މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޚިދުމަތަކީ ހުރިހާ ވިޔަފާރިތަކަށް ވީހާ ފަހި ޚިދުމަތަކަށް ހައްދަވާނެ ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަޙްމަދު ނޫމާން ވިދާޅުވެއްޖެއެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނޫމާން މިއަދު ވިދާޅުވީ ވިޔަފާރީގައި ހިމެނެނީ އެކްސްޕޯޓަރުންނާއި އިމްޕޯޓަރުން ކަމަށާއި އެ ދެބައިމީހުންނަށްވެސް ވީހައި ފަހި ފުރުޞަތުތަކެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.
ހަމަ އެޢާއިއެކު އޮންލައިން ވިޔަފާރި ކުރިއެރުވުމަކީ ރައީސް އިބްރާހީމް މުޙައްމަދުގެ ވަރަށް ޚާއްޞަ ވަޢުދެއް ކަމަށާއި އެ ވައުދު ފުއްދުމުގައި ކަސްޓަމްސް އިން ހުރިހާ ލުއި ފަސޭހަތަކެއްވެސް ހޯދައިދޭނެ ކަމަށެވެ. ނޫމާން ވިދާޅުވީ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި 24 ލަނޑުދަނޑިއެއް ޙާޞިލުކުރަން ކަނޑާއަޅާފައިވާ ކަމަށާއި ކަސްޓަމްސް އިން ޚިދުމަތް ދިނުމުގައި ނުވަތަ ހޭދަވާނެ ވަގުތު ކަނޑައެޅުމަކީވެސް ލަނޑުދަނޑިއެއް ކަމަށެވެ.
ނޫމާން ވިދާޅުވީ ކަސްޓަމްސް އިން މިހާރު އަމަލުކުރާ އުޞޫލުތައް ދިރާސާ ކުރައްވަމުން ގެންދަވާ ކަމަށާއި އިޞްލާޙްކުރަން ޖެހޭ ކަންކަން އިޞްލާޙް ކުރެއްވުމުގެ މަސައްކަތް މުއްދަތުގައި ފަށްޓަވާނެ ކަމަށެވެ. އަދި މަސްތުވާތަކެތި ފަދަ ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތި އެތެރެކުރުން ހުއްޓުވަން ކުރާ މަސައްކަތްތައް އިތުރުކުރައްވާނެ ކަމަށްވެސް ނޫމާން ވިދާޅުވިއެވެ.