މަސްވެރިކަމުގެ ގާނޫނަށް އަލަށް ގެނައި އިސްލާހުތަކާއިއެކު މަސްވެރިކަމުގެ ސިނާއަތް ވެއްޓިފައިވާ އަނދަވަޅުން ނަގާ ކޮޅަށްޖަހާ މަސްވެރިންނަށް ހައްގު މިންވަރު ހޯދައިދިނުމަށް ކުރާ މަސައްކަތް އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދިނުމާ ގުޅޭ ގާނޫނަށްހުށަހަޅާފައިވާ އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ މިއަދު ތަސްދީގު ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލުތައް ތަސްދީގުކުރެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ މި ގަނޫނުތަކުން ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ފައިދާތަކެއް ކުރަނެ ކަމަށާ އިގްތިސޯދީ އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.
މަސްވެރިކަމުގެ ގާނޫނަށް މިގެނައި އިސްލާހުގެ ސަބަބުން ސްޕޯޓްސް ފިޝިންއަށް ހާއްސަ ބަނދަރުތައް ގާއިމްކުރުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސްޕޯޓްސް ފިޝިންގ އާއި އެކަހަލަ އެކި ކަންކަމަށް ބަނދަރުތައް ހެދުމާ މިކަންކަމަށް މިހާރުވެސް ވަރަށް ގިނަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރަމުން އަންނަކަން ރައީސް ފާހގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގެ މަސްވެރިކަން އޮތީ އަނދަވަޅެއްގައި ކަމަށެވެ. އެހެންނަމަވެސް މި އިސްލާހުތަކުގެ ސަބަބުން މަސްވެރި ސިނާއަތް ވެއްޓިފައި އޮތް އަނދަވަޅުން ނަގާ ކޮޅަށްޖަހާ މަސްވެރިންނަށް ހައްގު މިންވަރު ހޯދައިދިނުމަށް ކުރާ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސްޕޯޓްސް ފިޝިން ދާއިރާއަކީ ރާއްޖޭގައި މިހާރު އެންމެ ފުޅާވަމުން އަންނަ އެއް ދާއިރާ ކަމަށެވެ. އަދި އެންމެ ގިނައިން ރައްޔިތުންގެ ފަރާތުން ލިބޭ އެއް ރިކުއެސްޓަކީވެސް ސްޕޯޓްސް ފިޝިންގް އަށް ބޮއި އެޅުން ނުވަތަ ވަކި ސަރަހައްދުތަކެއްގައި ބަނދަރުތަކެއް ހެދުން ކަމަށެވެ. މި ގާނޫނުގެ ސަބަބުން މިކަންކަން ކުރުމަށް މަގު ފަހިވެގެން ދާނެކަމަށް ރައީސް ވިދާޅުވިއެވެ.
މުނިފޫހިފިލުވުމަށާއި ކުޅިވަރުގެ ގޮތުގައި ކުރާ މަސްވެރިކަމުގެ ޙަރަކާތްތަކާއި އެކަމާ ގުޅޭ ފެސިލިޓީތައް ތަރައްޤީކޮށް ހިންގުމަކީ ރާއްޖޭގެ އިޤްތިޞާދަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް ނުހަނު މުހިންމު ކަމެކެވެ. މިފަދަ ފެސިލިޓީތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ފަތުރުވެރިންނަށާއި ޢާންމު ރައްޔިތުންނަށް ރައްކާތެރި އަދި ފަސޭހަ މާޙައުލެއްގައި މި ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު މި އިސްލާހުތަކާއި އެކު ފަހިވެގެންދާނެ އެވެ. އެގޮތުން، މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ޙަރަކާތްތަކުގެ ބޭނުމަށްޓަކައި ޚާއްސަ ބަނދަރުތައް ތަރައްގީކޮށް ހިންގުމާ ބެހޭ ޤާނޫނީ އޮނިގަނޑެއް މަސްވެރިކަމުގެ ޤާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުން ވަނީ ތަޢާރަފުކޮށްފައެވެ. މީގެ ތެރޭގައި އުޅަނދުފަހަރު ބަނދަރުކުރުމާއި ސަރވިސްކުރުމުގެ ޚިދުމަތާއި، މަސް ކިރުމާއި ޕްރޮސެސްކުރުމުގެ ޚިދުމަތާއި، މަސްވެރިކަމުގެ އަދި މަސްވެރިކަމާގުޅުންހުރި ޙަރަކާތްތަކަށް ބޭނުންވާ އާލާތްތަކާއި ސާމާނު ވިއްކުން ފަދަ ޚިދުމަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ.