ބޮޑެތި ބަދަލުތަކަކާއެކު، ޖިނާއީ މައްސަލަތަކުގައި އަމަލު ކުރާނެ މައިގަނޑު ސިޔާސަތު، 10 އަހަރު ފަހުން އަލުން ކަނޑައަޅައިފިއެވެ.
ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރުމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތެއް ކަމަށް ގާނޫނު އަސާސީގައި ބުނެފައިވި ކަމުގައިވިޔަސް، އެފަދަ މައްސަލަތަކުގައި އަމަލު ކުރާނެ މައިގަނޑު ކަނޑައެޅުމަކީ ބަންޑާރަނައިބުގެ މަސްއޫލިއްޔަތެކެވެ.
އެކަމާއިބެހޭ ސިޔާސަތެއް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ކަނޑައެޅުއްވުމާއެކު 2008 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އައި ކުރީގެ ސިޔާސަތު ވަނީ އުވިފައެވެ.
އަލަށް ކަނޑައެޅި ސިޔާސަތުގެ ދަށުން ޕްރޮސެކިއުޓާ ޖެނެރަލްގެ ދައުރު ކުރިއަށްވުރެ ފުޅާ ކުރުމުގެ އިތުރުން ކުރީގެ ސިޔާސަތުގައި ނުހިމެނޭ ވަރަށް ގިނަ ކަންކަން ހިމަނާފައިވެއެވެ.
އެގޮތުން ސީރިއަސް ނޫން ކުށްތަކުގައި ސިއްރު ހެކި ބޭނުން ކުރުން ހުއްޓާލުން ވެސް ހިމެނެއެވެ.