މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން، އެ ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ.
މި ފުރުޞަތު އަލުން ހުޅުވާލާފައިވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި ހިނގާ ނޮވެމްބަރު މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ.
ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި:
ދިވެހި ރައްޔިތެއް ކަމުގައިވުމާއެކު، ޢުމުރުން 30 އަހަރު ފުރިފައިވުން.
ނޫސްވެރިކަން، ބްރޯޑްކާސްޓްކުރުން، ސިޔާސަތު ކަނޑައެޅުން ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ޙާޞިލުކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
މީޑިއާއެއްގެ މަސްޢޫލުވެރި ފަރާތެއް ނުވަތަ އެޑިޓަރެއްގެ މަޤާމު އަދާކުރަމުންދާ ފަރާތަކަށް ނުވުން.
ޤާނޫނުއަސާސީގެ ދަށުން ނުވަތަ އެހެންވެސް ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ މަޤާމެއް ފުރަމުންދާ މީހަކަށް ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން.
ކޮމިއުނިކޭޝަނާއި މީޑިއާގެ ޚިދުމަތްދިނުމުގެ ދާއިރާގައި އެއްވެސް ވިޔަފާރީގެ ޙިއްޞާއެއް އޮތް ފަރާތަކަށް ނުވުން.
މީގެ އިތުރުން ޖިނާއީ ކުށްތަކާ ގުޅޭގޮތުން ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި، އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއް، ނުވަތަ ޚިޔާނާތާއި ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.