ޕެޓުގެގޮތުގައި ގެންގުޅޭ ޖަނަވާރުންނަށް ސިއްހީފަރުވާ ދިނުމަށް އަންނަމަހުގެ ހަތްވަނަދުވަހު ވިލިމާލެ (ވިލިނގިލި) ގައި ކްލިނިކެއް ހުޅުވަން ނިންމަޥާފައިވާ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިންރިސޯސަސް އެންޑް އެގްރިކަލްޗާއިން އިއުލާންކޮށްފި އެވެ.
އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވަނީ އަންނަމަހުގެ ހަތްވަނަދުވަހު އެހިދުމަތް ފުރަތަމަ ފަހަރަށް ރާއްޖޭގައި ދޭންފަށާނެ ކަމަށެވެ. ވިލިމާލޭގައި ހުންނަ ފިޝަރީޒް މިނިސްޓްރީގެ އިމާރާތުގައި އެހިދުމަތްދޭން މިނިސްޓްރީން ނިންމާފައިވާއިރު އެ ކްލިނިކުން ހިދުމަތްދޭނީ އެޕޮއިންޓްމަންޓު ދޫކޮށްގެން ކަމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނީ އެމިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް ކްލިނިކް ހުޅުވާފައި ހުންނަ ދުވަސްތަކާއި ގަޑިތައް އަދި އަގުތައްފަދަ މައުލޫމާތުތައް ހިއްސާކުރައްވާނެ ކަމަށެވެ.
އެހިދުމަތް ރާއްޖެއަށް ތައާރަފުކުރަން ނިންމާފައިވަނީ ދޫންޏާއިބުޅާފަދަ ޖަނަވާރުތައް ޕެޓުގެގޮތުގައި ގެންގުޅުން ރާއްޖޭގައި އިތުވަމުން އަންނައިރު އެފަދަޖަނަވާރު ތަކަށް ބޭނުންވާ ސިއްހީ ފަރުވާ ނުލިބޭކަމުގެ ޝަކުވާތައް ލިބެމުންދާތީކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން ބުނެއެވެ.