ދިވެހި ޙައްޖުވެރިންނާއި އުމުރާވެރިންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ޚިދުމަތްތަކަށް އެދުމުގެ ކަންކަން ލުއިފަސޭހަ ކުރުމުގެ ގޮތުން އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ޚާއްޞަ ޑިޖިޓަލް ނިޒާމެއް ކަމަށްވާ "ޙައްޖު އުމުރާ ޕޯޓަލް" ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.
މި ޕޯޓަލް އިފުތިތާހުކޮށްފައިވަނީ ބުރާސްފަތި ދުވަހު ބޭއްވި 3 ވަނަ ޙައްޖު އުމުރާ ކޮންފަރެންސްގެ ތެރެއިންނެވެ. މި ޕޯޓަލްއާ ގުޅޭ މައުލޫމާތު މިހާރު ވަނީ ޙައްޖާއި އުމުރާގެ ޚިދުމަތްދޭ ކުންފުނިތަކާ ހިއްސާކޮށްފައެވެ. އަދި ޕޯޓަލްއަށް މީހުން އަހުލުވެރިކުރުވުމުގެ ގޮތުން ކޮންފަރެންސްގެ ތެރޭގައި ޕްރެޒެންޓޭޝަނެއް ހުށަހަޅާފައިވާއިރު، ކުރިއަށް އޮތް ތަނުގައި މިކަމަށް ޚާއްޞަ ވޯކްޝޮޕްތަކެއް ބޭއްވުމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ.
ޙައްޖާއި އުމުރާގެ ޚިދުމަތްދޭ ކުންފުނިތައް މެދުވެރިކޮށް ޚިދުމަތަށް އެދޭ ފަރާތްތަކަށާއި އަމިއްލަ ފަރާތްތަކަށްވެސް ފަސޭހައިން މައުލޫމާތު ބަދަލުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ޕޯޓަލް މެދުވެރިކޮށް، ޙައްޖާއި އުމުރާގެ އިދާރީ އެންމެހައި ކަންތައްތައް ދެފުއްފެންނަ ހަރުދަނާ އުސޫލަކުން ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.
މި އާ ޑިޖިޓަލް ނިޒާމާއެކު، ޙައްޖަށާއި އުމުރާއަށް ދާ ފަރާތްތަކުން ފައިސާ ދެއްކުމުގެ އުސޫލުތައް ހަރުދަނާވެގެންދާނެއެވެ. މީގެ އިތުރުން ކަރުދާސް ބޭނުންކުރާ މިންވަރު މަދު، ލުއިފަސޭހަ ނިޒާމެއްގެ ތެރެއިން ލިޔެކިޔުން ހުށަހެޅުމުގެ ފުރުސަތު ފަހިވެ، ކުރިން އުފުލަންޖެހުނު ބޮޑެތި ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ. އެގޮތުން ކޮންމެ ވަގުތެއްގައިވެސް މޯބައިލް ފޯނު މެދުވެރިކޮށް ލިޔެކިޔުންތައް އަޕްލޯޑްކޮށް، އެޕްލިކޭޝަންގެ ސްޓޭޓަސް ބަލައިލެވޭނެ އިންތިޒާމު މިހާރު ވަނީ ގާއިމުކޮށްފައެވެ.
ހަމައެއާއެކު، ޚިދުމަތަކާ ގުޅޭގޮތުން އުމުރާ ގްރޫޕަކާ މެދު އެއްވެސް ޝަކުވާއެއް އޮތްނަމަ އެ ޝަކުވާއެއްވެސް މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. އަދި އެ ޝަކުވާ ވުޒާރާއިން ބަލަމުންދާ ގޮތުގެ ތަފުސީލާއި، މައްސަލަ ބަލައި ނިންމުމަށްފަހު އަޅާ ފިޔަވަޅުތައްވެސް ދެފުއްފެންނަ ގޮތަށް ޕޯޓަލް މެދުވެރިކޮށް އާންމުންނަށް ބަލައިލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.