މީގެ ކުރީގެ ސަރުކާރުތަކަށް 5 އަހަރުގެ ދައުރެއްގެ ތެރޭގައިވެސް ހާސިލުނުކުރެވުނު މުހިންމު ބޮޑެތި ކަންތައްތަކެއް މި ސަރުކާރުގެ ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ހާސިލުކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
"ހަފުތާ 156" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ވޭތުވެދިޔަ 3 އަހަރަކީ ކުރީގެ 5 އަހަރުގެ ދައުރުތަކާ އަޅައިބަލާއިރު އެތައް ގުނައެއް ގިނަ މަސައްކަތްތަކެއް ކުރެވި، ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކާމިޔާބީތަކެއް ގައުމަށް ހޯދައިދެވިފައިވާ ދުވަސްތަކެއް ކަމަށެވެ. އަދި މީގެ ކުރިން މި ގައުމުގައި ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކަށް ފުރިހަމަ ދައުރެއްގެ ތެރޭގައިވެސް ނުކުރެއްވުނު މުހިންމު ކަންކަން، މި ސަރުކާރުން މިދިޔަ 3 އަހަރުން ނިންމާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން ހޯދާފައިވާ މައިގަނޑު ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން އަބްދުއްރަހީމް ފާހަގަކުރެއްވި ގޮތުގައި، ގައުމީ ހަމަޖެހުން ގާއިމުކުރުމާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ރޮނގު ހުރަސްކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް މި ސަރުކާރުން ދީފައެއް ނުވެއެވެ. އަދި ވަކި ފަރާތަކަށް ބުރަނުވާ ހަރުދަނާ ހާރިޖީ ސިޔާސަތެއްގެ ދަށުން ހުރިހާ ގައުމަކާ ގުޅިގެން މަސައްކަތްކޮށް، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް ގެއްލިފައި އޮތް އިތުބާރު އަލުން ހޯދައިދެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ސިޔާސީ އެއްވެސް ވިސްނުމެއްގައި ނުވަތަ ބޭނުމެއްގައި މީހުން ހައްޔަރުކުރުމުގެ ސަގާފަތް ނިމުމަކަށް ގެނެސް، މިއަދު މި ގައުމުގައި އެއްވެސް ސިޔާސީ ހައްޔަރީއަކު ނުހުންނާނެކަން އަބްދުއްރަހީމް ކަށަވަރުކޮށްދެއްވިއެވެ. އަދި ޒާތީ ކަންކަމާއި ސިޔާސީ ފިކުރުތަކުން އެއްކިބާވެ، އެއްވެސް ފަންތިއަކަށް ނުވަތަ ގިންތިއަކަށް ބެލުމެއްނެތި، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު އަދުލު އިންސާފު ގާއިމުކޮށްދިނުމަކީ މި ސަރުކާރުން ހޯދާފައިވާ މުހިންމު ކާމިޔާބީއެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.