ސިއްޙަތަށް ރަނގަޅު ނޫން ބާވަތްތަކާއި މެދު ހޭލުންތެރިކަން އިތުރު ކުރުމަށް ކުރެވޭ ހޭދަ އިތުރު ކުރުމުގެ ވައުދު އިފްތިތާޙް ކުރުމުގެ ގޮތުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހެލްތު އެޑްވައިޒަރީ ބޯޑެއް މިއަދު އެކުލަވާލައިފިއެވެ.
މިކަމާއި ގުޅޭގޮތުން މިއަދު ހެނދުނު ހޮޓެލް ޖެންގައި އެޗްޕީއޭ އިން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މައުލޫމާތު ދެއްވަމުން އެއޭޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ ޙަސަން މުޙައްމަދު ވިދާޅުވީ،ސިއްޙީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެކިއެކި ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން މީޑިއާގެ ފަރާތްތައް ވެސް އެކުލެވޭ ގޮތަށް އެކުލަވާލި މިބޯޑުގެ މައިގަނޑު މަޤްސަދަކީ، އެކި ބަލިތަކަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކަށް ސަރުކާރަށް ލަފާ ދިނުން ކަމަށެވެ.
މިއަދުގެ އެރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައީސް ފައިސަލް ނަސީމް އެވެ. ނައިބު ރައީސްގެ އިތުރުން މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
"ހެލްތު އެޑްވައިޒަރީ ބޯޑް" ގައި ހިމެނޭ ބައެއް މެމްބަރުންނަށް މިއަދު އެރަސްމިއްޔާތުގައި ވަނީ މެމްބަރުކަމުގެ ލިޔުންވެސް ހަވާލު ކޮށްދެއްވާފައެވެ. ލިޔުން ހަވާލު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ.
އެގޮތުން އެލިޔުން ހަވާލު ކޮށްދެއްވި މެމްބަރުންނަކީ:
· މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ޚަދީޖާ އަބްދުއް ސަމަދު
· ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން މައިމޫނާ އަބޫބަކުރު
· މޯލްޑިވްސް ފުޑް އެންޑް ޑްރަަގް އޮތޯރިޓީގެ ފަރާތުން ތޫމާ އާދަމް
· މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ހުސެއިން ރަޝިދު
· މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ ފަރާތުން ޑރ. ނިޔާޝާ އިބްރާހިމް
· މޯލްޑިވްސް މީޑިއާ ކައުންސިލްގެ ފަރާތުން އަޒްމީ އަލީ
· މޯލްޑިވްސް އޮލިމްޕިކް ކިމިޓީގެ ފަރާތުން އަޙްމަދު މަރްޒޫކް
· މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ފަރާތުން އަޙުމަދު ރާޝިދު