ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޤައުމު އޮތީ ބަނގުރޫޓުވެފައި، ނަމަވެސް މިހާރު ހާލަތު ބަދަލުވެއްޖެ: ނައިބު ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޤައުމު އޮތީ ބަނގުރޫޓުވެފައި، ނަމަވެސް މިހާރު ހާލަތު ބަދަލުވެއްޖެ: ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޤައުމު އޮތީ ބަނގުރޫޓުވެފައި ކަމަށާއި، ނަމަވެސް ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ޤައުމުގެ ހާލަތު މުޅިން ބަދަލުކުރައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ދައުލަތުގެމީޑިއާގެ "ހަފްތާ 156" ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

ނައިބު ރައީސް ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުން މަސައްކަތްޕުޅު ފައްޓަވަން ޖެހިވަޑައިގަތީ ސުމަކުންނެވެ. އެ ދުވަސްވަރު މުޅި ރާއްޖެ ޑިފޯލްޓްވެދާނެ ކަމުގެ ބިރުވެރިކަން އޮތް ކަމަށާއި، އިޤްތިޞާދީ ގޮންޖެހުންތަކުގެ އިތުރުން ޤައުމުގެ އިޖުތިމާއީ ފޭރާން ހަލާކުވެ، ޒުވާނުންގެ ކުރިމަގު ވެސް އޮތީ ނުތަނަވަސްކަމާއި ބަނަކަމެއްގެ ތެރޭގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް، އެ ހަގީގަތްތަކާ ކުރިމަތިލައްވައި، ރައީސް ޑރ. މުއިއްޒުގެ ދުރުވިސްނުންފުޅާއި ހިކްމަތްތެރި ސިޔާސަތުތަކުގެ ސަބަބުން މިއަދު ޤައުމުގެ ހާލަތު ބަދަލުވެފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ބައިނަލްއަޤްވާމީ މާލީ މުއައްސަސާތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މައްޗަށް ޖައްސަމުންދާ ކަމަށާއި، ބޭރުގެ އިންވެސްޓަރުންގެ އިތުބާރާއި ޝައުގުވެރިކަން އަލުން ލިބެން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، މީގެކުރިން ރާއްޖެއަށް ބަންދުވެފައި ހުރި ބޭންކުތަކާއި ލޯނުތަކުގެ ފުރުސަތުތައް މިހާރު އަލުން ހުޅުވިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ކަންކަމުގެ ނުސީދާ ނޭދެވޭ އަސަރު ރާއްޖެއަށް ފޯރަމުންދިޔަ ނަމަވެސް، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެއްވެސް އަސާސީ ޚިދުމަތަކަށް ނުވަތަ ހައްގަކަށް އުނިކަމެއް ނާންނާނެހެން ކަންކަން މެނޭޖްކުރައްވަމުން ގެންދަވާކަން ވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، މިއީ ޤައުމެއްގެ ވެރިއެއްގެ ކިބައިން ރައްޔިތުން އެދޭނެ އެންމެ މުހިންމު ސިފަތައް ކަމަށާއި، ރައީސް މުއިއްޒު ވަނީ އެކަން ޢަމަލީ ގޮތުން ސާބިތުކޮށްދެއްވާފައި ކަމަށެވެ.

މިއަދު އޮންލައިން