ރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްޤީއަށް 6.9 ބިލިޔަން ރުފިޔާގެ 148 މަޝްރޫޢެއްގެ މަސައްކަތް މިހާރުވެސް ކުރިޔަށްދާ ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ދައުލަތުގެމީޑިއާއަށް މައުލޫމާތުއްވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާއީލް ޝަރީފު ވިދާޅުވީ، އަތޮޅުތެރޭގެ ސިއްހީ ދާއިރާގެ ހާލަތު ރަނގަޅުކުރުމަށް ވޭތުވެދިޔަ 3 އަހަރު ބޮޑު އިސްކަމެއް ދެއްވާފައިވާ ކަމަށެވެ. އަދި މި ސަރުކާރާ ހަވާލުވިއިރު އަތޮޅުތެރޭގައި ސިއްހީ ޚިދުމަތްދޭ ގިނަ އިމާރާތްތައް ހުރީ ވަރަށް ބޮޑަށް ބައުވެ ވީރާނާވެފައި ކަމަށާއި، އާބާތުރަފިލުވުމާއި އެކްސްޓެންޝަންތައް އެޅުން ފަދަ ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައި ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލަތައް ހައްލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކައުންސިލުތަކާއި އެހެނިހެން މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ. ސްޓޭޓް މިނިސްޓަރ ވިދާޅުވި ގޮތުގައި، އަތޮޅުތެރޭގެ ސިއްހީ ޚިދުމަތްތައް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އިސްކަމެއް ދެއްވައިގެން، ރަށްރަށުގައި ފެންވަރު ރަނގަޅު ބިނާތަކާއި ވަސީލަތްތައް އަންނަނީ ޤާއިމުކުރަމުންނެވެ.
އިމާރާތްތައް ތަރައްޤީކުރުމުގެ ޕްލޭނާ ގުޅޭގޮތުން އިސްމާއީލް ޝަރީފު ވިދާޅުވީ، މަސައްކަތް ކުރިއަށްދަނީ ކުރިޔަށް އޮތް ކައިރި މުސްތަޤުބަލެއްގައި އިތުރު އިމާރާތެއް އަޅަން ނުޖެހޭ ގޮތަށް ވިސްނައިގެން ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ލެބޯޓްރީގެ ޚިދުމަތް ޤާއިމުކުރެވޭނެ ވަސީލަތްތަކާއި، ޕްރައިވެޓް ރޫމްތަކާއި، އަދި އެމްބިއުލާންސް ޕާކުކުރާނެ ޖާގަވެސް މި އައު އިމާރާތްތަކުގައި ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫޢުތަކުގެ ތަފްސީލު ހާމަކުރައްވަމުން ސިއްހީ ވުޒާރާގެ ޑިރެކްޓަރ އެޑްމިނިސްޓްރޭޝަން މުހައްމަދު ޝާހިމް ވިދާޅުވީ، މި ސަރުކާރުން ސިއްހީ ދާއިރާގައި ކުރިޔަށްގެންދާ 148 މަޝްރޫޢުގެ ޖުމްލަ އަގު 6.9 ބިލިޔަން ރުފިޔާއަށް އަރާ ކަމަށެވެ.
ޝާހިމް އިތުރަށް ވިދާޅުވީ، މިހާރު ކުރިޔަށްދާ މަޝްރޫޢުތަކުގެ ތެރެއިން 87 މަޝްރޫޢެއް ކުރިޔަށް ގެންދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްގެން ކަމަށެވެ. އަދި ބާކީ 61 މަޝްރޫޢަކީ އަމިއްލަ އެކި ކުންފުނިތަކާ ހަވާލުކޮށްގެން ހިންގަމުން އަންނަ މަޝްރޫޢުތައް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.