އެންމެ ބޮޑަށް ބިރުވެތިވާންޖެހޭ ފަހުޒަމާނުގެ ޢަލާމަތްތައް މިދަނީ ޢާންމުވަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
އެންމެ ބޮޑަށް ބިރުވެތިވާންޖެހޭ ފަހުޒަމާނުގެ ޢަލާމަތްތައް މިދަނީ ޢާންމުވަމުން!

އެމީހަކަށް މިހުރެވޭ ޙާލަތު އެންމެ ރަނގަޅަށް އެމީހަކަށެވެ. އެންމެ ބޮޑަށް ވިސްނަންވީ ތިމާއަށް މިހުރެވޭ ޙާލަތާއިމެދުގައެވެ. އެއްވެސް ޒަމާނަކަށް އެއްވެސް މީހެއްގެ ޙާލަތު ބަދަލެއް ނުކުރެވޭނެއެވެ. ޙާލަތު ބަދަލުކުރެވޭނީ އެމީހަކަށެވެ. ޖާހިލިއްލަ ޒަމާނުގައި ހިނގައިދިއަ ކަންކަމުންވެސް އެކަން އެއޮތީ އެނގޭށެވެ.  

ފަހުޒަމާނުގެ ޢަލާމާތްތައް ގިނަ ބައަކު އޮޅުންފިލުވައި ދަސްކުރެއެވެ. މައްސަލައަކަށްވަނީ ތިމާއަށް ޢަމަލުކުރެވޭ ގޮތާއިމެދު ތިމާއަށް ކަންބޮޑުނުވެވޭތީއެވެ. ބިރުވެތިނުވެވޭތީއެވެ. އެފަދަ މީހުންނާ ކޮށްލަންޖެހޭ ސުވާލަކީ ތިއަ އޮޅުންފިލުވާ ކަންކަމުން ތިބާއަށް ކުރަނީ ކޮން ފައިދާއެއް ހެއްޔެވެ؟   

ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށް އީމާންވުމަށްފަހު އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަމަކަށް އޮތީ ނަމާދެވެ. ނަމަވެސް ގިނަ ބައަކު އެކަމަށް ޣާފިލުވެއްޖެއެވެ. ވަގުތުވުމުން ކޮށްލާ ކަމަކަށް ހަދައިފިއެވެ. އަދި ދިރިއުޅުމުގެ ކަންކަމަށް ސިކުނޑި ޣާފިލުކޮށްގެންހުރެ ކުރާ ކަމަކަށްވެސް ހަދައިފިއެވެ.  

"ތިމަން ރަސޫލާއަށްފަހު ޒަމާނެއް އަންނާނެއެވެ. އެ ޒަމާނުގައި އެމީހުންނަކީ ތިމަން ރަސޫލާގެ އުންމަތުގެ މީހުން ތެރެއިން ބައަކު އެމީހުންނަކީ މުސްލިމުން ކަމަށް ބުނަމުން އެމީހުން ނަމާދުކުރާނީ ރަނގަޅަކަށް (ކުރަންވީ ގޮތަކަށް) ނޫނެވެ. އުސް އިމާރާތްތައް ގިނަވެ ހުރިހާތަނަކުން ފެންނާނެއެވެ. މާތްﷲ ގަންދީ ހުވާކުރުން ގިނަވެގެންދާނެއެވެ. ނަމަވެސް އެމީހުން ކުރާ ހުވާ ނުފުއްދާނެއެވެ.

މީސްތަކުން އެކަކު އަނެކަކަށް ވަރަށް ގިނައިން އެއްޗެތިގޮވައި ލަޢްނަތްދޭނެއެވެ. ރިޝްވަތު ދިނުމާއި ފާހިޝް އަމަލުތައް ކުރުން ޢާންމުވެގެންދާނެއެވެ. މިދުނިޔޭގެ އުފާތައް ލިބިގަތުމަށްޓަކައި އާޚިރަތް މަތިން ހަނދާން ނައްތައިލާނެއެވެ."  

ކައު އިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވަވާފައިވަނީ މިކަންކަން އެމީހެއްގެ ހަޔާތުގައި ފެނިއްޖެނަމަ ރައްކައުތެރިކަން ހޯދުމަށެވެ. އެކަން ކަމާއި ކައިރިނުވެ ދުރުގައި ހުރެވޭނެ މަގެއް ހޯދުމަށެވެ. އެއީ ކުރަން ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ސަލާމަތްކަން އެދޭނަމަ އެއީ ކުރަންޖެހޭނެ ކަމެކެވެ.  

ނަމާދު ކުރުމުގައި ފަރުވާކުޑަކޮށް ކުރަންވީ ގޮތަށް ނުކުރާނެ ކަމަށް ޙަދީޘްފުޅު ކުރައްވަވާފައިވާ ބަސްފުޅުގެ މާނައިގައި އެއްވެސް ފަރުވާލެއް ނުބަހައްޓައި އަވަސް އަރުވާލައި ކަމަކަށް ކަމެއް ކޮށްލުމުގެ އުޞޫލުން ނަމާދުކުރުން ހިމެނެއެވެ. އެހާލަތުގައި ބަންގި ގޮވާވަގުތު އަންހެންކުއްޖަކާއި ބައްދަލުކުރަން އޮތް ނަމަ ނުވަތަ ދުނިޔަވީ އެއްވެސް ފައިދާއެއް ލިބޭނެ ކަމެއް އެވަގުތު ކުރަން އޮތް ނަމަ ދޫކޮށްލާނީ ނަމާދެވެ. ކުރާނީ ދުނިޔަވީ ފައިދާ ލިބޭނެ ކަންކަމެވެ.  

މިކަންކަމުން ރައްކައުތެރިވުމަށްޓަކައި ބެލުންތައް ތިރިކުރުމާއި ނުރަނގަޅު ވާހަކަތައް އަޑު ނުއެހުމާއި މިނޫންވެސް އެކަންކަމުން ރައްކައުތެރިވެ ސަލާމަތް ވެވޭނެ ގޮތްތައް ހޯދައި ރައްކައުތެރިވުން ހިމެނެއެވެ. މިޙާލަތަށް ކަންކަން ދާއިރު މިކަންކަން ހުއްޓުވަން ބޭނުންވާ މީހާއަށް އެކަން ކުރަން ހުރަސްތައް ކުރިމަތިވާނެއެވެ. އެކަންކަމުން ސަލާމަތްވުމަށް ކުރެވޭނެ ކަންތައްތައް ވެސް ވަރަށް މަދުވާނެއެވެ. މީސްތަކުން ވަށައިލެވިފައިވާނީ ހުރިހާ ނުބައި ކަންކަމުންނެވެ.

 

- ބިލާލް އައްސަދުގެ ދަރުސަކުން

 

މިއަދު އޮންލައިން