މައިންބަފައިންނަށާ އަނބިދަރިންނަށް ކޮށްދޭ ކަންކަމަށްވެސް އެންމެ ބޮޑަށް ރަޙްމަތް ލައްވަވާނެ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
މައިންބަފައިންނަށާ އަނބިދަރިންނަށް ކޮށްދޭ ކަންކަމަށްވެސް އެންމެ ބޮޑަށް ރަޙްމަތް ލައްވަވާނެ ގޮތް!

ފުރަތަމަ ކަމަކަށްވެސް ބުނެލަން އޮތީ އަނބިމީހާއަށް މިވެނިކަމެއް ކޮށްދިނިން، މައިންބަފައިންނަށް މިވެނިކަމެއް ކޮށްދިނިން، ދަރިންނަށާއި ޢާއިލާގެ މީހުންނަށް އަދި ފިރިންނަށްވެސް މިވެނިކަމެއް ކޮށްދިނިން ކަމަށް ކިޔުން ހުއްޓައިލާށެވެ. އެބަސް ދުލުން ބޭރުވެސް ނުކުރާށެވެ.  

އެގޮތުގައި ހުރެވޭނީ ކޮންމެ މީހަކުކަމުގައިވިޔަސް އެމީހަކުކުރާކަމަކީ ﷲ ތަޢާލާއަށްޓަކައި ކުރާ ކަމަކަށް ހަދައިގެންނެވެ. އަނެކާގެ ކިބައިން ފައިދާއަކަށް އެދިގެން ކުރުމުގެ ބަދަލުގައި ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބަށާއި ރަޙްމަތަށް އެދިގެން ކުރާ ކަމަކަށް ހެދުމުންނެވެ.   

އިންސާނާގެ މާތްކަން އިތުރުވެ ދަރަޖަ އުފުލެނީ އެމީހާގެ އިޚްލާޞްތެރިކަމާއި އޯގާތެރިކަން އިތުރުވުމުންނެވެ. އޯގާތެރިކަން އިތުރުކުރުމަށް ﷲ ތަޢާލާ ވަނީ އަނގަވައިފައެވެ. ވީމާ އޯގާތެރިކަމުން ހިތް ފުރާލަންވީ ﷲ ތަޢާލާއަށްޓަކައެވެ.  

އެނގޭ ހެއްޔެވެ؟ ﷲ ތަޢާލާއަށްޓަކައި މީސްތަކުންނަށް އޯގާތެރިވަމުންދާނަމަ އެމީހަކަށްޓަކައި ﷲ ތައާލާ އޯގާތެރިކަން އިތުރުކުރައްވަވާނެތެވެ. ވީއިރު ﷲ ތަޢާލާއަށްޓަކައި އަނބިދަރިންނަށް، ފިރިންނަށް، މައިންބަފައިންނަށް އޯގާތެރިކަން އިތުރުކުރާ މީހަކަށްވެސް ﷲ ތަޢާލާގެ ދީލަތިވަންތަކަމާއި އޯގާތެރިވަންތަކަން ކިހައި ވަރަކަށް އިތުރުކޮށް ދެއްވަވާނެ ހެއްޔެވެ؟  

އެއީ އަހަރެމެންނަށް ވަޒަންކުރަންވެސް އެނގޭނެ ކަންކަމެއް ނޫނެވެ! ނަމަވެސް ބައެއް މީހުން ވަރަށް ގިނައިން ބުނެއެވެ. "ހަޔާތުގެ ބައިވެރިޔާއަށް އަހަރެން މިހައި ރަނގަޅަށް ކަންކަން ކޮށްދޭއިރުވެސް އޭނާގެ ކިބައިން އެކަމެއް ނުފެނެއެވެ."  

ޙަޤީޤަތުގައިވެސް މިއީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މިބަސް ރައްދުމިކުރަނީ ވަކިމީހަކަށް ނޫނެވެ! ދެމަފިރިންނަށެވެ. އެކަމާއި ކަންބޮޑުވުން އެހައި ބޮޑުވަނީ ކީއްވެގެން ހެއްޔެވެ؟

ފުރަތަމަ ކަމަކީ ކަންކަން ކޮށްދޭއިރު އަނެކާގެ ކިބައިން ބަދަލަށް އެދެވޭތީއެވެ! އެއްވެސް މީހަކު އެއްވެސް މީހަކަށް އެއްވެސް ކަމެއް ކޮށްދޭން ޖެހޭނީ އަނެކާގެ ކިބައިން އެއްވެސް ކަމަކަށް އެދިގެނެއް ނޫނެވެ. އަދި އަނެކާގެ ކިބައިން އެއްވެސް ކަމަކަށް އިންތިޒާރުވެސް ކޮށްގެނެއް ނޫނެވެ.  

ކޮންމެ މީހަކު ކޮންމެ މީހަކަށް ކަމެއް ކޮށްދިން ނަމަވެސް ކޮށްދޭންވީ ﷲ ތަޢާލާއަށްޓަކައެވެ. އެކަމުގެ ސަވާބާއި ދަރުމަ ﷲ ތަޢާލާގެ ޙަޟްރަތުން އެދިގެނެނެވެ. އެއިރުން ބަދަލުގައި އަނެކަކު އެއްވެސް ކަމެއް ކޮށްނުދީގެން ކަންބޮޑުވާކަށް ނުޖެހޭނެއެވެ.  

ދެމަފިރިން ނަމަވެސް އެކަކު އަނެކަކަށް ކަންކަން ކޮށްދޭންވީ ﷲ ތަޢާލާއަށްޓަކައެވެ. ދެމަފިރިން އެކަކު އަނެކަކަށް ޚިދުމަތްކުރުމަކީ ވާޖިބެކެވެ. ވާޖިބު އަދާކުރުމަކީވެސް އަޅުކަމެކެވެ. ވާޖިބު އަދާކުރުމުން އެމީހަކަށް ޙައްޤު ސަވާބު ﷲ ތަޢާލާ ދެއްވަވާނެތެވެ.  

ކަން އޮތީ މިފަދައިން ނަމަވެސް ބައެއް ޙާލަތްތަކުގައި ތިމާ ރަނގަޅަށް ކަންކަން ކޮށްދިނުމުން އަނެކާ ބަދަލު ނުދޭތީ ހިތުގައި އުފެދޭ ޝަކުވާތައް ގިނަވެ ފޫހިކަން އިތުރުވެ ވަރިކުރުމާއި ހަމައަށް ކަންކަން އެބަދެއެވެ. އެހެން އެވަނީ ބަދަލަށް އެދިގެން ކަންކަން ކޮށްދެވޭތީއެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ސަވާބަށް އެދިގެން ކަންކަން ކޮށްދޭނަމަ އެއްވެސް ޝަކުވާއެއް ކުރާކަށް ނުޖެހޭނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން