ދިވެހި ތާރީޚަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މުޙައްމަދު ވަޙީދު ނަދުވީ އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އައިޖީއެމްއެޗްގައެވެ.
މުޙައްމަދު ވަޙީދު ނަދުވީ ވަނީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ މަރުކަޒުގައި ތަފާތު މަޤާމުތައް ފުރުވައިފައެވެ. އަދި ދިވެހި ބަހުގެ އެކަޑަމީގެ މަޤާމުތައްވެސް ފުރުއްވައިފައެވެ.
މުޙައްމަދު ވަޙީދު ނަދުވީއަކީ ރާއްޖޭގެ ތަރީޚު ދިރާސާ ކުރެއްވުމުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ބައެއް ސްކޫލްތަކުގައި ޓީޗަރެއްގެ ވަޒީފާވެސް އަދާކުރައްވައިފައެވެ. އަދި ޤައުމީ ޔުނިވަރސިޓީގައި ވަނީ ލެކްޗަރަރ އެއްގެ ގޮތުން ޚިދުމަތް ކުރައްވައިފައެވެ.
މުޙައްމަދު ވަޙީދު ނަދުވީ ފާހަގަ ކުރެވިފައިވަނީ ކުރައްވާ މަސައްކަތްތައް ވަރަށް ފުރިހަމައަށް ދިރާސާ ކުރައްވައި އެކަމެއްގެ އެންމެ ފުންމިނުން މައުލޫމާތު ހޯއްދަވައިގެން ލިޔުއްވުންތައް ލިޔުއްވަމުން ގެންދެވި ބޭފުޅެއްގެ ގޮތުގައެވެ. އެހެންކަމުން މުޙައްމަދު ވަޙީދު ނަދުވީގެ ޚިދުމަތް ގެއްލިގެން ދިއުމަކީ ދިވެހި ތާރީޚް ޢިލްމްގެ ހޯދުންތައް ކުރިއަށް ގެންދިއުމަށް ލިބުނު ވަރަށް ބޮޑު ނިކަމެތި ކަމެކެވެ.
މުޙައްމަދު ވަޙީދު ނަދުވީ އަވަހާރަވިއިރު އުމުރުފުޅަކީ 62 އަހަރެވެ.