ނިޔާވި ކުއްޖާގެ އާއިލާއާއި ނައިބު ރައީސް އަދި ހޯމް މިނިސްޓަރު ބައްދަލު ކުރައްވާ ތަޢުޒިޔާ ދެންނެވި

ކިޔުމަށް ހޭދަވާނީ 1މ 27ސ
ނިޔާވި ކުއްޖާގެ އާއިލާއާއި ނައިބު ރައީސް އަދި ހޯމް މިނިސްޓަރު ބައްދަލު ކުރައްވާ ތަޢުޒިޔާ ދެންނެވި

އިއްޔެ ހެނދުނުގެ ވަގުތެއްގައި ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި ނިޔާވި އުމުރުން އަށް އަހަރުގެ އަންހެން ކުއްޖާގެ އާއިލާއާއި ނައިބު ރައީސް ފައިސަލް ނަސީމް އާއި ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ ބައްދަލު ކުރައްވާ، އެއާއިލާއަށް ތަޢުޒިޔާ ދެންނެވިއެވެ.

 

އަައިޖީއެމްއެޗް އަށް ވަޑައިގެން ނައިބު ރައީސް އަދި ހޯމް މިނިސްޓަރު ވެސް ވަނީ އާއިލާއަށް ހިތްވަރު ދެއްވާ، އެއާއިލާއަށް ދިމާވި ހިތާމައިގައި ބައިވެރިވެލައްވާފައެވެ.

 

މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭގެ ވަގުތެއްގައި އެކުއްޖާގެ ހަށިގަނޑު ބަންގްލަދޭޝް އަށް ފޮނުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

 

އިއްޔެ ހިނގި މިހިތާމަވެރި ހާދިސާގެ ސަބަބުން ކުއްޖާގެ މަންމައަށްވަނީ ފުން އަސަރެއް ކޮށްފައެވެ. އޭނާއަށް ހިތްވަރުދީ، ހާލު ރަނގަޅަށް ބެލެހެއްޓުމުގައި އައިޖީއެމްއެޗްގެ ހީވާގި ޑޮކްޓަރުންނާއި ނަރުހުން ދަނީ މަސައްކަތް ކުރަމުންނެވެ. އާއިލާއަށް ލިބުނު ހިތާމައިގައި ވަރަށް ގާތުން އެހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ވަނީ ޝާމިލުވެފައެވެ.

 

އުމުރުން އަށް އަހަރުގެ އެކުއްޖާގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓިފައިވަނީ މ. ނަލަހިޔާ މަންޒިލްގެ ކޮންސްޓްރަކްޝަން ސައިޓުގައި ހިނގި ހިތާމަވެރި ހާދިސާއެއްގައެވެ. އެކުއްޖާގެ ގިނަ އޮޕަރޭޝަންތަކެއް ކޮށްފައިވާއިރު ރޭ ދަންވަރު ވެސް ވަނީ އޮޕަރޭޝަނެއް ކޮށްފައެވެ. ލައިފް ސަޕޯޓުގެ އެހީގައި އެކުއްޖާ ބާއްވާފައި އޮތް ފަހުން އެކުއްޖާ ނިޔާވެފައިވަނީ މިއަދު މެންދުރު 12:40 ހާއިރުއެވެ.

 

މާތް ﷲ އެކުޑަ ކުއްޖާގެ ފުރާނައަށް ހެޔޮ ރަޙްމަތްލައްވާ ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވާށި، އާމީން. އަދި މިފަދަ ވަގުތެއްގައި އެއާއިލާއަށް ކެތްތެރިކަން ވެސް ދެއްވާށި. އާމީން.

މިއަދު އޮންލައިން