ގިނަ ބައެއްގެ އިންތިޒާރު ނިމުމަކަށް، ނިއުމާގެ "ނިވައިރޯޅި" ޕްރިމިއާރ ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 27ސ
ގިނަ ބައެއްގެ އިންތިޒާރު ނިމުމަކަށް، ނިއުމާގެ "ނިވައިރޯޅި" ޕްރިމިއާރ ކޮށްފި

2017 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހުން ފެށިގެން، ގިނަ ބަޔަކު އެފިލްމެށް ބަލައިލުމަށް އެންމެ އިންތިޒާރުކުރި އެއް ފިލްމަކީ، ދިވެހި ފިލްމު "ނިވައިރޯޅި" އެވެ.

މިފިލްމު ޚާއްސަވާ އެންމެ ބޮޑު އެއް ސަބަބަކީ، މިއީ ދިވެހި ފިލްމު އިންޑަސްޓަރީގެ "ރާނީ" ކަމުގެ ލަގަބު ދީފައިވާ ކުޅަދާނަ ބަޠަލާ ނިއުމާ މުޙައްމަދު، އެކްޓިންގެ ދާއިރާއިން ފެނިގެންދާނެ އެންމެ ފަހު ފިލްމުކަމަށް ވާތީއެވެ. މިފިލްމު އެންމެ ފުރަތަމަ ރިލީޒް ކުރަން ކަނޑައެޅިފައިވަނީ މިދިޔަ އަހަރުއެވެ.

ނަމަވެސް އެއިރު ނިއުމާގެ ސިއްޙަތު ތަން ނުދިނުމުގެ ސަބަބުން، "ނިވައިރޯޅި" ރިލީޒް ކުރުން ވަނީ ފަސްކޮށްފައެވެ. ގިނަބައެއްގެ އިންތިޒާރުގެ ވަގުތުތަށް ނިއުމާވަނީ ރޭގައި ނިމުމަކަށް ގެނެސްފައެވެ.

އޮލިމްޕަހުގައި ފޯރިގަދަ، ކުލަގަދަ ރަސްމިއްޔާތަކާއެކު "ނިވައިރޯޅި" ރޭގައި ޕްރިމިއާރ ކުރީ ވަރަށް ބޮޑު އޯޑިއެންސް އަކާއިވެސް އެކުގައެވެ. "ނިވައިރޯޅި" ޕްރިމިއާރ ނައިