އަހުރެންނާއި ބަދަލުވެ ވާހަކަ ދެއްކި މީހުންގެ ތެރޭގައި ގިނައީ އެމީހުން ކުރަން ބޭނުންވި ކަންތައް ނުކުރެވުނީތީ އެވަޤުތު ދެރަވިނަމަވެސް ފަހުން އެކަމަށް އުފާކުރާ މީހުންނެވެ. އެކަން އެގޮތަށް މެދުވެރިވަނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. އެއީ ﷲ ތަޢާލާ ދެއްވަވާ ވަރަށް ވަރުގަަދ މެސެޖެކެވެ.
އެމެސެޖަކީ އަހުރެމެންނަށް އެންމެ ފައިދާހުރި، އެންމެ ރަނގަޅުގޮތް އަހުރެމެންނަށް ނުއެނގޭނެ ކަމާއި އެކަން ދެނެވޮޑިގެންވަނީ ﷲ ތަޢާލާ ކަމެވެ. އަހުރެމެންނަށް އޮތީ މިނަވަރަށް އީމާންވުންކަމެވެ. ކުރަން ބޭނުންވި ކަމެއް ނުކުރެވޭއިރަށް ހާސްވެ ކަންބޮޑުވުން ނޫންކަމެވެ.
އެންޒައިޓީގެ މައްސަލަތައް ކުރިމަތިވާ ގިނަ މީހުންނަށް ބަލާށެވެ! އެމީހުންނަށް ހެދޭ އެއްގޯހަކީ ޙާޞިލުނުކުރެވޭ ކަންކަމުގެ ލިސްޓް ލިޔަމުން ގެންދިއުމެވެ. ދުވަސްކޮޅެއްވާއިރު އެލިސްޓް ވަރަށް ދިގުވެއެވެ. ދެން ވިސްނަނެނީ ތިމާއަކީ ފޭލްވެފައިވާ މީހެއްކަމަށާއި އެދޭ އެއްވެސް ކަމެއް ޙާޞިލުނުކުރެވޭނެ ކަމަށެވެ. އަދި ތިމާއަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުންވެސް ގެއްލިފައިވާ މީހަކު ކަމަށެވެ.
ޙަޤީޤަތަކީ އެއީއެއް ނޫނެވެ. އޭނާ އެވަނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅުންގެތެރޭގައެވެ. އެހެންވެ އޭނާއަށް ދެރައެއް ލިބިދާނެ ކަންކަމުން އޭނާ ސަލާމަތްކުރައްވަވަނީއެވެ. ވީމާ ޙަޤީޤަތަކީ އޭނާއަށް ހެޔޮގޮތްތައް ﷲ ތަޢާލާ މިންވަރުކުރައްވަވާ ކަމެވެ. އެންޒައިޓީގެ މައްސަލަތައް އެހާފަސޭހައިން ކުރިމަތިވަނީ މިކަންކަން ނުވިސްނޭތީއެވެ.
- މަޢުޅުމާތު: އުސްތާޛާ ޔާސްމީން މުޤާހިދުގެ ދަރުސަކުން / މިއަދުނޫސް