ތައުލީމީ ގޮތުން ފާހަގަކޮށްލެވޭ ފަދަ ކުރިއެރުންތަކެއް ހޯދާފައިވާ ފުވައްމުލަކުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ ކެމްޕަސް އެއް ހުޅުވަން ހަމަޖެހިފައިވުމާއިއެކު އެކަމުގެ އެއްބަސްވުމުގައި މިއަދު މެންދުރު ސޮއިކުރަން ވަނީ ހަމަ ޖެހިފައެވެ. ފުވައްމުލަކީ މިހާރުވެސް ކީރިތި ޤްރްއާނުގެ ޢިލްމުން އެންމެ ކުރިއަރާފައިވާ އެއް ރަށެވެ. ގިނަ އަދަދެއްގެ ޙާފިޡުންވެސް ތިބި ރަށެކެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ވަނީ ފުވައްމުލަކު ސިޓީ ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައިފައެވެ. މިބައްދަލު ކުރެއްވުމުގައި ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ ފުވައްމުލަކު ސިޓީގެ ކަންކަން ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތައް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޙިއްޞާކޮށްފައެވެ.
މިގޮތުން، ފުވައްމުލަކު ސިޓީ ކައުންސިލްގެ މެންބަރުން ވަނީ އިންސާނީ ވަޞީލަތް ތަރައްޤީ ކުރުމުގެ މުހިންމުކަން ފާހަގަކުރުމުގެ އިތުރުން ކައުންސިލްގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ދަތިވާ ކަންތައްތަކުގެ ތެރޭގައި ފަންނީ މުވައްޒަފުން މަދުވުމާއި މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ވަޞީލަތްތައް މަދުކަން ފާހަގަކޮށްފަފައެވެ.
މީގެ އިތުރުން ވެސް މި ބައްދަލުކުރެއްވުމުގައި ފުވައްމުލަކު ސިޓީ ކައުންސިލް މެންބަރުން ވަނީ އެ ސީޓީގެ ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، މަގުތަކުގެ ހާލަތުގެ އިތުރުން ކުނި މެނޭޖްކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަންނަ އަހަރުގެ ބަޖެޓާއެކު ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެކަން ފާހަގަކުރައްވައި މިހާރުވެސް ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން މައްސަލަތަކަށް ހައްލު ހޯއްދެވުމަށް ގުޅިގެން މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންފައެވެ