ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން މާލެއިން ގެ ކުއްޔަށް ހިފައިގެން ތަފާތު އެކިއެކި ވިޔަފާރިތައް ކުރަމުން އަންނަ ކަމަށް ލެބަރ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޭ) އިން މިއަދު ބުނެފިއެވެ.
އެއޮތޯރިޓީން ބުނިގޮތުގައި، ހެންވޭރު ކޮޅުގައި ދިރިއުޅޭ ބައެއް ފަރާތްތަކުގެ ޝަކުވާއާއެކު އެއަސަރަޙައްދުގައި ހުރި ތިން ގެއެއް ވަނީ ބަލައިފާސް ކޮށްފައެވެ. އެގޮތުން ބިދޭސީން ކުއްޔަށް ހިފާފައި ހުރި ތަންތަނުގައި ވިޔަފާރި އުސޫލުން މީހުން ނިންދެވުމާއި ކާބޯތަކެތި އެކި ތަންތަނަށް ފޯރުކުރުން ފަދަ ކަންކަން ވެސް ބިދޭސީން ކުރަމުން އަންނަ ކަމަށް އެލްއާރްއޭ އިން ބުނެފައިވެއެވެ.
އެލްއާރްއޭ އިން މިއަދު ބޭއްވި ނޫސްވެރިްނގެ ބައްދަލުވުމެއްގައި އެއޮތޯރިޓީގެ އިންފޮމޭޝަން އޮފިސަރ އަލީ ޝަރީފު ވިދާޅުވީ ގެތައް ކުއްޔަށް ނަގައިގެން ބިދޭސީން އަންނަނީ އެތަންތަނުގައި، ވިޔަފާރީގެ ގޮތުން ކާން ދިނުމާއި ޕާރުސަލް ބެހުންފަދަ ކަންކަން ކުރަމުން ކަމަށެވެ. އަދި ބައެއް ތަންތަނުގައި ވިޔަފާރި އުސޫލުން މީހުން ނިންދަވަމުން ގެންދާ ކަމަށް ވެސް ބުނެފައިވެއެވެ.
މީގެއިތުރުން ހެންވޭރުން ބެލި ތިން ގެއަކީވެސް ވަރަށް ބޮޑަށް ބައުވެ، ހަލާކުވެފައިވާ ގެތަކެއް ކަމަށާއި އެތަންތަނުން 400 އެއްހާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އެއޮތޯރިޓީން މައުލޫމާތު ދީފައިވެއެވެ.