މިމަހުގެ 16 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި މ. ނަލަހިޔާ މަންޒިލްގެ ކޮންސްޓްރަކްޝަން ސައިޓުން ސިމެންތި ބަސްތާއެއް ވެއްޓި ޒަހަމްވެ، މިއަދު ނިޔާވި އުމުރުން އަށް އަހަރުގެ ރައުޝަން ޖިއާން ގެ މައިންބަފައިން ދެން ރާއްޖެއަށް އެނބުރި އަންނަން ބޭނުން ނުވާ ކަމަށް އެއާއިލާއިން ބުނެފިއެވެ.
"މިއަދުނޫހަށް" މައުލޫމާތު ދެމުން ޖިއާންގެ ބޮޑުބޭބެ މީޒާން ބުނީ މިރޭ 21:30 ގައި، ޖިއާންގެ ހަށިގަނޑާއެކު އެއާއިލާ ބަންގްލަދޭޝް އަށް ފުރާފައިވާ ކަމަށާއި ދެން އެނބުރި ރާއްޖެއަށް އަންނަން އެކުއްޖާގެ މައިންބަފައިން ބޭނުން ނުވާ ކަމަށެވެ.
"ކުއްޖާގެ މަންމަ ބުނީ ދެން ރާއްޖެ ނާންނާނަމޭ. އެހެންވެ ކުއްޖާގެ ބައްޕަވެސް ބުނީ ނާންނާނަމޭ. ކުއްޖާގެ މަންމަ އަންނަން ބޭނުންވީމައޭ ދެން ރާއްޖެ އަންނާނީ" މީޒާން ބުނެފައިވެއެވެ.
ޖިއާންގެ ބައްޕައަކީ އަތޮޅުތެރޭގެ ރަށެއްގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ޑޮކްޓަރެކެވެ. އެހެންކަމުން ރާއްޖޭ ސަރުކާރުން ވަނީ އެދެމަފިރިން ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި ވެސް ރާއްޖެއަށް އާދެވޭނެކަމަށް ބުނެފައި ކަމަށް ވެސް އެކުއްޖާގެ ބޮޑުބޭބެ ބުންޏެވެ.
ރައުޝަން ޖިއާން ނިޔާވެފައިވަނީ މިއަދު މެންދުރު 12:40 ހާއިރު އައިޖީއެމްއެޗް ހޮސްޕިޓަލްގެ އައިސީޔޫ ގައެވެ. އެންމެ ފަހު ވަގުތާއި ޖެހެންދެން ވެސް އެކުއްޖާގެ ފުރާނަ ސަލާމަތް ކުރެވޭތޯ އެހޮސްޕިޓަލުން ވަރަށް މަސައްކަތް ކުރި ކަމަށް އާއިލާއިން ވަނީ އުފަލާއެކު ފާހަގަ ކޮށްފައެވެ.
ޖިއާން ނިޔާވި ޚަބަރު ލިބުމުން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު ވަނީ، މިވަގުތު އިންޑިއާގައި ހުންނެވި ކަމުގައިވީ ނަމަވެސް، ފޯނުން ގުޅުއްވާ އެކުއްޖާގެ މައިންބަފައިންނާއި ވާހަކަފުޅު ދައްކަވާ ތަޢުޒިޔާ ދަންނަވާފައެވެ.
ރައީސްގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމާއި، ކުރީގެ ދެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އަދި ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވަނީ އައިޖީއެމްއެޗް އަށް ވަޑައިގެން ކުއްޖާގެ އާއިލާއާއި ބައްދަލުކުރައްވާ އެހިތާމާގައި ބައެިވެރިވެ ލައްވާފައެވެ. އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް އެއާއިލާއަށް ތަޢުޒިޔާ ދެންނެވިއެވެ.