އެންމެ ފައިދާހުރި ގޮތަށް ނުނިދާ މީހަކަށް އެވެވެނީ ވަރަށް ބޮޑު އިހްމާލެއް! އެނަގައިލެވެނީ ލިބެން އޮތް އެންމެ ފައިދާހުރި ފުރުޞަތު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 33ސ
އެންމެ ފައިދާހުރި ގޮތަށް ނުނިދާ މީހަކަށް އެވެވެނީ ވަރަށް ބޮޑު އިހްމާލެއް! އެނަގައިލެވެނީ ލިބެން އޮތް އެންމެ ފައިދާހުރި ފުރުޞަތު!

ފުރަތަމަ ކަމަކަށް އަރާމުގައި ނިދައިލެވުމަކީވެސް ﷲ ތަޢާލާ ދެއްވަވާ ވަރަށް ބޮޑު ނިޢުމަތެކެވެ.

ފަސޭހައިން ނިދޭ މީހުންނަށް އެކަން އިޙްޞާޞް ނުކުރެވިދާނެއެވެ. އެކަން އިޙްޞާޞްކުރެވޭނީ ނިދަން މަސައްކަތްކުރުމުން ނުނިދިގެން އުޅެންޖެހޭ މީހުންނަށެވެ. ރަނގަޅަށް ނުނިދުނީމާ ދިމާވާ އުނދަގޫތައް އިޙްޞާޞްކުރެވޭނީވެސް އެޙާލުގައި އުޅެންޖެހޭ މީހުންނަށެވެ. 

މިހާރަކަށް އައިސް ގިނަ ބައަކު ނިދަން ގެއަށް ވަންނަނީ ނިދިއައިސް ކެތްނުކުރެވޭވަރުވުމުންނެވެ. ގޭގައި ތިބޭ މީހުން ނިދަން އޮށޯންނަނީ ޓީވީ ބެލުން، ސޯޝަލް މީޑިއާގައި ޙަރަކާތްތެރިވުން ފަދަ ކޮންމެވެސް ކަމެއް ކުރަމުންގޮސް ނިދިޖެހުމުންނެވެ.  

މިޙާލަތުގައި ވަރުބަލިވެފައި ހުންނަވަރުން ނިދުމުގެ ކުރިން ކިޔަންޖެހޭ ޛިކުރުތައް ކިޔުމަށް އޮންނަނީ ފަރުވާކުޑަކުރެވިފައެވެ. ނުކީފައެވެ. އެހެންކަމުން ވިސްނައިލާށެވެ!  

މަރުވުމަށްފަހު މާތް ﷲ އެކަލާނގެ ހެއްދެވި ފުރާނަ އެކަލާނގެ ޙަޟްރަތަށް އަނބުރާ ގެންދަވާނެކަން ކީރިތި ޤުރްޢާނުންނާއި ރަސޫލާ صلّى الله عليه وسلّم ގެ ހަދީޘްފުޅުތަކުން ހާމަ ވެގެންދެއެވެ. މަރުވާ ވަގުތުގައާއި އިންސާނާ ނިދާފައި އޮންނަ ވަގުތުގައި ވެސް، އެއިންސާނާގެ ފުރާނަ ގެންދަވާ ފަރާތަކީ އަހަރެމެންގެ ވެރިރަސްކަލާނގެއެވެ. 

ކޮންމެ ފަހަރަކު ވެސް ނިދާފައި އޮންނަ ވަގުތު، މާތް ﷲ އެއިންސާނެއްގެ ފުރާނަ ގެންދަވައެވެ. އޭގެ ތެރެއިން އެފުރާނަ އަލުން އަނބުރާ ހަށިގަނޑަށް ލައްވާ، ދުނިޔޭގައި ދިރިއުޅެން އިތުރު ފުރުސަތެއް ދެއްވަވާނީ ކޮންބައަކަށްކަން ކަނޑައަޅުއްވަވާ ފަރާތަކީ ވެސް ހަމަކަށަވަރުން މާތް ﷲ އެވެ. ދުނިޔޭގައި ދިރިއުޅެން އިތުރު ފުރުސަތެއް ލިބުމުގެ ނިއުމަތް އެކަލާނގެ މިންވަރު ކުރައްވަވާ ފަރާތެއްގެ ފުރާނަ އަނބުރާ އެހަށިގަނޑަށް ގޮސް ވަނުމުގެ ހުއްދަ އެކަލާނގެ ދެއްވަވައެވެ. 

ނަމަވެސް އެހުއްދަ ނުދެއްވާ ފުރާނަތައް، އެކަލާނގެ ގެންދަވައެވެ. ނިދީގައި މިދުނިޔެއާއި އަލްވަދާއު ކިޔަންޖެހެނީ އެފަދަ މީހުންނަށެވެ.

