ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް މުޖުތަމައަކަށް ވުމާއެކު، ދިވެހިންގެ ދީނީ އަދި އިޖުތިމާޢީ ފޭރާމުގެ އެންމެ މުހިންމު ބަހާއަކީ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި އެކުލަވައިލެއްވި މެނިފެސްޓޯގެ އަލީގައި، ފާއިތުވި ތިން އަހަރަކީ އިސްލާމީ ސައްހަ އަޤީދާއާއި ރިވެތި އާދަތައް ދިވެހި މުޖުތަމައުގައި އަށަގެންނެވުމަށް ތާރީޚީ ގިނަގުނަ މަސައްކަތްތަކެއް ކުރެވިގެންދިޔަ ތިން އަހަރެވެ. މި މުއްދަތުގެ ތެރޭގައި އުމްރާނީ ބޮޑެތި ވަސީލަތްތައް ޤާއިމުކުރުމާއި، މީހުން ބިނާކުރުމުގެ ދާއިރާއިން ވަނީ ފާހަގަކޮށްލެވޭ ފަދަ އިންޤިލާބީ ބަދަލުތަކެއް ގެނެސްދީފައެވެ.
އުމްރާނީ ތަރައްޤީއާއި ވަޤުފު މަޝްރޫއުތައް
އިސްލާމީ ބިނާވެށި ފުޅާކުރުމުގެ ގޮތުން ސަރުކާރުން މިހާތަނަށް 90 މަޝްރޫއެއް ކުރިއަށް ގެންދަވާއިރު، މިސްކިތްތައް މަރާމާތުކޮށް ފެންވަރު ރަނގަޅުކުރުމަށް އެކަނިވެސް 26 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އޭގެ އިތުރުން ހުޅުމާލޭގައި ސައުދީ އަރަބިއްޔާގެ އައްރާޖިޙީ ކުންފުނީގެ އެހީތެރިކަމާއެކު ބިނާކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް، ޖާމިއުއްސުލްތާން މުހައްމަދު ބުން އަބްދުﷲ ގެ އަމަލީ މަސައްކަތް ބާރަށް ކުރިއަށް އެބަދެއެވެ. ހަމައެއާއެކު، އިސްލާމީ ދާއިރާ މާލީގޮތުން ބާރުވެރިކުރުވުމަށްޓަކައި އެއްފަހަރާ އެންމެ ގިނަ ވަޤުފު މަޝްރޫއުތައް ފެށި ސަރުކާރަކަށް މި ސަރުކާރު ވަނީ ވެފައެވެ. މާލޭގައި ކުރިއަށްދާ 'ދާރުލްއަރްޤަމް'، ހުޅުމާލޭގެ 'ދާރުއްސަލާމް' ގެ އިތުރުން ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ގއ. ވިލިނގިލީގައި ފެށިފައިވާ ވަޤުފު މަޝްރޫއުުތަކަކީ އިސްލާމީ ދާއިރާއަށް ދެމެހެއްޓެނިވި މާލީ މަންފާ ލިއްބައިދޭނެ މުހިންމު ބިނާތަކެކެވެ.
