ލޮބުވެތި އަޚުންނާއި އުޚްތުން! ރަމަޟާންމަހުގައި އަދި އެނޫންވެސް މައްސަރުތަކުގައި ކުރެވޭނެ އެންމެ މަތިވެރި އެއް އަޅުކަމަކީ ޢިލްމީ ދަރުސްތަކުގެ ޙަލަޤާތަކަށް ޙާޟިރުވެ ފައިދާ ލިބިގަތުން.
ރަސޫލުﷲ ﷺ އެއްދުވަހަކު އަޞްޙާބު ބޭކަލުންގެ ޙަލަޤާއެއްގެ ތެރެއަށް ނިކުމެވަޑައިގެން ސުވާލުކުރެއްވިއެވެ. "ތިޔަބޭކަލުން ތިޔަ ތިއްބެވީ ކީއްކުރަންތޯއެވެ؟"
އެބޭކަލުން ދެންނެވިއެވެ. "އަހަރެމެން މިތިބީ އިސްލާމްދީނުގެ ތެދުމަގު އަޅަމެންނަށް ދައްކަވައި، ކަލޭގެފާނު ރަސޫލުކަމައިގެން ފޮނުއްވަވައިގެން އަހަރެމެންނަށް މިންވަރުކުރެއްވި ނިޢުމަތަށްޓަކައި، މާތް ﷲ އަށް ދުޢާކޮށް އެކަލާނގެއަށް ޙަމްދާއި ޝުކުރު ކުރުމަށެވެ."
ދެން އެކަލޭގެފާނު ސުވާލުކުރެއްވިއެވެ. "ﷲ ގަންދީ ބުނާށެވެ! ތިޔަބޭކަލުން ތިޔަ ތިއްބެވީ ހަމައެކަނި އެކަމަށްޓަކައި ހެއްޔެވެ؟"
އެބޭކަލުން ދެންނެވިއެވެ. "ﷲ ގަންދީ ދަންނަވަމެވެ. އަހަރެމެން މިތިބީ ހަމައެކަނި އެކަމަށްޓަކައެވެ."
އެހިނދު ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. "ދަންނާށެވެ! ތިޔަބޭކަލުން ލައްވާ ހުވާކުރުވީ ތިޔަބޭކަލުންގެ އިޚްލާޞްތެރިކަމާމެދު ތުހުމަތެއް އޮވެގެނެއް ނޫނެވެ. އެހެނަސް، ޖިބްރީލްގެފާނު ތިމަންކަލޭގެފާނުގެ ގާތަށް ވަޑައިގެން، ތިޔަބޭކަލުންނާ މެދު މާތްﷲ މަލާއިކަތުންގެ ކުރިފުޅުމަތީގައި ފަޚުރުވެރިވެވޮޑިގަންނަވާކަމުގެ ޚަބަރު ދެއްވައިފިއެވެ."
- ޝައިޚް މުޙައްމަދު ޝާފިޢު
أخرجه النسائي (5426) واللفظ له، ومسلم (2701)، والترمذي (3379) وصححه الألباني في صحيح النسائي 5441