ﷲ ތަޢާލާގެ ވަޙީ މަސްފުޅުގައިވަނީ މިފަދައިންނެވެ.
"އެކަލާނގެ ވަޙީ ކުރައްވާނެތެވެ. ތިޔަބައިމީހުން ކިތައް އަހަރު ބިމުގައި ތިބީމުހެއްޔެވެ؟"
"އެއުރެން ދަންނަވާނެތެވެ. ތިމަންމެން ތިބީ، އެންމެ ދުވަހަކުއެވެ. ނުވަތަ ދުވަހެއްގެ ބައެއްގައެވެ. ފަހެ، ހިސާބުކޮށް އަދަދުކުރާ މީހުންނާ ސުއާލު ކުރައްވާށެވެ!"
(އަލްމުއްމިނޫން: 112، 113)
މިއަދު މީސްތަކުން ދުނިޔެ ލިބިގަންނަން ތެޅިފޮޅެނީއެވެ. އާޚިރަތާއިމެދު ވިސްނައިލުމެއްވެސް ނެތެވެ. އެއީ ބިރުވެރިކަމުން ފުރިގެންވާ ދުވަހެއްކަމާއި ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓި ތިބޭއިރު ތިމާމެންނަށް އެހީތެރިވެދޭނެ ހަމައެކަކުވެސް ނުހުންނާނެކަންވެސް ނުވިސްނެނީއެވެ. ދުނިޔޭގެ އެންމެ މުއްސަނދި މީހާކަމަށް ވެވުނަސް އެކަމުން ކުރާނެ ފައިޑާއެއް ނެތްކަންވެސް ނުވިސްނެނީއެވެ.
އެދުވަހު މީސްތަކުންގެ ޙާލަތު ހުންނާނެ ގޮތް މިބަޔާންކުރީއެވެ. ގަނެފައި ތިބޭ ބިރު ބޮޑުކަމުން ދުނިޔޭގައި އެމީހެއްގެ ބޮޑު 100 ގަނޑުވަރު ހުރިނަމަވެސް އެކަންވެސް ހަނދާނެއް ނުވާނެއެވެ. އެއްވެސް ކަމެއް ހަނދާން ހުންނާނެ ނަމަ ދުނިޔޭގައި ކިތައް އަހަރު އުޅެވުނުކަން ހަނދާންހުރީސް ނޫންހެއްޔެވެ؟
އެވަރުންވެސް ޝައުޤުވެރިމިވެވެނީ ދުނިޔެއަށެވެ. އާޚިރަތަށް ސަމާލުކަމެއް ނުދެވެއެވެ. އެދުވަހުގެ ބިރުވެރިކަމާއިމެދު ވިސްނައެއް ނުލައެވެ. އަހުރެންގެ އާދޭހަކީ އާޚިރަތް ލިބިގަންނަން ކުރާ މަސައްކަތް އިތުރުކުރުމެވެ. އެދުވަހުގެ ބިރުވެރިކަމުން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތްކުރުމެވެ.
- މަޢުލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން