މައިންބަފައިންނަށްވުރެ އެކުވެރިންނަށް އިސްކަންދޭ ދަރިން ގިނަވާ މައްސަލައިގަ މައިންބަފައިން ވިސްނަންޖެހޭނެ ކަންކަން އެބަހުރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
މައިންބަފައިންނަށްވުރެ އެކުވެރިންނަށް އިސްކަންދޭ ދަރިން ގިނަވާ މައްސަލައިގަ މައިންބަފައިން ވިސްނަންޖެހޭނެ ކަންކަން އެބަހުރި!

"އަޅުގަނޑުގެ ދަރިފުޅު އުޅެނީ ގްރޭޑް 8 ގައެވެ. ބުނާހައި ކަމެއް ކޮށްދެމެވެ. އެކަމަކު އޭނާ ޤަބޫލުކުރަނީ އެކުވެރިންގެ ބަހެވެ. އުޅެން ބޭނުންވަނީ އެކުވެރިން ބުނާ ގޮތަށެވެ." މފަދަ ވާހަކަތައް ބުނާ ބެލެނިވެރިން މަދެއް ނޫނެވެ. އެހެންކަމުން މިގެނެސްދެނީ ބެލެނިވެރިން ވބިސްނައިލުން މުހިންމު ލިޔުމެކެވެ.  

މިހާރުގެ ގިނަ ކުދިން ގޯޅިއަޅައިގެން ނުބައިމަގުން ދަނީ އެކުގައި އުޅޭ ކުދިންގެ ސަބަބުންކަމަށް ގިނަ ބައަކު ބުނެއެވެ. އެގޮތަށް އެކަން ޤަބޫލުވެސް ކުރެއެވެ. ސުވާލަކީ އެކަމަށް އޮތް ޙައްލަކީ ކޮބައިހެއްޔެވެ؟ އެކަން ޤަބޫލުކޮށްގެން ތިބުމުން ދަރިން އެކަމުން ސަލާމަތްކުރެވޭނެ ހެއްޔެވެ؟

ދަރިންނަށް ބޭނުންވާ ހުރިހާ ކަންކަން ކޮށްދިނުމާއި ސްކޫލަށް ފޮނުވުމަށްވުރެވެސް މުހިންމީ އެކުދިން ބޮޑެތިވަމުން އަންނަ އިރު އެކުދިންގެ ކަންކަން ބެލެހެއްޓުމެވެ. އެކުގައި އުޅޭ އެކުވެރިންގެ ކަންކަން ދެނެގަތުމެވެ.  

މިއަދު މުޖުތަމައުގައި އުޅޭ ގިނަ މީހުންނަކީ ދީނީ ކަންކަމަށް ސަމާލުކަންދޭ ބައެއް ނޫނެވެ. މުންކަރާތްތަކަށް އަރައިގަންނަ، ބޮޑެތި ފާފަތައް ކުރާ މީހުން ވެސް މަދެއް ނޫނެވެ. މިފަދަ މީހަކާއި އެކުވެރިވެވިއްޖެނަމަ ދަރިފުޅުގެ ދެ ދުނިޔެ ގެއްލުނީއެވެ. އެހެނީ ކުދިން ބޮޑެތިވަމުން އަންނައިރު ބޮޑަށް ސަމާލުކަން ދޭނީ އެކުވެރިންނަށެވެ. އެކުވެރިން ކުރާ ކަންކަން ކުރުމަށެވެ.  

ޤަބޫލުކުރެވުނު ނަމަވެސް ނުކުރެވުނު ނަމަވެސް ގިނަ ކުދިން މައިންބަފައިންނަށް ތެދުވެރި ނުވި ނަމަވެސް އެކުވެރިންނަށް ތެދުވެރިވާނެއެވެ. މައިން ބަފައިންގެ ގާތުގައި ދޮގެއް ހަދާފައި ނަމަވެސް އެކުވެރިންގެ ގާތަށް ދާކަމާއި އެކުވެރިން ކުރާ ކަންކަމުގައި ބައިވެރިވާކަން އެއީ މިކަމުގެ ހެއްކެކެވެ. މައިންބަފައިން ދޭ ނަޞޭހަތަށްވުރެ އެކުވެރިންގެ ބަސް ޤަބޫލުކުރުން ގިނަވުން އެއީވެސް މިކަމުގެ ހެއްކެކެވެ. ވީމާ ކޮންމެ ބެލެނިވެރިއަކުވެސް މިކަންކަމަށް ހޭލުންތެރިވާން އެބަޖެހެއެވެ. ދަރިން ބޮޑުވެއްޖެ ކަމަށް އަތްދޫކޮށްލުމެއް ނެތެވެ. ބަލަހައްޓަން ވަރަށް ބޮޑަށް މަސައްކަތްކުރަން އެބަ ޖެހެއެވެ.  

ބަލަހައްޓަން އެންމެ ބޮޑަށްޖެހޭ ޢުމުރުގައި އެކަން ނުކުރެވިއްޖެނަމަ ފަހަތުން އަރައި ހަމަކުރުމަކީ ކުރަން އެންމެ އުނދަގޫ އެއްކަންތަކެވެ. ނަމަވެސް އެއުމުރުގައި ރަނގަޅަށް ބެލެހެއްޓިއްޖެނަމަ ފަހުން އެކަން ބުރައެއް ނުވާނެއެވެ.

 

- ޝައިޚް ޢަލީ ހައްމުދާގެ ޚުޠުބާއަކުން

 

 

މިއަދު އޮންލައިން