ދަރިން ނަރަކައިން ސަލާމަތްކުރެވޭނީވެސް އަދި ހަރުދަނާ މީހެއްގެ ގޮތުގަ ތަރުބިއްޔަތުކުރެވޭނީވެސް ބައްޕަ ނަމޫނާ ދައްކައި ވަޤުވެސްދީގެން!: ޝައިޚް ޢަލީ ހައްމުދާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 29ސ
ދަރިން ނަރަކައިން ސަލާމަތްކުރެވޭނީވެސް އަދި ހަރުދަނާ މީހެއްގެ ގޮތުގަ ތަރުބިއްޔަތުކުރެވޭނީވެސް ބައްޕަ ނަމޫނާ ދައްކައި ވަޤުވެސްދީގެން!: ޝައިޚް ޢަލީ ހައްމުދާ

ޒިންމާދާރު ބައްޕައިންނަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ ބައެކެވެ. އެއީ ޢާއިލާގެ ކަންކަމަށް ބޭނުންވާ ފައިސާ ހޯދުމަކީ ފަސޭހައިން ކުރެވޭކަމަށް ނުވާތީއެވެ. އެހެންކަމާއިއެކުވެސް ދަރިންނަށް ވަޤުތުދޭން އެބަޖެހެއެވެ. ދިރިއުޅުންވީ ރަނގަޅު ނަމޫނާ ދަރިންނަށް ދައްކައިދޭން އެބަޖެހެއެވެ. 

ތިމާ ނަރަކައިން ސަލާމަތްވާން މަސައްކަތްކުރުމަކުން އަދި ނުނިމެއެވެ. އެމީހެއްގެ ބެލެނިވެރިކަމުގެދަށުގައިވާ އެންމެން ނަރަކައިން ސަލާމްތަކުރަން މަސައްކަތްކުރުމަކީ ވެސް ކޮންމެ މީހެއްގެ ވެސް އެންމެ ބޮޑު އެއް މަސްއޫލިއްޔަތެވެ. "ތިބާ އާއި ތިބާގެ އަހުލުވެރިން ނަރަކައިން ސަލާމަތްކުރާށެވެ!" އޮތް ވަޙީ ބަސްފުޅަށް ޢަމަލުކުރަންވާނެއެވެ. 

" އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުންގެ އަމިއްލަ ނަފްސްތަކާއި، ތިއަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރުކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ." (އައްތަޙްރީމް: 6)

ޤިޔާމަތް ދުވަހު ކޮންމެ މީހަކާއިވެސް އެމީހަކު ދުނިޔޭގައި އުޅުނު އިރު ކުރި އަމަލުތަކާއިމެދު ﷲ ތަޢާލާ ސުވާލުކުރައްވަވާނެތެވެ. އެއިގެ އިތުރުން އެމީހެއްގެ ޢާއިލާ ނަރަކައިން ސަލާމަތްކުރަން އެމީހަކު ކުރީ ކޮން ކަމެއްތޯވެސް ސުވާލު ކުރައްވަވާނެތެވެ. ޖެހޭނީ ހަމަ ޖަވާބުދޭށެވެ! 

މިޚުޠުބާގައި އަހަރެން ޚާއްޞަކޮށް މިބަލައިލަނީ ބައްޕައިންގެ މަސްއޫލިއްޔަތަށެވެ. ގިނަ ބައްޕައިންނަށް ޤަބޫލުކުރެވިފައި އޮންނަނީ ބައްޕައެއްގެ މަސްއޫލިއްޔަތަކީ ގެއަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެންވެސް ތަކެތި ވެއްދުމާއި ސްކޫލަށް ކުދިން ފޮނުވުމާއި ބަލިވުމުން ބޭސްކޮށްދިނުން ފަދަ ކަންކަން ކުރުން ކަމަށެވެ.  

ގިނަ މައިންނަށް ޤަބޫލުކުރެވިފައި އޮންނަނީ އެމީހުންގެ ޒިންމާއަކީ ދަރިން ވިހެއުމާއި ކުދިން ފެންވެރުވުމާއި ފެންވަރުވައި ރީތިކުރުމާއި އެނޫންވެސް ކުދިންނަށް ބޭނުންވާ ކަންކަން ކޮށްދިނުން ކަމަށެވެ.  

މިފަދަ ކޮންމެ ކަމަކީވެސް ދުނިޔަވީ ގޮތުން އެކުދިންނަށް ބޭނުންވާ ކަންކަމެވެ. މިކަންކަން ކޮށްދިނުމަކީވެސް މައިންބަފައިންގެ ޒިންމާއެކެވެ. ނަމަވެސް އެންމެ ބޮޑު ޒިންމާއަކީ ދަރިން ނަރަކައިން ސަލާމަތްކުރުމެވެ. ދަރިންނަށް އާޚިރަތް ހޯދައިދޭން ގަދައަޅައި މަސައްކަތްކުރުމެވެ.  