ނިދުމުގެކުރިން ކިޔަންޖެހޭ ޛިކުރުތައް ނުކިޔާ ނިދާ މީހުން ނިދީގައި މަރުވެއްޖެނަމަ އެއީ ހިތާމަހުރި ކަމެކެވެ. ސަބަބަކީ މަރުމަތީގައި ހެޔޮޢަމަލުކުރުމުން އޭނާ މަޙްރޫމްވާތީއެވެ. އެއީ ހިތާމަހުރި ކަމެކެވެ. ވީމާ ނިދުމުގެ ކުރިން ކިޔަންޖެހޭ ޛިކުރުތައް ކިޔަން ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ.

މީގެ މާނައަކީ ނިދަން އޮށޯންނަ ކޮންމެ ފަހަރަކު، ނިދިން ހާލެވި އަލުން އަނބުރާ ތެދުވެވި ދާނެ ކަމުގެ ޔަޤީންކަމާއިއެކު އޮށޯންނަން ނުވާނެ ކަމެވެ. އަލުން އަނބުރާ އެނިދިން ހޭލެވޭނެ ކަމުގެ އޮންނާނީ ކޮން ޔަޤީންކަމެއް ހެއްޔެވެ؟ އެހެންކަމުން ނިދަން އޮށޯންނަ ކޮންމެ ފަހަރަކުވެސް އޮށޯންނަން ވާނީ، ދެން އޮތް ދުނިޔެއަށް ދާން ޖެހިދާނެ ކަމަށް ތައްޔާރު ވެގެންނެވެ. އަދި މާތް ﷲ ގެ އިރާދަފުޅާއިއެކު އަނެއް ދުވަހަށް ލޯހުޅުވިއްޖެ މީހަކު، އެކަލާނގެއަށް ޙަމްދު ކުރަން ވާނެއެވެ. ފުރާނަ އަނބުރާ އެހަށިގަނޑުގައި ލެއްވެވީތީއެވެ. 

މާތް ނަބިއްޔާ މުޙައްމަދު صلّى الله عليه وسلّم ޙަދީޘް ކުރެއްވިއެވެ. 

"އަނެއް ދުވަހަށް ނިދިން ހޭލެވޭ ހިނދު، އެދުވަހެއްގެ ނިދާވަގުތު ޖެހުމުގެ ކުރިން، ތިމާއަށް މިދުނިޔޭގައާއި އާޚިރަތުގައި ފައިދާ ކުރާނެފަދަ ގޮތަކަށް އެދުވަސް ހޭދަކުރަން ވީހާވެސް ބޮޑަށް އިސްކަން ދޭންވާނެއެވެ. އެއީ އެދުވަހަކީ ތިމާއަށް ދެވޭ އެންމެ ފަހު ފުރުސަތު ކަމުގައިވެސް ވެދާނެ ކަމަށްޓަކައެވެ." މީގެ އިތުރުން ރަސޫލާ صلّى الله عليه وسلّم ޙަދީޘް ކުރައްވާފައިވަނީ، ނިދުމުގެ ކުރިން ސޫރަތުލް-މުލްކް (67 ވަނަ ސޫރަތް) ކިޔެވުމަށް ހަނދުމަ ކުރުމަށެވެ. 

ސޫރަތުލް- މުލްކް ކިޔަވާ ފަރާތެއް ކަށްވަޅުގެ އަޒާބުން ސަލާމަތް ކުރައްވާނެ ކަމަށް މާތް ނަބިއްޔާ صلّى الله عليه وسلّم ޙަދީޘްކުރައްވާފައިވެއެވެ. 

ކީރިތި ޤުރްޢާނުގައި الله سبحانه وتعالى ވަޙީ ކުރައްވާފައިވަނީ "އެއިންސާނާ މަރުވުމުގެ ވަގުތު ޖެހުމުން، ފުރާނަ ގެންދަވާ ފަރާތަކީ ތިމަންރަސްކަލާނގެއެވެ. އަދި ނިދީގެ ވަގުތުގައި މިދުނިޔެއާއި ވަކިނުވާ އިންސާނުންގެ ފުރާނަވެސް ގެންދަވާ ފަރާތަކީ ތިމަންރަސްކަލާނގެއެވެ. މަރުވުމަށް ކަނޑައެޅިފައިވާ ފުރާނަތައް މިދުނިޔެއާއި ވަކިވާ ހުއްޓެވެ. އަދި އެހެން ފުރާނަތައް އެބައަކަށް ކަނޑައެޅިފައިވާ ވަގުތު ޖެހެންދެން އަނބުރާ ފޮނުއްވެވޭ ހުއްޓެވެ. ހަމަކަށަވަރުން މިއީ ރަނގަޅަށް ވިސްނައިފި މީހަކަށް ހުރި ހެކިތަކެކެވެ."

(ޤުރްއާން 39:42)

 

މިއަދު އޮންލައިން