ތިބާ މަރާއި އާޚިރަތް ދުވަހަށް ބިރުވެތިނުވެ ބޭނުންހާ ގޮތަކަށް ތިއަ އުޅެނީ އެންމެފަހުން ފުއުޅުކުރައްވަވާނެ އެންމެ ބިރުވެރި ޢަލާމާތްތައް ލޮލަށް ނުފެންނާތީތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 17ސ
ތިބާ މަރާއި އާޚިރަތް ދުވަހަށް ބިރުވެތިނުވެ ބޭނުންހާ ގޮތަކަށް ތިއަ އުޅެނީ އެންމެފަހުން ފުއުޅުކުރައްވަވާނެ އެންމެ ބިރުވެރި ޢަލާމާތްތައް ލޮލަށް ނުފެންނާތީތަ؟

ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދާކަމާއިމެދު އަޅުގަނޑުމެންގެ ތެެރެއިން އެއްވެސް މީހަކު ޝައްކެއް ނުކުރާނެއެވެ. މީސްތަކުންގެ އުޅުމާއި ގުޅުންތަކަށް އަންނަމުންދާ ބަދަލެވެ. “ދުނިޔެ” ހޯދުމުގައި މަޝްޣޫލުވުމުގެ ސަބަބުން މީސްތަކުންނަށް އެބައިމީހުންގެ އުފެދުން  ވެސް ހަނދާންނެތިފައިވާކަހަލައެވެ. އެބައިމީހުން ނެތުމުގެ ތެރޭން ވުޖޫދަށް ގެންނަވައި ފުރިހަމަކަން ދެއްވައި އަތްފައިގައި ބާރުޖައްސަވައިދެއްވައި ރިޒްޤު ތަނަވަސް ކޮށްދެއްވީ ކޮންފަރާތަކުންކަން މީސްތަކުން ވަނީ ހަނދާންނެތިފައެވެ. ކިޔަމަންތެރިވެ ބޯލަނބަން ޖެހޭ ފަރާތެއް ނުވާކަހަލައެވެ. އަރައި ނުގަންނަ ފާފައެއް ނެތެވެ. ލަދުވެތި ކަމުގެ ސިފަ އެއީ އެބައިމީހުން ދަންނަ އެއްޗެއް ކަމުގައި ނުވެއެވެ.  

އެއްގަމާއި ކަންޑުގައި ފަސާދަވަނީ އާއްމުވެފައެވެ. ކޮރަޕްޝަން ވަނީ މުޅި މުޖުތަމަޢުއަށް ފެތުރިފައެވެ. އަމާނާތްތެރިކަން ވަނީ ގެއްލިފައެވެ. ﷲ ތަޢާލާ މަތިވެރި ކުރައްވައި ދަރަޖައުފުއްލެވި އިންސާނުންގެ ފުރާނައަކީ އެއްވެސް އަގެއްހުރި އެއްޗެއް ކަމުގައި ނުވެއެވެ. މަރާލެވުނު މީހާއަށް އޭނާ މި މަރާލެވުނީ ކޮންސަބަބަކާއި ހުރެކަމެއް ނޭންގެއެވެ. އަދި މަރާލި މީހާއަށްވެސް ތިމަންނާ އޭނަ މިމަރާލީ ކޮންސަބަބަކާއި ހުރެކަމެއް ނޭންގެއެވެ. ޖެހިލުމެއްނެތި މީހުން މަރަނީއެވެ. 

ލޮބުވެތި އަޚުންނޭވެ! މިދުވަސް އަންނާނޭކަން މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ މީގެކުރިން އަޅުގަނޑުމެންނަށް އަންގަވާދެއްވާފައެވެ. ޤިޔާމަތުގެ ޢަލާމާތްތަކުގެ ގޮތުގައެވެ. ޤިޔާމަތްދުވަހަކީ މި ދުނިޔޭގެ ނިމުން އަންނާނެ ދުވަހެވެ. އެދުވަސް ވަނީ ވަރަށް ކައިރީގައެވެ.  އެއީ މީސްތަކުން ދުނިޔޭގައި ކުޅަހައި ޢަމަލެއްގެ ޙިސާބުބެއްލެވޭނޭ ދުވަހެވެ. ޢަމަލުގެ ފަތްތައް ހުޅުވާލެވޭނޭ ދުވަހެވެ. އެއްވެސް ކަމެއް އެދުވަހުން ސިއްރުވެ ވަންހަނާވެގެން ނުވެއެވެ. އެހެނީ ޤިޔާމަތުގެ ކުދި ޢަލާމާތްތަކުގެ ގޮތުގައި އެކަލޭގެފާނު ޞައްލައްﷲ ޢަލައިހި ވަޞައްލަމަ އުންމަތަށް ޚަބަރު ދެއްވާފައިވާ ވަރަށްގިނަ ޢަލާމާތްތައް ފާޅުވެއްޖެކަމުގައި ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. އަޅުގަނޑުމެން ވޭތުކުރަމުން މިދަނީ ފަހުޒަމާނުގެ ދުވަސްތަކެވެ. އެހެންނަމަވެސް ގިނަބަޔަކަށް އެކަން އިޙްސާސް ވާހެނެއް ހިޔެއްނުވެއެވެ. 

