އަނެއްކާވެސް އެއްހާސް އަހަރުން އެއުރެން އިތުރު رَسُولُ اللهގެ ފާނުންގެ މިންބަރުގެ އަރިހަށް حاضر ވެދާހުއްޓެވެ. ގޮސްދަންނަވާނެތޭ. ކަލޭގެފާނަކީ، މާތްރަސްކަލާނގެ حبيب އާއެވެ. އަޅުތަކުންނާއިމެދުގައި މެދުވެރިވެގަތުމަށް އެންމެ اَوْلَى ވެގެންވަނީވެސް حبيب އާއެވެ. ކަލޭގެފާނުން އެކަލާނގެކިބައަށް އަޅަމެނާއިމެދުގައި شَفَاعَة ތެރިވެވަޑައިގަންނަވާށެވެ. އަޅަމެން آدم ގެފާނުންގެ އަރިހުން، نُوح ގެފާނުންގެއަރިހުން إبراهيم ގެފާނުންގެ އަރިހުން، موسى ގެފާނުންގެއަރިހުން عيسى ގެފާނުންގެ އަރިހަށް ހިގައިފީމުއެވެ. އެކަލޭގެފާނުން އަޅަމެން حَوال ކުރެއްވީ ކަލޭގެފާނުންގެ މައްޗަށެވެ. ދެން ކަލޭގެފާނުން ފިއަވައި ދާނޭތަނެއްނުވެއެވެ.
އެކަލޭގެފާނުން حَدِيث ކުރައްވާހުއްޓެވެ. ތިމަންކަލޭގެފާނުން މިހުންނެވީ ތިޔަކަމަށެވެ. މާތްރަސްކަލާނގެ އެކަންދެއްވުމަށް ރުއްސަވާއަޅަކަށް އެކަންދެއްވަތްތޯ އިޒުނަފުޅު އެދޭހުށީމެވެ. ދެން އެކަލޭގެފާނުން عرشى ގެ އަރިހަށް ވަޑައިގެން إذن ފުޅު އެދިވަޑައިގަތުމުން اِذْن ފުޅު ދެއްވައިފާހުއްޓެވެ. ދެން އެކަލޭގެފާނުން سجدة އަށް ތިރިވެވަޑައިގެން އެއްހާސް އަހަރަށް سجدة ގައި އޮންނަވައިފާހުއްޓެވެ.
ދެން އިތުރު
އެކަލޭގެފާނުން މާތްރަސްކަލާގެ ކިބައަށް حَمْدُ ކުރައްވާން ފައްޓަވާހުށީ އެއިގެކުރީގައި މީހަކު حَمْدُ ނުކުރާ ފަދައަކުންނެވެ. އެކަލޭގެފާނުންވެސް އޭގެކުރީގައި އެފަދަ حمد އެއް ނުކުރައްވަތްމެއަ. އެއީ ހަމައެވަގުތު އެކަލޭގެފާނަށް އަންގަވާނޭ حَمد ތަކެކެވެ. عارف ންގެ ބައެއްބޭކަލުންބުނުއްވިޔޭ. އެއީ އަރަހުށި މާތްރަސްކަލާނގެ خلق ތަކުން ހައްދަވައި ނިންމެވިދުވަހު އެކަލާނގެ އެކަލާނގެ ޒާތުފުޅަށް ކުރެވި حمد އެވެ. ދެން عرش ތޮޅިލައިގެން ދާހުށި. ދެން އިތުރުއެކަލޭގެފާނަށް ލިޔެވިގެންވާ ފަތެއް ލިބިވަޑައިގެން ތެދުވެ ވަޑައިގެންފާހުއްޓެވެ. މި مقام ގައި އިހަށް ހެދުނުހާ މީހުނާ ފަހުން ހެދުނުހާ މީސްތަކުން އެކަލޭގެފާނަށް حمد ކުރާހުއްޓެވެ. مقام المحمود އަކީ މިއެވެ. މިބުނި ތަފާތުވާހަކަ އަހަރެމެން اِحْيَا ގައި ބަޔާން ކޮށްފައި ހުންނަހުއްޓެވެ.
ޒަކާތް ނުނެރޭ މީހުންގެ ކަރުގަ އެތަކެތި އެލުވިގެންދާނީ ބޮޑު ބިޔަ ފަރުބަދައެއްގެ ބަރުމިނުގައެވެ.
ޒަކާތް ނެރުމަށް ފަރުވާކުޑަކުރާ ގިނަ ބައަކު އުޅޭކަމީ ހިތާމަހުރިކަމެކެވެ. ޒަކާތް ނުނެރެ މިއަދު އުޅެވިދާނެއެވެ. ޤިޔާމަތް ދުވަހު އެމީހުންނަށް އުޅެންޖެހޭނެ ޙާލަށްވެސް ވިސްނައިލަމާ ހެއްޔެވެ؟ އެއިން ބައެއް ކަންކަން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ.
ވިސްނަވައިގެން ވިދާޅުވާށެވެ!
