ސިމެންތި ބަސްތާއެއް ވެއްޓި ކުޑަ އަންހެން ކުއްޖަކަށް ސީރިއަސް އަނިޔާތަކެއްވި މައްސަލައިގައި މާލޭގައި މިހާރު އިމާރާތްކުރާ ހުރިހާ ސައިޓްތަކެއްގެ ސަލާމަތީ ކަންކަން ބެލުމުގެ އިންސްޕެކްޝަނެއް ކުރިއަށް ގެންދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމާ ބެހޭ ފަރާތްތަކަށް އަމުރު ކުރައްވައިފިއެވެ.
މިކަމާއި ގުޅޭގޮތުން ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމައްސަލަ ސީރިއަސްކޮށް ބަލަން މިހާރު އަންގަވާފައިވާ ކަމަށާއި އާންމުންނާއި ސައިޓްގައި މަސައްކަތް ކުރާ ފަރާތްތަކުގެ ރައްކަލަކަށް ޓަކައި އިމާރާތް ކުރާ ސައިޓްތަކުގައި ސަލާމަތީ ކަންކަން ހުރި ނެތްގޮތް ބަލަން ވަގުތުން އިންސްޕެކްޝަން ފެށުމަށް އަންގާފައިވާ ކަމަށެވެ.
މީގެއިތުރުން، ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް އިމާރާތް ކުރަމުންދާ ތަންތަނުގެ ސަލާމަތީ ކަންކަން މިހާރަށް ވުރެ ބޮނޑަށް ހަރަދަނާ ކުރާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
މިހިތާމަވެރި ހާދިސާގައި އަނިޔާވި ކުއްޖާއާއި އެކުއްޖާގެ އައިލާއާއެކު މިއުދަނގޫ ވަަގުތުގައި ހުންނެވި ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި އެ އާއިލާއަށް ރައީސް ސޯލިޙު ވަނީ ތައުޒިޔާ ފޮނުއްވައިފަ އެވެ.