ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނަމަވެސް ރައްޔިތުން ހަވާލުކުރި މަސްއޫލިއްޔަތު ރައްޔިތުން ހަވާލުކުރި ގޮތަށް މަޖިލީހުގައި އަދާކުރަން ފޭލްވެއްޖެނަމަ މެންބަރުކަން ގެއްލެން ތާއީދުކުރާ މެންބަރުން މަޖިލީހަށް މިފަހަރު ހޮވުން މުހިންމު ކަމަށް މާލެ ސިޓީގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.
އާދަމް މަނިކު ވިދާޅުވީ ޤާނޫނު އަސާސީގައި ބުނެފައިވަނީ ހުރިހާ ބާރުތަކެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށްވާއިރު ހުރިހާ ކަމެއްގައިވެސް އެބާރު ރައްޔިތުންނަށް އޮންނަން ޖެހޭނެ ކަމަށެވެ. އެހެންކަމުން ރައްޔިތުން މަޤާމު ހަވާލުކުރާ ރައީސުލްޖުމްހޫރިއްޔާ އާއި ރާއްޖޭގެ ފަނޑިޔާރުން ގޯސްވެއްޖެނަމަ މަޤާމުން ވަކިކުރުމުގެ ބާރު މަޖިލީހަށް އޮންނަ ފަދައިން ރައްޔިތުން މަޖިލީހަށް އިންތިޚާބުކުރާ މެންބަރުން ގޯސްވެއްޖެނަމަ ވަކިކުރުމުގެ ބާރު ރައްޔިތުންނަށް އޮންނަން ޖެހޭނެ ކަމަށެވެ.
"ރައްޔިތުން މިބުނަނީ ހުރިހާ ބާރުތަކެއް ފެށިގެން އަންނަނީ ތިމަންނަމެންނާއި ހަމައިންނޭ. އެކަމަކު އަހަރެމެންގެ މަސައްކަތް ކުރަކަމުން އަހަރެމެންގެ ފަރާތުން ކަންކަން ކުރަން، ބަސްބުނަން މިހަވާލުކުރަނީ އަހަރެމެންގެ މަނދޫބުންނާއޭ. އަހަރެމެން އެމީހުންނާ ހަވާލުކުރި ޒިންމާ އަހަރެމެން ހަވާލުކުރި ގޮތަށް އަދާ ނުކުރާނަމަ، އެމީހުން ރައީސުލްޖުމްހޫރިއްޔާއާ ފަނޑިޔާރުން ވަކިކުރާ ފަދައިން އަހަރެމެންނަށް އެމީހުން ވަކިކުރެވެން ޖެހޭނެއޭ.
" މިފަހަރު މަޖިލީހަށް އިންތިޚާބުކުރަން ވާނީ މި ކަމަށް (ރައްޔިތުން ބޭނުންވެއްޖެނަމަ ވަކިކުރަން) ތާއީދުކުރާ މެންބަރުން ކަމަށްވެސް އާދަމް މަނިކު ވަނީ ވިދާޅުވެފައެވެ.
"ޤާނޫނު އަސާސީ: އެންމެހާ ބާރުތައްށް ފެށިގެން އަންނަނީ—(ރައްޔިތުންނާއި ހަމައިން) ރައއްޔިތުން: އަޅުގަނޑުމެން ވަރަށް ބިޒީ. ވީމާ ބާރުތައް ތަންފީޒުކުރަން މަނދޫބުން ފޮނުވަނީ. ރައީސް ވިޔަސް ފަނޑިޔާރުން ވިޔަސް ގޯހިއްޔާ ބޭރުކޮށްލާ. މަންދޫބުން ގޯސްވީމާ؟ މިފަހަރު ރީކޯލް ވޯޓަށް ތާއީދުކުރާ ބައަކު ހޮވުން މުހިންމު."