ފަށްކުރުމެއް!: ޞައްޙަ ސުންނަތަކީ މާތް ﷲ ގެ ވަޙީއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 9މ 12ސ
ފަށްކުރުމެއް!: ޞައްޙަ ސުންނަތަކީ މާތް ﷲ ގެ ވަޙީއެވެ!

الحمد لله رب العالمين والصلاة والسلام على رسولنا وحبيبنا وقدوتنا محمد صلى الله عليه وسلم وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين. 

اﷲ سبحانه وتعالى ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ. 

“وَمَا يَنْطِقُ عَنِ الْهَوَى * إِنْ هُوَ إِلاَّ وَحْيٌ يُوحَى” (سورة النجم:3&4) 

"އަދި އެކަލޭގެފާނު ހަވާ ނަފްސަށް ވާހަކަފުޅު ދައްކަވާ ނުހައްދަވައެވެ. ފަހެ އެކަލޭގެފާނުގެ ބަސްފުޅު ވާކަން ކަށަވަރީ އެކަލޭގެފާނުގެ މައްޗަށް ބާއްވާލެއްވެވޭ ވަޙީ ކަމުގައެވެ."  

އަޅުގަނޑުމެން އެންމެނަށްވެސް އެނގޭނޭ ފަދައިން އިސްލާމްދީނުގެ ދެވަނަ މަޞްދަރު ކަމުގައިވާ ސުންނަތަކީ މިހާރަކަށް އައިސް ވަރަށް ގިނަ މީހުން ބީރައްޓެހިވަމުން އަންނަ ނުވަތަ ބިރައްޓެހިވެފައިވާ އެއްޗެކެވެ. މިކަން މިހެން ވާންޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ ޒަމާންތަކެއް ވަންދެން މީސްތަކުންނަށް، ޝަރީޢަތުގައި ސުންނަތް ބޭނުން ކުރެވޭ މަފްހޫމްތައް ރަނގަޅަށް ބަޔާންކޮށްދެވިފައި ނުވުމެވެ. އަޅުގަނޑުމެންނަށް ސުންނަތް އެނގިފައި އޮންނަނީ، ސުންނަތުގެ އެއް މަފްހޫމް ކަމުގައިވާ “މުސްތަޙައްބު” ގެ ގޮތުގައެވެ. އާދެ އެއީ ކުރުމުން ޘަވާބު ލިބޭ އަދި ނުކޮށް ދޫކޮށްލިނަމަވެސް ޢަޛާބު ނުލިބޭ ކަންކަމެވެ. އަޅުގަނޑުމެން ރާއްޖޭގެ އިހުގެ ޢިލްމުވެރިން ޢާއްމު ގޮތެއްގައި ސުންނަތުގެ މާނަ ބަޔާންކޮށްދީފައިވަނީ މިފަދައިންނެވެ. އަދި މީސްތަކުންނަށްވެސް ދީނީ މާގިނަ އެއްޗެއް އެނގިފައި ނެތުމުން އެކަމާއިމެދު އިހްމާލުވެވިފައި ވަނީއެވެ. 

މިކަމުގެ ސަބަބުން، ޙަޤީޤަތުގައި ސުންނަތަކީ ކޮބައިކަން މީސްތަކުންނަށް ބަޔާންކޮށްދިނުން މިހާރު ވެފައިވަނީ ވަރަށް ދަތިކަމަކަށެވެ. އެއީ ދިވެހިން ކުރީގައި ދެކެމުން އައި ގޮތް ބަދަލުކުރަން މިހާރު އުނދަގޫ ކަމަކަށް ވާތީއެވެ. އެހެންނަމަވެސް މުއުމިނުންގެ ގޮތަކީ ﷲ އާއި އެއިލާހުގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلمގެ ކިބައިން ހަމަ އެއްވެސް އެންގެވުމެއް އައުމާއިއެކު އެއަށް ބޯލަނބައި ކިޔަމަންވުމެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ. 

"إِنَّمَا كَانَ قَوْلَ الْمُؤْمِنِينَ إِذَا دُعُوا إِلَى اللَّهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ أَنْ يَقُولُوا سَمِعْنَا وَأَطَعْنَا وَأُولَئِكَ هُمُ الْمُفْلِحُونَ” (النور:51) 

"ﷲ އާއި އެއިލާހުގެ ރަސޫލާއަށް ޙުކުމް ކުރުމަށް މުއުމިނުތަކުންނަށް ގޮވާލެވިއްޖެހިނދު، އެމީހުންގެ ބަހެއްކަމުގައި ވާކަން ކަށަވަރީ އަހަރުމެން އަޑުއަހައި ކިޔަމަން ވެއްޖައީމެވެ. ދަންނައެވެ. ކާމިޔާބު ލިބިގެންވާ ބަޔަކީ ހަމަ އެއީއެވެ."

