އެއްމާބަނޑު ދެކުދިންނަށް ބަލިވެއިން ޒުވާނަކު ރޭ ފަތިހުގެ ވަގުތެއްގައި ކ. މާފުށީގައި ނިޔާވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި، ނިޔާވެފައިވަނީ ޏ. ފުވައްމުލައް ހޯދަޑު، ރަޝްފާ އަޙްމަދު (20އ.) އެވެ.
މާފުށީ މީހަކާއި ކައިވެނިކޮށްގެން އެރަށުގައި ދިރިއުޅެމުންދިޔަ ރަޝްފާ ނިޔާވިއިރު އޭނާގެ ބަނޑަށް އަށް މަހެވެ. ބަލިވެއިނީ އަންހެން ކުއްޖަކަށާއި ފިރިހެން ކުއްޖަކަށެވެ.
ރަޝްފާގެ މަރާއެކު އެންމެންނަށް ސިހުމެއް ލިބިފައިވާއިރު، ހެލްތު މިނިސްޓްރީ ގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާބަނޑު އަންހެނަކު ނިޔާވި މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. އެހެންކަމުން މިކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ހެލްތު މިނިސްޓްރީން ވެސް އަދި މާފުށީ ސިއްޙީ މަރުކަޒުން ވެސް ދީފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި، ރަޝްފާ ރޭގައި އުޅުނީ ވަރަށް ބޮޑަށް ކެއްސާތީއެވެ. އެހެންކަމުން ޑޮކްޓަރަށް ދެއްކި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ރަޝްފާގެ ފުރާނައަށް މާތް ﷲ ހެޔޮ ރަޙްމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި އާމީން. އަދި އާއިލާއަށް ކެތްތެރިކަން ދެއްވާ ހިތްވަރުގަދަ ކުރައްވާށި. އާމީން.
إِِنَّا لِلهِ وَإِنَّـا إِلَيْهِ رَاجِعُوْنَ