ﷲ ތަޢާލާގެ މި ވަޙީ ބަސްފުޅާއިމެދު ފުންކޮށް ވިސްނާށެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ. ”  

اقْتَرَ‌بَ لِلنَّاسِ حِسَابُهُمْ وَهُمْ فِي غَفْلَةٍ مُّعْرِ‌ضُونَ ﴿*﴾ مَا يَأْتِيهِم مِّن ذِكْرٍ‌ مِّن رَّ‌بِّهِم مُّحْدَثٍ إِلَّا اسْتَمَعُوهُ وَهُمْ يَلْعَبُونَ ” – سورة الأنبياء 1-2 –

މާނަ : " މީސްތަކުންނަށް އެބައިމީހުންގެ ޢަމަލުތަކުގެ ޙިސާބުބެއްލެވުމުގެ ވަޤުތު ކައިރިވެއްޖެއެވެ. ނަމަވެސް އެބައިމީހުން ތިބީ އެކަމާއިމެދު ޣާފިލުވެ މޫނުއަނބުރައިލައިގެންނެވެ. ﷲ ތަޢާލާގެ ހަޟްރަތުން  ޤުރުއާންގެ އާޔަތެއް  އެބައިމީހުންނާއި ހަމައަށް އަތުވެއްޖެ ނަމަ ކުޅެކުޅެ ތިބެ ފުރައްސާރަކުރާ ހާލު މެނުވީ އެބައިމީހުން އެ ޤުރުއާން އަޑުނާހައެވެ. " 

ޢަމަލުތައް ޙިސާބުކޮށްލެވޭ ދުވަހަށްޓަކައި އަޅުގަނޑުމެން ތައްޔާރުކުރީ ކޮންފަދަ ޢަމަލުތަކެއްތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލާށެވެ. އެދުވަހުގައި ޢަދުލު އިންސާފުގެ ތިލަފަތް ޤާއިމުކުރެވޭނެއެވެ. ޢަމަލުތައް ވަޒަން ކޮށްލެވޭނެއެވެ. ނަމަވެސް އެދުވަހު ޢަމަލު ކުރުމެއް ނެތެވެ. ޢަމަލުކުރުން އޮތީ މިއަދު ދުނިޔެމަތީގައެވެ. އެދުވަހަށްޓަކައި ތައްޔާރުވާން އޮތްތަނަކީ ދުނިޔެއެވެ. ފަނާވެދަނިވި މި ދުނިޔޭގައި 30 އަހަރު ނުވަތަ 40 ނުވަތަ 60 އަހަރުގެ ހޭދަކޮށްފައި ދާއިރު ، ޤިޔާމަތްދުވަހަށް އެއްޗެއް ރައްކާ ނުކުރެވުނު މީހަކަށްވުރެ އަބާއްޖަވެރިޔަކީ ކާކުތޯއެވެ. މަރުވެގެން މި ދުނިޔެ ދޫކޮށްފައި ދާންޖެހޭނީ ކޮންދުވަހަކުން ކަމެއް އެއްވެސް މީހަކަށްނޭންގޭނެއެވެ. ކައިވެއްޏެއް ކުރެވެންދެން ނުވަތަ ދަރިޔަކު ލިބެންދެން ނުވަތަ 30 އަހަރު ފުރެންދެން ދުނިޔޭގައި ހުންނާނެކަމަށް ތިބާ ޔަޤީންކުރަނީހެއްޔެވެ. ހަމަކަށަވަރުން މަރު ހިއްޕެވުމުގެ ވަޤުތު އައުމުން މަލަކުލް މަވްތު އެމީހެއްގެ މަރު ، ﷲ ތަޢާލާގެ އިޒްނަޢާއި އެކު ހިއްޕަވާނެއެވެ. ލަހެއް ފަހެއް ނުކުރެވޭނެއެވެ. އެހެން ކަމުން އެވަޤުތު އައުމުގެ ކުރިން ތިމާގެ ޢަމަލުތައް ﷲ ރުއްސަވާ މަގަށް އިސްލާޙް ކުރާށެވެ.

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.  

” فَمَن ثَقُلَتْ مَوَازِينُهُ فَأُولَـٰئِكَ هُمُ الْمُفْلِحُونَ ” – سورة المؤمنون102 – މާނަ : " ފަހެ އެމީހެއްގެ ހެޔޮޢަމަލުތަކުގެ ތިލަފަތް ބަރުވެއްޖެ މީހާ ދަންނާށެވެ. ފަހެ ކާމިޔަބު ލިބުނު މީހުންނަކީ ހަމަ އެބައިމީހުންނެވެ. " 

"َمَنْ خَفَّتْ مَوَازِينُهُ فَأُولَـٰئِكَ الَّذِينَ خَسِرُ‌وا أَنفُسَهُمْ فِي جَهَنَّمَ خَالِدُونَ" – سورة المؤمنون103 –

މާނަ : ” ފަހެ އެމީހެއްގެ ހެޔޮޢަމަލުތަކުގެ ތިލަފަތް ލުއިވެއްޖެ މީހާ ދަންނާށެވެ. ފަހެ އެއީ އަމިއްލަ ނަފްސުތައް ގެއްލެނިވިކުރި މީހުންނެވެ. އެއީ ނަރަކައިގައި ދެމިތިބޭނޭ މީހުންނެވެ."

 

 

- އައްޝައިޚް ބިލާލް ޢަބްދުއްސައްތާރުގެ ލިޔުއްވުމަކުން

 

މިއަދު އޮންލައިން