ކޮންމެއަކަސް ކީރިތި ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ ސުންނަތުގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތަކަށް ބަލާލައިފިނަމަ، އެކަންކަމީ އަޅުގަނޑުމެން މިބޭނުންކުރާ ސުންނަތުގެ މާނައިގާ ހަމައެއްގޮތަކަށްވެސް ނެގޭނޭ ކަންކަމެއް ނޫނެވެ. މިޘާލަކަށް ބަލާލަމާތޯއެވެ.! 

ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވަނީ ނަމާދު ކުރުމަށެވެ. އެހެންނަމަވެސް އެނަމާދު ކުރަންވީ ގޮތް އެޤުރުއާނުގައި ވަޙީ ކުރައްވާފައެއް ނުވެއެވެ. ހަށަމް ބަނުމާއި ރުކޫޢު ކުރަންވީ ގޮތާއި ސަޖިދަ ކުރާ ގޮތާއި އައްތަޙިއްޔާތާއި އަދި މުޅި ނަމާދުގައި ކިޔާ ހުރިހާ ދުޢާއެއްވެސް އެނގެން އޮތީ ކީރިތި ނަބިއްޔާގެ ސުންނަތުންނެވެ. އެހެންކަމުން މިކަމުގައި ކީރިތި ނަބިއްޔާގެ ސުންނަތަށް ތަބާވުމަކީ އަޅުގަނޑުމެން މިބުނާ ސުންނަތުގެ މާނާގައި ބުނެވިދާނޭ ހެއްޔެވެ؟ ނޫނެކެވެ. މިިކަމުގައި އެކަލޭގެފާނުގެ ސުންނަތައް ތަބާވުން ވާކަން ކަށަވަރީ ވާޖިބެއް ކަމުގައެވެ. ފަހެ މިފަދަ އެތައް ކަމެއް އެކަލޭގެފާނުގެ ސުންނަތުގައި ބަޔާންވެގެންވެއެވެ. ކޮންމެއަކަސް އެކަލޭގޭފާނުގެ ސުންނަތުގެ ތެރޭގައި ވާޖިބު ކަންތައްތަކާއި ޙަރާމް ކަންތައްތަކާއި، މުސްތަޙައްބު (މަންދޫބު) ކަންތައްތަކާއި، މަކްރޫހަ ކަންތައްތަކާއި މުބާޙް ކަންތައްތައް ހިމެނެއެވެ. ﷲ ތަޢާލާގެ އިރާދަފުޅައިއެކު މީގެ އިތުރު މިޘާލުތައް މިލިޔުމުގެ އެހެން ބައިތަކުގައި ގެނެސްދެވޭތޯ މަސައްކަތް ކުރާނަމެވެ. 

ސުންނަތަކީ ކޮބާ؟ 

ސުންނަތަށް ތަބާޢަވެ އެއަށް ޢަމަލުކުރުމުގެ ވާހަކަ ދައްކާއިރު އެންމެ ފުރަތަމަ ސުންނަތަކީ ކޮބައިކަން އެނގެން ޖެހެއެވެ. އެހެނީ، އެއްވެސް އެއްޗަކަށް އެއާ ބެހޭގޮތުން އެނގިފުމަށް ދާންދެން އެކަމަކަށް ޢަމަލުކުރުމެއް ނުވެއެވެ. 

ސުންނަތަކީ އޭގެ މާނަ ވަރަށް ފުޅާ ލަފްޒެކެވެ. ޝަރުޢީ އިޞްޠިލާޙުގައި، ސުންނަތުގެ މާނަ، އެކި ޢިބާރާތްތަކުން ބަޔާންވެފައި ވެއެވެ. މިގޮތުން ސުންނަތަކީ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلمގެ ބަސްފުޅުތަކާއި ޢަމަލުފުޅުތަކާއި އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ކަމެއް ހިނގުމުން އެކަމަކާއިމެދު އިންކާރު ނުކުރައްވާ ކޮންމެ ކަމެކެވެ. އަދި އެއީ ބިދުޢައިގެ އިދިކޮޅުވެސް މެއެވެ. އަދި ހަމަ މިގޮތަށް ޤުރުއާނާއި ސުންނަތޭ ބުނެވިއްޖެނަމަ، ސުންނަތުގެ މާނައަކީ ކީރިތި ނަބިއްޔާގެ ޙަދީޘްފުޅު ތަކެވެ. ކޮންމެއަކަސް ޚުލާޞާއަކީ، ސުންނަތަކީ ރަސޫލު صلى الله عليه وسلمގެ ކިބައިން ވާރިދުވެފައިވާ ކޮންމެ ކަމެކެވެ. ވާޖިބެއް ކަމުގައި ވިޔަސް ނުވަތަ ޙަރާމް ކަމެއް ކަމުގައި ވިޔަސް ނުވަތަ މުސްތަޙައްބު ނުވަތަ މަކްރޫހް ނުވަތަ މުބާޙް ކަމެއް ކަމުގައި ވިޔަސްމެއެވެ. (ފިޤުހު ޢިލްމުވެރިން ކައިރީގައި ބައެއް ޙާލަތްތަކުގައި މުސްތަޙައްބުގެ މާނައިގާވެސް ސުންނަތް ބޭނުން ކުރެވެއެވެ.) 

