުހުންނާނެ. އަޅުގަނޑުމެން މިދެކޭ ފަހިކަމާ އާރޯކަމާ، މީން އެއްވެސް އެއްޗެއް ނުހުންނާނެ. މަޑުރަތަށް ދާކަހަލަ، ސާފު، ހުދު މަޑު ފުށްގަނޑެއްކަހަލަ ބިމެއް އޮންނާނީ. ސަރާސަރު ބިމެއް. ކަނޑެއް ފަޅެއް ރުކެއް އެއްވެސް އެއްޗެއް ނުހުންނާނެ.

އެކަހަލަ ތަނެއްގައި ދެލޯބޮޑުކޮށްގެން ވާނުވާއެއް ނޭންގި ނިދާ އިއްވެވޭ ފަރާތަކާ ދިމާއަށް މަހުޝަރުގެ ބިމަށް އަޅުގަނޑުމެން ހިނގާފަ ދާނީ ކަށްވަޅުން ތެދުވެގެން. އަޅުގަނޑުމެންގެ ހުސް ފައިތައް ބިންމަތީ ތަޅަމުން ހިމޭންކަން މަތީގަ އެއްވެސް މީހަކު ވާހަކައެއް ނުދައްކާނެ. ބިރުންގޮސް އެންމެން ތިބޭނީ ބަސްހުއްޓިފަ. ދެލޯ ބޮޑުވެގެން އިސްނަގައިގެން އެމީހުން ދާނީ ވާނުވާއެއް ނޭންގި ނިދާ އިއްވެވޭ ފަރާތާ ދިމާއަށް. ތިމަންނައަށް ދެން ވާނީ ކިހިނެއްބާއޭ. ކޮންމެ މީހެއްގެ ސުވާލަކީ އެއީ. ނަބިއްޔުންނާ ރަސޫލުންނަށް ދަންދެން ތިއްބަވާނީ މިފަދަ ޙާލަތެއްގަ. ތިއްބަވައިގެން އެ ވަޑައިގަންނަވަނީ.  

އެހެންވީމަ އަޅުގަނޑުމެން މިދުނިޔޭގެ ޙަޔާތުގަ މިހެން އެނބުރެމުން ދާހިނދު ނޭނގެ މަރުވާނީ ކޮންވަގުތެއްގައި ކަމެއް. ކަން ވާނެގޮތެއް އެއްގޮތަކަށްވެސް ނޭންގެ. ދާދި މިދާކަށް ދުވަހުގެ އަޅުގަނޑުމެންގެ ސަލާމަތީ ބާރުތަކުގެ ތެރެއިން ބާރެއްގެ ބޭކަލަކު ނިޔާވެއްޖެ. ނިޔާވީ ދަނޑުމަތީގަ ކުޅެން ހުއްޓާ. ބޯޅައަކުން ޖެހިފަކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބުނީ. މޭގަ ބޯޅައަކުން ޖެހުނީ. ދެން އެހާ ބޮޑުވަރު ނުވަންޏަކާ ދެން ނޭންގޭނެތާ އެކަމަށް އެހާބޮޑު ސަމާލުކަމެއް ދޭކަށް. ދެން ދަނޑުން ނުކުމެފަ އިރުކޮޅަކު މަޑުކޮށްލާފަ ދެން ރަނގަޅުކަމަށް ބެލެވިގެން އަނެއްކާވެސް ކުޅެން ނުކުންނެވިކަމަށްވަނީ. ދެން ކުއްލިއަކަށް އެ ޒުވާން ބޭފުޅާގެ ފުރާނަ ﷲ ގެ ރަޙުމަތުގެ ތެރެއަށް ދަތުރުކޮށް ދަނީ. އޭނާ ނިޔާވެގެން ދަނީ، އެކަމުގެ ތެރޭގަ އެތާނގާ ހުއްޓާ. 

މިސާލަކަށް އަޅުގަނޑުމެންނަށް އިޙުސާސް ވާނެތޯ އަދި އެބޭފުޅާއަށް އިޙުސާސް ވާނެތޯ އެބޭފުޅާގެ މަރާހަމައަށްކަން މިދަނީ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެބޭފުޅާއަކީ ވަރަށް ރަނގަޅު ޚުލްޤު ހެޔޮ އަދި އިސްލާމް ދީނުގެ ކަންތައްތަކަށްވެސް ވަރަށް ބޮޑަށް ލޯބިކުރެއްވި ބޭފުޅެއްކަމުގައިވޭ. އިހަށްދުވަހު ނިޔާވެގެން އެދިޔައީ. ﷲ ސުބުޙާނަހޫވަތަޢާލާ އެފުރާނައަށް ސުވަރުގޭގެ މަތިވެރި ދާއިމީ ނިޢުމަތް ދެއްވަވާށި. ކަށްވަޅުގެ ބިރުވެރިކަމާ އާޚިރަތުގެ ޢަޒާބުން މިންޖުކޮށްދެއްވާށި. އާމީން. އެންމެހާ ކުށްފާފަތަކުން ޢަފޫކޮށްދެއްވާށި އާމީން.

އެހެންވީމަ އެއްވެސް އިންސާނަކަށް އިނގޭނެކަމެއްނޫން އެމީހެއްގެ މަރު އަންނާނެ ވަގުތެއް ސާޢަތެއް ގަޑިއެއް.

 

- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ދަރުސަކުން

މިއަދު އޮންލައިން