ސައިކަލު ވިއްކުމުގެ ނަމުގައި 6.2 މިލިއަން ރުފިޔާ ޓަކައިގަތް މައްސަލަ: 139 ދަޢުވާއާ އެކު 133 އަހަރުގެ ޖަލު އަދަބެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 44ސ
ސައިކަލު ވިއްކުމުގެ ނަމުގައި 6.2 މިލިއަން ރުފިޔާ ޓަކައިގަތް މައްސަލަ: 139 ދަޢުވާއާ އެކު 133 އަހަރުގެ ޖަލު އަދަބެއް!

އަގުހެޔޮކޮށް ސައިކަލު ވިއްކާ ކަމަށް ބުނެ އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު، އެ ފައިސާ ޓަކައިގަނެފައިވާ މައްސަލައިގައި ދައުލަތުން 139 ދަޢުވާއެއް އުފުލައި ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

2023 ވަނަ އަހަރުން ފެށިގެން ހިންގަމުން އައި މި މުޢާމަލާތްތަކާ ގުޅިގެން ދަޢުވާ އުފުލާފައިވަނީ ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު، ދ. ބަނޑިދޫ، ޕޯލާރގްރޭސް، އަޙްމަދު ޢާޠިފް ޙަސަންގެ މައްޗަށެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ދަޢުވާކުރަން ނިންމައި ކޯޓަށް ފޮނުވާފައިވަނީ 26 ނޮވެންބަރު 2026 ގައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، ޢާޠިފްގެ މައްޗަށް މި ދަޢުވާތައް ކުރަން ނިންމީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރެ އަގުހެޔޮކޮށް ސައިކަލު ވިއްކާކަމަށް ދައްކުވައިގެން ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނެގުމަށްފަހު، އެ މީހުންނަށް ސައިކަލު ފޯރުކޮށްދިނުމަށް އެއްވެސް މަސައްކަތެއް ނުކޮށް އެ ފައިސާއިން އަމިއްލައަށް އިތުރު ތަޞައްރުފު ކޮށްފައިވާތީ ކަމަށެވެ. އަދި ސައިކަލު ހަވާލުކޮށްފައި ނުވާއިރު، ނެގި އެއްވެސް ފައިސާއެއް އަނބުރާ ރައްދުކޮށްފައި ނުވާކަންވެސް ޕީޖީ އޮފީހުން ފާހަގަކުރެއެވެ.

މި މައްސަލައިގައި ދައުލަތުން ދަޢުވާ އުފުލާފައިވަނީ ސައިކަލު ގަތުމަށް ފައިސާ ދެއްކި ވަކިވަކި ކޮންމެ މީހެއްގެ ބައި ވަކިން ކަމަށްވާތީ، ޖުމްލަ 139 ދަޢުވާ އޭނާގެ މައްޗަށް ވަނީ ކޮށްފައެވެ. އެހެންކަމުން، ޝަރީޢަތުން މި ހުރިހާ ދަޢުވާއެއް ސާބިތުވެއްޖެނަމަ، އަޙްމަދު ޢާޠިފް ޙަސަންގެ މައްޗަށް މަދުވެގެން 133 އަހަރާއި 4 މަހާއި 24 ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެއެވެ.

މީގެ އިތުރުން، ސައިކަލު ގަތުމަށް ފައިސާ ދައްކައި މަކަރާއި ހީލަތުގެ ޝިކާރައަކަށް ވީ މީހުންނަށް ލިބުނު މާލީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 6,250,420.12 ރުފިޔާ (ހަ މިލިއަން ދެ ލައްކަ ފަންސާސް ހާސް ހަތަރު ސަތޭކަ ވިހި ރުފިޔާ ބާރަ ލާރި) އަޙްމަދު ޢާޠިފް ޙަސަންގެ އަތުން ނަގައިދިނުމަށްވެސް ދައުލަތުން ވަނީ ކޯޓުގައި އެދިފައެވެ.

މިއަދު އޮންލައިން