ރަސޫލު ﷲ صلى الله عليه وسلمގެ ސުންނަތުގެ ތެރޭގައި ހިމެނޭ ކަންކަމަށް ފުރިހަމައަށް ތަބާވުމަކީ، ވާޖިބު ކަމެއް ކަމުގައި ދޭހަކޮށްދޭ އާޔަތްތަކާއި ޞައްޙަ ޙަދީޘްތައް ވަރަށް ގިނައެވެ. މިގޮތުން އޭގެތެރެއިން އާޔަތަކާއި ޙަދީޘެއް މިތަނުގައި ބަޔާންކޮށްލެވޭތޯ ބަލާނަމެވެ. 

"وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا وَاتَّقُوا اللَّهَ إِنَّ اللَّهَ شَدِيدُ الْعِقَابِ" (الحشر: 7).

މާނައަކީ: "އަދި ރަސޫލު الله صلى الله عليه وسلم އެކަމަކާއިގެން ވަޑައިގެންނެވި ކޮންމެ ކަމެއްގައި ތިޔަބައިމީހުން ހިފަހައްޓާށެވެ. އަދި ނަހީ ކުރެއްވި ކޮންމެ ކަމަކުން ދުރުހެލިވެގަންނާށެވެ. އަދި ތިޔަބައިމީހުން الله އަށް ބިރުވެތިވާށެވެ. ހަމަކަށަވަރުން اللهއީ ޢުޤޫބާތް (ޢަޛާބު) ދިނުމުގައި ގަދަފަދަވެގެންވާ އިލާހެވެ." 

ރަސޫލު الله صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.  

"‏تركت فيكم أمرين لن تضلوا ما تمسكتم بهما كتاب الله وسنة نبيه“. (الموطأ:1395) 

"ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ތެރެއަށް ދޭއްޗެއް ދޫކުރެއްވީމެވެ. އެދޭތީގައި ތިޔަބައިމީހުން ހިފަހައްޓައިފިނަމަ މަގުފުރެދިގެން ނުދާނެއެވެ. އެއީ الله ތަޢާލާގެ ފޮތާއި އެއިލާހުގެ ނަބިއްޔާގެ ސުންނަތެވެ." 

ރަސޫލު الله صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ މި ބަސްފުޅުން ވަރަށް ފާޅުކަން ބޮޑުކޮށް އެނގެނީ އެކަލޭގެފާނު، އެދޫކުރެއްވެވި ދޭތީގައި "އެކުގައި" ނުހިފަހައްޓައިފިނަމަ އިންސާނާ މަގުފުރެދޭނެކަމެވެ. ފަހެ الله ތަޢާލާގެ ޙައްޤުމަގަށް ފުރަގަސްދީ އެއަށް އުރެދުނު މީހުންނަށް الله ތަޢާލާ ތައްޔާރު ކުރައްވާފައިވަނީ ނަރަކައެވެ. މާތް الله އަމުރުކުރައްވާފައިވަނީ ނަރަކައިން އަޅުގަނޑުމެންގެ ނަފްސުތައް ސަލާމަތް ކުރުމަށެވެ. އެއިލާހު ޥަޙީ ކުރައްވާފައިވެއެވެ. 

"يَا أَيُّهَا الَّذِينَ آمَنُوا قُوا أَنْفُسَكُمْ وَأَهْلِيكُمْ نَاراً" (التحريم:6) 

މާނައަކީ: "އޭ އީމާންވެސްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި ތިޔަބައިމީހުންގެ އަހުލުވެރީން (އެބަހީ: އަނބި ދަރީން) ނަރަކައިގެ އަލިފާނުން ސަލާމަތްކުރާށެވެ."

- ނުނިމޭ 

- ޝައިޚް އާދަމް ނިޝާން ޢަލީ

މިއަދު އޮންލައިން