މިސަރުކާރުން ހަމައެކަނި ބިންގާ އަޅަނީއެއް ނޫނެވެ. ފެނާއި ނަރުދަމާ ޤާއިމުކުރަން ފަސްގަނޑު ހާވާލަނީއެއް ނޫނެވެ. ރައީސް އިބްރާހީމް ވިދާޅުވީ އެމްޑީޕީގެ 5 އަހަރު ނިމޭއިރު ހުރިހާ ރަށެއްގައި ފެނާނަރުދަމާ ޤާއިމުކޮށް ނިމޭނެކަމަށެވެ. އެކަމަކު ވެރިކަމުން ފައިބަންޖެހުނުއިރު މަސައްކަތް ކުރުމުގެ ނަމުގައި ފަސްގަނޑު ހޭވުން ނޫންކަމެއް ނުކުރާތީ މޝްރޫޢުތައް ނިންމައި ޚިދުމަތްދޭން ޖެހުނީ މިސަރުކާރަށެވެ. މަޝްރޫޢުތައް ނިންމަން ނެގި ލޯނުތަކަށް ވީގޮތެއްވެސް އެނގެނީ ލޯނުތކަށެވެ. މަޝްރޫޢުތަކަކަށް ނުއެނގެއެވެ.
ފާއިތުވި 3 ދައުރުގައިވެސް ބިނާ ނުކުރެވުނު ޢަރަބިއްޔާ ސްކޫލް ނިމެމުންދަނީއެވެ. އަންނައަހަރު ކިޔަވައިދެވޭވަރަށް ނިންމަން ބާރު ސްޕީޑުތައި މަސައްކަތްކުރިއަށް ގެންދަނީއެވެ. ރަށްރަށުގައި ހީނަރުވެފައި އޮތް ޞިއްޙީ ޚިދުމަތް ދިނުމުގެ ނިޒާމު ވެއްޓިފައި އޮތް ވަޅުގަނޑުން ނަގަން ބޮޑެތި ޚަރަދުތަކެއްކުރުމުން އެކަމުގެ ނަތީޖާ އަންނަނީ ފެންނަމުންނެވެ. އެމްބިޔުލާންސްގެ ޚިދުމަތް ދެވެން ނެތް ރަށްތަކަށް އެމްބިޔުލާންސްތައް ފޮނުވަނީއެވެ. ރަށްރަށަށް ކޮންމެހެން ބޭނުންވެފައި ހުރި ޢިމާރާތްތައް އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދަނީއެވެ. މުޅި ރާއްޖެއަށް ބަލައިލި ނަމަވެސް ފެންނަނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގަމުން ގެންދާތަނެވެ.
މިފަދަ އެތައް ބައިވަރު ކަންކަން ލޮލަށް ފެންނަން ފެށުމުން އިދިކޮޅުން މިހާރު ގޮވަނީ ތަރައްޤީގެ މަޝްރޫޢުތައް މަޑުޖެއްސުމަށެވެ. މޭކަރާވަރުން ކެތްނުކުރެވެނީއެވެ. އިންތިހާއަށް ދައުލަތް ދަރަނިވެރިކޮށްލުމުންވެސް ބައަކަށް ނުވިކި ދަރަނިތައް އަދާކުރަމުން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދާތަން ފެނުނީމާ ހިތްތެޅެނީއެވެ. އެޓޭކް އަންނަލެއް ގިނަވަނީއެވެ.
3 އަހަރުވެސް ނުވަނީސް ލޮލަށްފެނި އަތުން ހިފެމުން އަންނަ ތަރައްޤީގެ މަޝްރޫޢުތަކުން އަންގައިދެނީ ޤައުމު ވިއްކާނުލައި، ހަރުމުދައު ނުވިއްކައި ޤައުމު ތަރައްޤީކުރުމުގެ ޤާމިލުކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި އެބަހުރި ކަމެވެ.