ކީރިތި ޤުރުއާނަށް ދެވުނު ހާއްސަ އިސްކަން
ކީރިތި ޤުރުއާނުގެ އިލްމު ފެތުރުމާއި، އެ ފޮތަށް ދެވޭ ޤަދަރު އުފުލުމަކީ ވޭތުވެދިޔަ ތިން އަހަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއެވެ. ޤައުމީ ފެންވަރުގެ ޤުރުއާން މުބާރާތުގެ ހުރިހާ ޚަރަދެއް ދައުލަތުން ހަމަޖައްސަވައި، އަގުބޮޑެތި އިނާމުތައް ވަނީ ކަނޑައަޅުއްވާފައެވެ. އަދި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ރާއްޖޭގެ ކޮންމެ ރަށެއްގައި ޤާއިމުކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ފައްޓަވާފައިވާއިރު، މުދައްރިސުން ތަމްރީނުކުރުން ވެސް ވަނީ އިތުރުކުރައްވާފައެވެ. މީގެއިތުރުން، ޤުރުއާން ހިތުދަސްކުރާ ފަރާތްތަކުގެ އަދަދު 1800 އަށް އަރާފައިވާއިރު، މި ތިން އަހަރު އެކަނިވެސް 94 ހާފިޒުން ވަނީ ދަސްވެނިވެފައެވެ. ހާފިޒުންގެ ޝަރަފުގައި ދައުލަތުގެ އެންމެ މަތީ ވެރިޔާ ބައިވެރިވެވަޑައިގަންނަވާ ހާއްސަ ޤައުމީ ހަފްލާއެއް ބާއްވަވަން ފެއްޓެވުމާއި، ހާފިޒުންގެ އެލަވަންސް ބޮޑުކުރެއްވުމަކީ ޤުރުއާން ދަސްކުރުމަށް ޒުވާނުންނަށް ލިބުނު ބޮޑު ހިތްވަރެކެވެ.
އިމާމުންގެ ދައުރާއި ޒުވާން ޚަތީބުން ބިނާކުރުން
މުޖުތަމައުުގެ ރޫހާނީ އިސްވާރުން ކަމުގައިވާ މިސްކިތްތަކުގެ އިމާމުންގެ ހައްޤު މަޤާމު ހޯއްދަވައިދެއްވުމަށް ވަޒީފާގެ އޮނިގަނޑަށް ހެޔޮ ބަދަލުތަކެއް ގެނެވި، ދިމާވެފައިވާ ގޮންޖެހުންތަކަށް ވަނީ ހައްލު ހޯއްދަވައިދެއްވާފައެވެ. އެގޮތުން 100 އަށްވުރެ ގިނަ އިމާމުންނަށް ރާއްޖެއިން ބޭރުން ތަމްރީނު ފުރުސަތު ދެވިފައިވެއެވެ. މުސްތަޤުބަލުގެ ޖީލުތަކަށް އިސްލާމީ ޝިއާރު ފޯރުކޮށްދިނުމުގެ ގޮތުން 2024 ވަނަ އަހަރު ފެށި ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ 5 ބުރުން 717 ޒުވާނުން ވަނީ ނެރެދީފައެވެ. ސަރުކާރުގެ އަމާޒަކީ ދައުރު ނިމޭއިރު މި އަދަދު 1000 އަށް އިތުރުކުރުމެވެ.
ޒަކާތުގެ ނިޒާމާއި، ހައްޖާއި އުމްރާގެ ލުއިފަސޭހަތައް
އިސްލާމްދީނުގެ ރުކުނެއް ކަމުގައިވާ ޒަކާތުގެ އަޅުކަން ހަރުދަނާކުރުމަށްޓަކައި "މޯލްޑިވްސް ޒަކާތު ހައުސް" ޤާއިމުކޮށް، ޒަކާތުގެ ނަފާ އެންމެ ހައްޤުވެރިންނަށް ލިބޭނެ ހަރުދަނާ ނިޒާމެއް ވަނީ ބިނާކުރެވިފައެވެ. ހަމައެހެންމެ، ރައްޔިތުންނަށް ދީނީ އަޅުކަންތައް ފަސޭހަކޮށްދިނުމަށް ހައްޖާއި އުމްރާގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ. އުމްރާވެރިންގެ ޑެބިޓް ކާޑަށް 1500 ޑޮލަރު ހަމަޖައްސައިދިނުމާއި، އަމިއްލަ ކުންފުނިތަކުގެ ޚިދުމަތުގެ ފެންވަރު މޮނީޓަރުކުރުން ހިމެނެއެވެ. ހައްޖުގެ އަޅުކަމަށް ބަލާއިރު، ރަސްމީ ހުރިހާ ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ބަދަލުކޮށް، ކިއުގައި 3 އަހަރަށްވުރެ ގިނަ ދުވަސްވީ 70 އަހަރުން މަތީގެ އެންމެން ހައްޖަށް ގެންދިއުމަށް ނިންމުނެވެ. މީގެ އިތުރުން ސައުދީ ސަރުކާރުގެ ''މައްކާ ރޫޓް އިނީޝިއޭޓިވް'' ގައި ރާއްޖެ ހިމެނުމާއި، މައްކާއިން މަދީނާއަށް ހައިސްޕީޑް ރޭލު ދަތުރު ހަމަޖެއްސުމާއި، ހައްޖުވެރިންނަށް ހޮޓަލުން ހިލޭ ބޭސްފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ.
