މާފަނުންނު ނަލަހިޔާ މަންޒިލުގެ ފަސް ވަނަ ބުރިން ސިމެންތި ބަސްތާ އެއް ވެއްޓި އަނިޔާވި އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖާގެ ހަށިގަނޑު ތެރެއަށް ލޭ އެޅި، ކޮނޑު ހުޅާއި ދެ ފަޔަށް ވެސް އަނިޔާވެފައިވާ ކަމަށް މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
އެކުއްޖާގެ ހާލަތު ބެއްލެވުމަށް އައިޖީއެމްއެޗް އަށް ވަޑައިގެން ޝިފާ ވިދާޅުވީ ކުއްޖާގެ ކޮނޑު ހުޅުންވެސް ނެއްޓިފައިވާ ކަމަށާއި ކުއްޖާގެ ހަށިގަނޑަށް ލޭއެޅިފައިވާއިރު އެކުއްޖާއަށް ނޭވާލުމުގައި ވެސް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
ކުއްޖާއަށް ބީ ޕޮޒިޓިވް ލޭ ބޭނުންވާކަން ފާހަގަކޮށް ޝިފާ ވަނީ އެކުއްޖާއަށް ބޭނުންވާ ލޭ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ވެސް އެދިވަޑައިގެންފައެވެ. ކުއްޖާއަށް ލޭ ހަދިޔާ ކުރުމަށް ގުޅުއްވާނީ 9169870 ނަންބަރު ފޯނާއެވެ.
ނަލަހިޔާ މަންޒިލް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން ދަނީ ޑަބްލިއު ކޮންސްޓްރަކްޝަނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސިމެންތި ބަސްތާ ވެއްޓިފައި ވަނީ އެ އިމާރާތުގެ ހަވަނަ ބުރިއަށް ބަސްތާ އަރުވަން އުޅުމުގެ ތެރޭގައި ފަސް ވަނަ ފަންގިފިލާގައި ސިމެންތި ބަސްތާ ޖެހި ފަޅައިގެންގޮސް، އައްސާފައި އޮތް ވާގަނޑު ނެއްޓިގެނެވެ.
ކުއްޖާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބޭއިރު އެކުއްޖާގެ ސާޖަރީއެއް ވެސް އަދިވެސް ދަނީ ހަދަމުންނެވެ.
އެހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެ ވީޑިއޯ އިން ފެންނަ ގޮތުގައި ސިމެންތި ބަސްތާ ވެއްޓެނީ އެކުޑަ ކުއްޖާގެ ބޯމައްޗަށެވެ.