3 އަހަރު ތެރޭގައި އިއާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީ 53 މެގަވޮޓުން 136 މެގަވޮޓަށް އުފުލިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
3 އަހަރު ތެރޭގައި އިއާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީ 53 މެގަވޮޓުން 136 މެގަވޮޓަށް އުފުލިއްޖެ

ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ދެގުނައަށްވުރެ އިތުރުވެފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ދައުލަތުގެ މީޑިއާއިން ގެނެސްދިން "ހަފްތާ 156" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ޢަލީ ޝަރީފް ވިދާޅުވި ގޮތުގައި ރާއްޖޭގައި ތެލަށް ކުރާ ހޭދަ އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 700 މިލިއަން ޑޮލަރަށް އަރައެވެ. މިއީ ރާއްޖޭގެ ޖުމްލަ ޤައުމީ އުފެއްދުންތެރިކަން (ޖީޑީޕީ) ގެ ގާތްގަނޑަކަށް 10 އިންސައްތަކަން އޭނާ ފާހަގަކުރެއްވިއެވެ. މި ބޮޑު ހޭދަ ކުޑަކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވަމުން ގެންދަވާކަން ވަޒީރު ހާމަކުރެއްވިއެވެ.

2023 ވަނަ އަހަރު ބޭއްވި ކޮޕް ސަމިޓްގައި، 2028 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަމާޒު ކަނޑައަޅުއްވާފައެވެ. އެ މަސައްކަތް ފެއްޓެވިއިރު މުޅި ރާއްޖޭގައި ޤާއިމުކުރެވިފައި ހުރީ 53 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ނަމަވެސް ފާއިތުވި 3 އަހަރުގެ ތެރޭގައި އެތައް ރަށެއްގައި ހިންގުނު މަޝްރޫޢުތަކާއެކު، އިއާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ޖުމްލަ އަޅުގަނޑުމެން ހަވާލުވިއިރުގައި 53 ގައި ހުރި އެއްޗެއް މި 3 އަހަރު ނިމިގެން އައިއިރުގައި އަޅުގަނޑުމެންނަށް އޭތި ބަދަލުކޮށްލެވިއްޖެ 136 އަކަށް. އެހެންވީމަ 2 ގުނައަށްވުރެ ވެސް ބޮޑުކުރެވިއްޖެ އަޅުގަނޑުމެންނަށް. އެއީ އެއިރު ހުރި ވަރާއި އަޅާބަލާއިރުގައި %61 ކުރިއެރުމެއް،" ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން