ރާއްޖޭގައި ތަރައްގީ ކުރަމުން އަންނަ ރިސޯޓެއްގައި ގަވައިދާ ހިލާފަށް ހާހެއްހާ ބިދޭސީން މަސައްކަތްކުރަމުންދާ މައްސަލައެއް ފެންމަތިވެއްޖެއެވެ. މި މައްސަލަ މިހާރު ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޯ) އިން ބަލަމުންދާކަމަށް މައުލޫމާތު ލިބެއެވެ.
އެއްއާރުއޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީޑިއާއަށް މައުލޫމާތު ހިއްސާކުރަމުން އެތަނުގެ އިންފޮމޭޝަން އޮފިސަރު އަލީ ޝަރީފް ވިދާޅުވީ ހަދަމުން އަންނަ ރިސޯޓެއްގައި ގިނަ އަދަދެއްގެ ބިދޭސީން ގަވައިދާ ހިލާފަށް އުޅޭ މައްސަލަ ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެ ބިދޭސީން އެތެރެ ކުރި ބައެއް ހޯދުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ، އެ ރިސޯޓަށް އެމީހުން ދިޔައީ ކޮން ބެނުމަކު ތޯ ވެސް ބަލަމުންދާ ކަމަށެވެ. ނަމަވެސް، އެ ބިދޭސީން މަސައްކަތް ކުރަމުން ރިސޯޓުގެ ނަމެއް އަދި އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.
އަލީ ޝަރީފް ވިދާޅުވީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށާއި، އެކަމަކު ތަހުގީގު މަރުހަލާ ނިމުމުން އެ މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށެވެ.
ލިޔުނީ: ޒިދާން މުހައްމަދު