ފިރިހެނުންނޭވެ! އަނބިންނާއި ދަރިން ނަރަކައިން ސަލާމަތްކުރަން މަސައްކަތްކުރުމަކީ ކޮންމެ ފިރިހެނެއްގެވެސް އެންމެ ބޮޑު މަސްއޫލިޔަތެވެ. އެ މަސްއޫލިއްޔަތު އަދާކުރަން އެންމެ ބޮޑަށް ކުރަން ޖެހޭ ކަމަކީ ވީހައި ގިނަ ވަގުތު އަނބިދަރިންނާއިއެކު ގޭގައި ހޭދަކުރުމެވެ. ލިބޭ ހުސްވަތުތުތައް އެކުވެރިންނާއިއެކު ހޭދަކޮށްގެން އަނބިދަރިން ނަރައިން ސަލާމަތެއް ނުކުރެވޭނެއެވެ. 

ފިރިހެނުންނޭވެ! ތިއަބައިމީހުން ގޭގައި ވަގުތު ހޭދަނުކުރުމުން ޢާއިލީ ގުޅުންތައް ކެނޑިގެންދެއެވެ. އަނބިދަރިން ގޯޅި އަޅައެވެ. ތިބާގެ އިހުމާލުން އެފަދަ ގޮތްތައް މެދުވެރިވުމުން ޤިޔާމަތް ދުވަހު ﷲ ތައާލާގެ ޙަޟްރަތުގައި ދަންނަވާނީ ކީކޭހެއްޔެވެ؟ ތިމަން އަޅާ ކޮފީ ޝޮޕްތަކުގައި ވަގުތު ހޭދަކުރީ ގެއަށް ކާބޯތަކެތި ވައްދާފައި ކަމަށް ދަންނަވައިގެން ސަލާމަތްވެވޭނެ ހެއްޔެވެ؟ ހަމަހިލާ އެކަން އެހެނެއް ނުފުދޭނެއެވެ!  

ތިބާގެ ފަރުވާކުޑަކަމުން ދަރިންގެ ކަންކަން ނުބެލުމަށްފަހު ދަރިން ބޯއިފްރެންޑް ގެންގުޅޭ ވާހަކަ އާއި ދަރިން މަސްތުވާތަކެތި ބޭނުންކުރާ ވާހަކަ ދެއްކުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އަނބިމިހާއަށް ދޭން ޖެހޭ ވަގުތާއި ލޯބި ނުދީ ހުރެ އަނބިންގެ ކިބައިން އަޅައިލުމާއި ލޯބި ނުލިބޭ ކަމުގެ ޝަކުވާ ކުރެވޭނެ ހެއްޔެވެ؟ ޒަމާން ފަސްވެ ސޯޝަލް މީޑިއާގެ ވަބާ ޢާންމުވެ އަނބިންނަށް ރަނގަޅަށް ކަންކަން ކޮށްދިން ނަމަވެސް ބައެއް ފަހަރު މިއުޅެން ޖެހެނީ ސަލާމަތްނުވެވިގެންނެވެ. ވީއިރު އަދި އިހްމާލުވީމާ ދެން ވާނީ ކިހިނަކުން ހެއްޔެވެ؟ 

މީސްތަކުންނޭވެ! ދުނިޔެ އުޅުމަކީ އުޅެން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅޭނަމަ ކުރަން ވަރަށް ފަސޭހަ ކަމެކެވެ. ދުނިޔޭގައި ތިބާ ކުރާ ކޮންމެ އަމަލަކީ ސަވާބު ލިބޭ އަމަލަކަށްވެސް ހެދިދާނެއެވެ! އަދި ފާފަވެރިވެ ޢަޒާބު ލިބޭ އަމަލަކަށް ވެސް ހެދިދާނެއެވެ. ވަގުތު ލިބޭވަރަކުން ޢާއިލާ އާއިއެކު ވަގުތު ހޭދަކުރާނަމަ ކުރެވެމުން އެދަނީ އަޅުކަމެކެވެ. ސަވާބު ދާނީ އިތުރުވަމުންނެވެ. އެދެވެނީ ސުވަރުގޭގެ ދޮރުކޮޅުތަކާއި ކައިރިވެވެމުންނެވެ.

 

- ޝައިޚް ޢަލީ ހައްމުދާގެ ޚުޠުބާއަކުން

 

މިއަދު އޮންލައިން