ބައިނަލްއަޤްވާމީ ގުޅުންތަކާއި މަހާސިންތާތައް
ސައުދީ އަރަބިއްޔާ ފަދަ އިސްލާމީ ބޮޑެތި ޤައުމުތަކާއެކު އޮތް ގުޅުން ވަރުގަދަވެ، ރާއްޖެއަށް އެތައް ހާސް މުސްހަފެއް ލިބި، ދުނިޔޭގެ މަޝްހޫރު އިލްމުވެރިން ރާއްޖެ ވަޑައިގެން ދީނީ ހޭލުންތެރިކަން ވަނީ އިތުރުކޮށްފައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އަންހެން މުވައްޒަފުންނަށް ސައުދީން ތަމްރީނު ދިނުމާއި، ޗައިނާއާއި ޕާކިސްތާނަށް ސަޤާފީ ދަތުރުތައް ވަނީ ފަހިކޮށްދީފައެވެ. އަދި ދާއިރާ ހިންގުން ހަރުދަނާކުރުމަށްޓަކައި އިމާމުން، އިލްމުވެރިން، ޖަމިއްޔާތައް، ފަތުވާ، ހައްޖު އަދި ޒަކާތާ ގުޅޭ ހާއްސަ ޤައުމީ މަހާސިންތާތަކެއް ބާއްވައި، އާ އުސޫލުތައް ވަނީ އެކަށައަޅާފައެވެ.
ބަރަކާތްތެރި ރަމަޟާން މަހުގެ ލުއިތައް
ރަމަޟާން މަހުގެ މާތްކަން އިހްސާސްކޮށްދީ، އަޅުކަމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކޮންމެ އަހަރަކު ހުރިހާ ގޭބިސީއަކަށް ރޯދަ ހަދިޔާ ދިނުމާއި، ފަހު ދިހައެއް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސެވުން ހިމެނެއެވެ. އަދި ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދިނުމުގެ އިތުރުން، ރަށްރަށުގައި އިހްޔާ ފޯރަމްތަކާއި ހަވީރުގެ ދަރުސްތައް ބާއްވައި މުޅި ރާއްޖޭގައި ދީނީ ރޫހު އާލާކުރެވުނެވެ.
ނިންމުން ޚުލާޞާކޮށް ދަންނަވާނަމަ، ފާއިތުވެދިޔަ ތިން އަހަރަކީ ދިވެހިރާއްޖޭގެ އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭނެ ފަދަ އުފެއްދުންތެރި، ބިނާކ
ރުންތެރި އަދި ކާމިޔާބު ދުވަސްތަކެކެވެ. މާތްވެގެންވާ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއާއި ޝިޢާރުތައް ދިރުވައި، ޒަމާނީ ފެންވަރުގެ ވަޞީލަތްތަކާއެކު ދީނީ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރެއްވި އިޚްލާޞްތެރި މަސައްކަތްޕުޅުތަކުގެ ފޮނިމީރުކަން މުޅި ދިވެހި މުޖުތަމަޢުން މިއަދު ދަނީ ތަޙައްމަލު ކުރަމުންނެވެ. އެދުމަކީ އަދި ދުޢާއަކީ، ދިވެހި ފަސްގަނޑުގައި އިސްލާމީ އެއްބައިވަންތަކަމާއި ވަޙްދަތު އަބަދުމެ ދަމަހައްޓަވައި، އިސްލާމްދީނުގެ މަތިވެރި ނޫރުން މި ލޮބުވެތި ވަޠަން އަބަދަށް އަލިކޮށްދެއްވުމެވެ.