މިދިޔަ އަހަރުގެ ޖުލައި މަހުގެ 31ވަނަ ދުވަހުގެ ރޭ، ގައިގެ އެތަން މިތަނަށް ވަޅިހަރާ ރަޙުމް ކުޑަ ގޮތަކަށް މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް ގެ މަރުގެ މައްސަލައާއެކު 25 މައްސަލައެއް ބެލުމަށް ހަމަޖެހިފައިވާ ކަމަށް ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ހާމަ ކޮށްފިއެވެ.
އެމްޓީސީސީ ފެރީއެއްގެ ކައްޕިއަކަށް އުޅުނު އަނަސް މަރާލާފައިވަނީ އޭނާ މާލޭގައި ހުރި ލިޓަސް ސާވިސް ސެންޓަރު ތެރޭގައެވެ. އޭނާގެ މަރައިމެދު އެއިރު ވެރިކަމުގައި ހުރި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެފައިވަނީ، އަނަސްގެ މަރުގެ މައްސަލައިގައި "ކުށްވެރިވަނީ އޭނާ ލައިގެން ހުރި ޓީޝާޓު" ކަމުގައެވެ.
އަނަސްގެ މަރުގެ މައްސަލައިގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލައާއި، ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ އިތުރުން ގެއްލުވާލާފައިވާ މިނިވަން ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެ މައްސަލަ ވެސް ހިމެނެއެވެ.
މިފަދަ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އުފެއްދެވި މިކޮމިޝަންގެ ރައީސް ހުސްނުއްސުއޫދް، އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ 25 މައްސަލައެއް ބެލުމަށް އެކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
ކޮމިޝަނުން ބެލުމަށް ހަމަޖެހިފައިވާ މައްސަލަތައް:
ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލަ
އެމްއެމްއޭ ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ އިބްރާހިމް އާގިލް މަރާލި މައްސަލަ
2014 ވަނަ އަހަރު ހިނގާފައިވާ މަރުގެ މައްސަލައެއް
ލ. ކަލައިދޫގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި އުމުރުން 14 އަހަރުގެ އަހުމަދު ވިޝާލްގެ މަރުގެ މައްސަލަ
ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރާލި މައްސަލަ
ހ. ދޫހިމެރިގޭ ނަދާލް ރަޝީދުގެ މަރުގެ މައްސަލަ
ހ. ފިލިކުރިގޭ މޫސާ ނައީމް ދޫނިދޫ ޖަލުގައި ބަންދުކޮށްފައިވަނިކޮށް ކުއްލިއަކަށް މަރުވި މައްސަލަ
ގ. ފެހިމާގޭ އަލީ އަބްދުﷲ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މަރުވި މައްސަލަ
ދ. ކުޑަހުވަދޫ އަބްދުﷲ މާހިލް ގެއްލިފައިވާ މައްސަލަ
ރައުދާ އާތިފްގެ މަރުގެ މައްސަލަ
ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ގ. ކީމާ އަބްދުﷲ ރަޝީދު މުހައްމަދު މަރުވި މައްސަލަ
ފުވައްމުލައް ސިޓީ އޮޅުތެރޭގޭ މުހައްމަދު ޝަފީއު އިބްރާހިމް ގެއްލިފައިވާ މައްސަލަ
ހއ. ތަކަންދޫ ޖަނަވަރީގޭ އަބްދުއްޝަކޫރު އަބްދުﷲ މަރުވި މައްސަލަ
ރ. އުނގޫފާރު ގުލްފާމްގޭ ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލަ
ސ. ފޭދޫ ޗަބޭލީގޭ އާމީން ރަޝީދު މަރާލި މައްސަލަ
ހ. އޮގަސްޓާ އަހުމަދު ނަޒީފް ޝައުކަތު އަޑު ޕާކް ތެރޭގައި މަރުވެފައި އޮތްވާ ފެނުނު މައްސަލަ
މ. މާކަރީ މުހައްމަދު ޝަހުދުގެ މަރުގެ މައްސަލަ
މާލެ، ހާބަރު ޅިޔަނު ކެފޭގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހީން މިއާ މަރާލި މައްސަލަ
ލ. މުންޑޫ ނޫރުވިލް އަލީ ޒިޔަދަމްއަށް ހަމަލާދީ މަރާލި މައްސަލަ
2016 ވަނަ އަހަރު މާލޭގައި ހިނގާފައިވާ މަރުގެ ދެ މައްސަލައެއް
ހ. ހަންޑްރެޑް ފްލާވާ އަހުމަދު ޖައިލަމް ޝާކިރު މަރާލި މައްސަލަ
ފުވައްމުލައް ސިޓީ ދޫނޑިގަމް އަވަށު، ނާޝިދު މޫސާގެ މަރުގެ މައްސަލަ
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާ ހޯދަމުން ދިޔަ އަހުމަދު މިޝްފާގު ގެއްލިފައިވާ މައްސަލަ
2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުން ދިޔަ ފަސް މަހުގެ ކުއްޖަކު މަރުވި މައްސަލަ
ސުއޫދު ވިދާޅުވި ގޮތުގައި މިމައްސަލަތައް ބެލުމަށް ބޭރުގެ އެހީ ހޯދުމަށް އެކޮމިޝަނުން ނިންމާފައިވެއެވެ. އަދި މިމައްސަލަތައް އެކޮމިޝަނުން ބަލަނީ އާއިލާތަކުގެ ހުއްދަވެސް ހޯދައިގެން ކަމަށް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.