މިފްކޯގެ މަސްފިހާރައެއް އައްޑޫ ހުޅުދޫގައި ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 31ސ
މިފްކޯގެ މަސްފިހާރައެއް އައްޑޫ ހުޅުދޫގައި ހުޅުވައިފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ވިޔަފާރި ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން، އައްޑޫ ހުޅުދޫގައި މިފްކޯގެ މަސްފިހާރައެއް ރޭ ހުޅުވައިފިއެވެ.

މިއީ ރާއްޖޭގެ އެކި ހިސާބުތަކުން މިފްކޯގެ އުފެއްދުންތައް ރައްޔިތުންނަށް ހެޔޮ އަގުގައި ފަސޭހައިން ލިބޭނެ މަގު ފަހިކުރުމަށް ކުންފުނިން ކުރަމުންދާ މަސައްކަތުގެ ދަށުން، މާލެ ސަރަހައްދުން ބޭރުގައި ހުޅުވި ތިންވަނަ މަސްފިހާރައެވެ. މީގެ ކުރިން، އައްޑޫ ސިޓީ ހިތަދޫގައާއި ފުވައްމުލައް ސިޓީގައި މިއަހަރު ތެރޭ ވަނީ މިފްކޯގެ މަސްފިހާރަ ހުޅުވާފައެވެ. މީގެ އިތުރުން، މާލޭގެ ދެ ފިހާރައާއި ހުޅުމާލޭގެ ތިން ފިހާރަ މެދުވެރިކޮށް މިފްކޯއިން ދަނީ ކުންފުނީގެ އުފެއްދުންތައް ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ.

ރޭ ހުޅުވި މިފްކޯގެ 8 ވަނަ މަސްފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު އަނަސް އާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ. މި ރަސްމިއްޔާތުގައި ހުޅުދޫ އާއި މީދޫގެ މުއައްސަސާތަކުގެ ވެރިންނާއި، ދެރަށުގެ އާންމު ރައްޔިތުން ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިފްކޯގެ ސީ.އީ.އޯ މުޙައްމަދު އަނަސް ވިދާޅުވީ ހުޅުދޫގައި މިފްކޯގެ މަސްފިހާރައެއް ހުޅުވުމަށް ނިންމީ އެ ރަށު ރައްޔިތުންގެވެސް އެދުމުގެ މަތިން ކަމަށެވެ. އެގޮތުން ބަނދަރު ސަރަހައްދުގައި ހިންގަމުންދާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއާ ރައްޔިތުން ދިރިއުޅޭ ހިސާބާ ދުރުވުމުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދީ، ރަށު ތެރެއިން ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ރައްޔިތުން ވަރަށް ބޮޑަށް އެދިފައިވާ ކަމަށް ވިދާޅުވިއެވެ.

“މިއަދު އަޅުގަނޑުމެން މި އިޖާބަދެނީ ރައްޔިތުންގެ އެ އެދުމަށް. އެގޮތުން، ބަނދަރުގައި ހުރި ފިހާރަ މަސްވެރިންނަށް ޚިދުމަތް ދިނުމަށް ޚާއްސަކޮށް، ރަށުގެ އާންމު ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު މިފްކޯގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، މި ހުޅުވުނު ފިހާރައަކީ، ރައްޔިތުންގެ އެދުމަށް ދެވުނު އަމަލީ ޖަވާބެއް ކަމުގައި ދެކެން.” ސީ.އީ.އޯ ވިދާޅުވިއެވެ.

މީގެ އިތުރުން ސީ.އީ.އޯ އަނަސް ވިދާޅުވީ ހަމައެކަނި ފިހާރައެއް ހުޅުވުމަކުން މިފްކޯގެ މަސައްކަތް ނިމުނީ ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެ ފިހާރަތަކުން މިފްކޯގެ އުފެއްދުންތައް މެދުނުކެނޑި ރައްޔިތުންނަށް ލިބޭކަން ކަށަވަރުކުރުމަކީ ވެސް މެނޭޖްމަންޓުން ވަރަށް އިސްކަންދޭ ކަމެއްކަން ފާހަގަކުރެއްވިއެވެ. މިގޮތުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގެ މަސްފިހާރަތަކަށް ބޭނުންވާ އުފެއްދުންތައް ފޯރުކޮށްދިނުމަށްޓަކައި، އައްޑޫގައި ލޯކަލް ޕްރޮޑަކްޝަން ހައުސްއެއް ގާއިމުކުރުމަށް ނިންމާފައިވާކަން އިއުލާން ކުރެއްވިއެވެ.

“ހަމައެކަނި ފިހާރައެއް ހުޅުވުމަކުން އަޅުގަނޑުމެންގެ މަސައްކަތް ނިމުނީ ނޫން ކަމުގައި ދަންނަވަން. އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ މަސްފިހާރަތަކަށް ބޭނުންވާ އުފެއްދުންތައް މެދުކެނޑުމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި، އައްޑޫގައި ލޯކަލް ޕްރޮޑަކްޝަން ހައުސްއެއް ގާއިމުކުރުމުގެ މަސައްކަތް ރޭވި، ކުރިއަށްދާކަން މި ފުރުސަތުގައި ފާހަގަކޮށްލަން.” ސީ.އީ.އޯ ވިދާޅުވިއެވެ.

މިފްކޯއިން އައްޑޫގައި ގާއިމުކުރުމަށް ނިންމާފައިވާ ލޯކަލް ޕްރޮޑަކްޝަން ހައުސްގެ ސަބަބުން އެ ސަރަހައްދުގެ އިގްތިސާދަށް އާ ދިރުމެއް ލިބި، ވަޒީފާގެ އާ ފުރުސަތުތަކެއް ފަހިވެގެންދާނެކަން މިފްކޯގެ ސީ.އީ.އޯ އަދި އެމް.ޑީ ފާހަގަކުރެއްވިއެވެ.

އައްޑޫ ހުޅުދޫއަކީ ހެދިކާ ހެދުން ފަދަ އިގްތިސާދީ މަސައްކަތްތައް ވަރަށް ބޮޑަށް ހިނގާ ރަށަކަށް ވުމުން، އެކަމަށް ބޭނުންވާ ތަފާތު އުފެއްދުންތައް މިރޭ ހުޅުވި މަސްފިހާރައިން ހެޔޮ އަގުގައި ލިބެން ހުންނާނެއެވެ. އަދި މި ފިހާރައިން މިފްކޯގެ ހުރިހާ އުފެއްދުންތަކެއް ވެސް ލިބެން ހުންނާނެއެވެ.

މިފްކޯގެ ފިހާރަތައް އިތުރުކޮށް ވިޔަފާރި ފުޅާކުރަމުންދާއިރު، ކުންފުނީގެ އަމާޒަކީ އުފެއްދުންތެރިކަން އިތުރުކޮށް، ފެންވަރު ރަނގަޅު އުފެއްދުންތަކެއް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.


ހަބަރު: މިފްކޯ

މިއަދު އޮންލައިން