ދައުލަތުގެ އާމްދަނީ 35.96 ބިލިއަން ރުފިޔާއަށް އަރައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 8ސ
ދައުލަތުގެ އާމްދަނީ 35.96 ބިލިއަން ރުފިޔާއަށް އަރައިފި

12 ނޮވެމްބަރ 2026 ގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީއާއި ހިލޭ އެހީގެ މިންވަރު 36.0 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 33.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 8.0 އިންސައްތައިގެ ކުރިއެރުމެއް ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައި ބުނެފިއެވެ.

ދައުލަތުގެ އާމްދަނީ އިތުރުވުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން (އެސް.އޯ.އީ) ލިބުނު ޑިވިޑެންޑް ނުވަތަ ފައިދާގެ ހިއްސާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 654.7 މިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއަހަރު ކުންފުނިތަކުގެ ފައިދާގެ ގޮތުގައި ލިބުނު މިންވަރު ވަނީ 61.3 އިންސައްތަ އިތުރުވެ 1.1 ބިލިއަން ރުފިޔާއަށް އަރާފައެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ފާއިތުވެދިޔަ ހަފުތާގެ އާމްދަނީ އިތުރުވުމަށް އެންމެ ބޮޑު ބާރަކަށްވީ މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އިން ލިބުނު 572.7 މިލިއަން ރުފިޔާއާއިއެކު ސަރުކާރު ކުންފުނިތަކުން ލިބުނު ފައިދާއެވެ.

ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއަށް ބަލާއިރު، މިދިޔަ އަހަރުގެ 24.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު މިއަހަރު ވަނީ 10.3 އިންސައްތައިގެ ކުރިއެރުމަކާއެކު 27.4 ބިލިއަން ރުފިޔާ ލިބިފައެވެ. މީގެ ތެރޭގައި ޖީ.އެސް.ޓީ 6.2 އިންސައްތަ އިތުރުވެ، 14.4 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ވިޔަފާރިއާއި މުދަލުން ނަގާ ޓެކްސް 22.9 އިންސައްތަ އިތުރުވެ، ލިބުނު 6.1 ބިލިއަން ރުފިޔާ ހިމެނެއެވެ. އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 13.5 އިންސައްތަ އިތުރުވެ 3.0 ބިލިއަން ރުފިޔާއަށް އަރާފައެވެ. ޓެކްސް ނޫން އާމްދަނީގެ ތެރެއިން މުދަލާއި ގޯތިގެދޮރުން ލިބުނު އާމްދަނީ 29.4 އިންސައްތަ އިތުރުވެ 2.3 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ 64.9 އިންސައްތަ އިތުރުވެ 528.2 މިލިއަން ރުފިޔާއަށް އަރާފައެވެ. ނަމަވެސް، ޓެކްސް ނޫން އާމްދަނީ ވަނީ 1.2 އިންސައްތަ ދަށްވެ 8.1 ބިލިއަން ރުފިޔާއަށް ތިރިވެފައެވެ.

ޚަރަދުތަކަށް ބަލާއިރު، ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 39.8 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 14.9 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދު ވަނީ 15.4 އިންސައްތަ އިތުރުވެ 34.3 ބިލިއަން ރުފިޔާއަށް އަރާފައެވެ. ސަބްސިޑީއަށް ކުރި ޚަރަދު ވަނީ މިދިޔަ އަހަރުގެ 3.0 ބިލިއަން ރުފިޔާއިން 51.2 އިންސައްތަ އިތުރުވެ 4.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ފާއިތުވެދިޔަ ހަފުތާގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރަންޖެހުނު ކަންތައް ކަމަށް ރިޕޯޓުގައިވެއެވެ. ކެޕިޓަލް ޚަރަދުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ 4.9 ބިލިއަން ރުފިޔާގެ ބަދަލުގައި މިއަހަރު ވަނީ 12.3 އިންސައްތައިގެ އިތުރުވުމަކާއެކު 5.5 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. މީގެ ތެރެއިން ބިމާއި އިމާރާތްތަކަށް ކުރި ހޭދަ 40.7 އިންސައްތަ އިތުރުވެ 1.8 ބިލިއަން ރުފިޔާއަށް އަރާފައިވާކަން ފާހަގަކުރެވެއެވެ.

އެހެނިހެން ޚަރަދުތަކުގެ ތެރޭގައި މުސާރައާއި އިނާޔަތްތަކަށް ކުރި ހޭދަ 10.7 އިންސައްތަ އިތުރުވެ 13.4 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އިދާރީ އަދި ހިންގުމުގެ ޚަރަދުތައް ވަނީ 18.4 އިންސައްތަ އިތުރުވެ 20.9 ބިލިއަން ރުފިޔާއަށް އަރާފައެވެ. ދައުލަތުންދޭ އެހީއާއި ސަބްސިޑީތަކަށް ކުރި ހޭދަ 30.9 އިންސައްތަ އިތުރުވެ 11.2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ދަރަންޏަށް ދެއްކި އިންޓްރެސްޓާއި ފައިނޭންސިންގ ޚަރަދު ވަނީ 2.4 އިންސައްތަ ދަށްވެ 4.2 ބިލިއަން ރުފިޔާއަށް ތިރިވެފައެވެ.

12 ނޮވެމްބަރ 2026 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓް ވަނީ 3.8 ބިލިއަން ރުފިޔާއިން ޑެފިސިޓްވެފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރި 1.3 ބިލިއަން ރުފިޔާގެ ޑެފިސިޓަށްވުރެ ބޮޑު އަދަދެކެވެ. އެހެންނަމަވެސް، ދަރަންޏަށް ދައްކާ އިންޓްރެސްޓާއި ފައިނޭންސިންގ ޚަރަދު ނުހިމަނައި ބަލާއިރު، ދައުލަތަށް ވަނީ 360.0 މިލިއަން ރުފިޔާގެ ޕްރައިމަރީ ސާޕްލަސްއެއް ލިބިފައެވެ.

މިއަދު އޮންލައިން