މިކަންތައްތައް (ޙިސާބު ބެއްލެވުން ލަސްވުން) ހިނގުމުގެ މުއްދަތުތަކުގައި މީސްތަކުންނަށް ކަންތައްބޮޑުވެ ދަތިވެފައި ވާނެއެވެ. حال ތައްނުބައިވެ ބިރުތައް ގަދަވެފައިވާނެއެވެ. ދުނިޔޭގައި ނު حقّ އެއްޗަކަށް ދަހިވެގެން އުޅުނު ކޮންމެމީހެއްގެ ކަރުގައި އެއެއްޗެއް އެޅެވިގެންވާނެއެވެ. ފަހެ جمل ގެ ޒަކާތްނުދީ ދަހިވެގެން އުޅުނުމީހުންގެ ކަރުގައި އެޒަކާތުގެ جمل ވާނީ އެލުވިގެންނެވެ. ގެރީގެ ޒަކާތްނުދޭ މީހުންގެ ކަރުގައި ގެރިތައް އެލުވިފައިހުންނަހުއްޓެވެ.
އެއިން ކޮންމެއެއްޗެއްގެ ބުރަދަން ފަރުބަދައެއްގެ ބުރަދަންހާ ވާނެއެވެ. އެތަކެތި ހޭރޭއަޑުގެ ގަދަކަން ހޮނުގުގުރި ކަހަލަވާހުއްޓެވެ. ގޮވާމުގެ ޒަކާތް ނުދޭ މީހުން އެތަކެތި ކޮނޑުމައްޗަށް އުފުލައިގެން އެއިން އުނދަގޫތައް ލިބިލިބި ތިބޭހުއްޓެވެ. މުދަލުގެ ޒަކާތް ނުދޭމީހުން އެތަކެތި ބޮޑުވިހަ ހަރުފައަކަށްވެގެން އައިސް ކަރުގައި އޮޅިގެން އުޅޭނެތެވެ.
މުދަލުގެ ޒަކާތެވެ މިއޮތީ ރަންރިހީގެ ޒަކާތަށެވެ. މިފަދަ ތަކެތީން ބުރަކަންލިބިގެން ރޮއިހޭރި މިއީކޮންފަދަ ކަމެއްބާވައޭ ގޮވައި ހަޅޭލައި އުޅުމުން މަލާއިކަތުން ޖަވާބުދެއްވާނެތޭ. ތިބާއީ ތިޔަބައިމީހުން ދުނިޔޭގައިއުޅުނު އިރު فرض ވީ زكوة ނުދީ ދަހިވެތިވީ ތަކެއްޗެވެ. މިއީ މާތްރަސްކަލާނގެ وَحِى ކުރެއްވި މި آية ގައި އެވާ ފަދައިންނެވެ. سَيُطَوَّقُوْنَ مَابَخِلُوابِهِ يَوْمَ الْقِيَامةِ މި آية ގެ معن އީ އެއުރެން ދަހިވެތިވެގެން ހިފަހައްޓާ ތަކެތި قِيَامة ދުވަހުން އެމީހުންގެ ކަނދުރާގައި އޮޅޭހުއްޓެވެ.
ޒިނޭކުރާ، ލިވާޠްކުރާ، ދޮގުހަދާ މީހުން މަޙްޝަރު މައިދާނުގައިވެސް ތިބޭނީ ވަރަށް ބިރުވެރި ޙާލަތުގަ-
އަނެއް ބަޔަކު މީހުންގެ عَيْبُ ގުނަންތައް ބޮޑުވެ ނުކުޅަދާނަވަރުވެ އެތަންތަނުން ފައިބާ ފައު ދިޔަވަރުގެ ކުނިކަމުން ކައިރިވެއްޖެމީހަކަށް ވިއްޔާ އުނދަގޫ ލިބޭނެއެވެ. (ޒިނޭކުރާ މީހުން) އަނެއްބަޔަކު އަލިފާނުން ހުންނަ އުލުގައި ބެއިންދިގެންވާނެއެވެ. (ލިވާޠްކުރި މީހުން) އަނެއްބަޔަކުގެ ދޫތައް މޭމަތީން ނުކުމެ ނުހަނު ހުތުރު ކަންބޮޑުވެގެންވާ ހުއްޓެވެ. (ދޮގުހަދާ މީހުން)
މިއީ ޒިނޭކުރާމީހުނާއި لِوَاط ކުރާމީހުނާއި ދޮގުހަދާމީހުންނެވެ.
އަނެއްބަޔަކު ބޮޑުވެ ފަރުބަދައެއްހެން ވެގެންއުޅޭނެތެވެ. އެއި ސޫދުކާމީހުންނެވެ. ކޮންމެ ފާފައަކުގެވެރިއަކު ކިބައިން އެފާފައެއްގެ ނުބައިކަން ފާޅުވެ އެކަމަކުން ނުލާހިކު އުނދަގޫ ލިބިގެންވާހުއްޓެވެ.
- ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" ފޮތުން