ފައުޅުގައި މީހަކު ވިޔަފާރި ކުރާނަމަ އެކަން ރައްޔިތުންނަށާއި ސަރުކާރަށް ވެސް އެނގޭނެއެވެ. ދައުލަތުގެ ކަމާއިބެހޭ އިދާރާތަކަށް ޓެކްސް ވެސް ދައްކަން ޖެހޭނެއެވެ. އަދި އެކަންކަމާއިބެހޭ އިދާރާތަކުން އެމީހަކަށް ފާރަވެރިވެސް ވާނެއެވެ.
އަޅުގަނޑުމެންގެ ތެރެއިން ފެންނަ ބައެއް ސިޔާސީ އިސް މީހުންނަކީ ފައުޅުގައި ވިޔަފާރިކުރާ ބައެއް ނޫނެވެ. ވިޔަފާރިކުރަނީ ޢާއިލާގެ ކޮންމެވެސް މީހެއްގެ ނަމުގައެވެ. އަނބި ދަރިންގެ ނަމުގައެވެ.
ނޫނީ ކޮންމެވެސް މީހެއްގެ ނަމުގައެވެ. ހަޤީޤަތަށް ބަލައިފިނަމަ މިއީ މާނުރައްކައުތެރިކަން ބޮޑު ގޮތެކެވެ. ފޮރުވިގެން ތިބެ ކުރާ ވިޔަފާރިތަކުން ރައްޔިތުންނަށާއި ދައުލަތަށް ލިބޭ ގެއްލުންވެސް މާބޮޑެވެ. ހިންގާ ކޮރަޕްޝަނުގެ އަމަލުތައްވެސް މާގިނައެވެ.
އެހެންކަމުން ވިޔަފާރިވެރިންނަކީ ހަމައެކަނި އެމީހެއްގެ ނަމުގައި ވިޔަފާރިކުރުން ކަމަށް ބެލުން ހުއްޓާލަން އެބަޖެހެއެވެ. ވިޔަފާރި ކުންފުނިތަކާއި ސިޔާސީ މީހުންނާއި ގުޅުންހުރި ކަންކަން ވެސް އެބަ ބަލަން ޖެހެއެވެ. ކޮރަޕްޝަނާއި ފަސާދަ ފިލުވައި ލެވޭނީ އެއިރުންނެވެ.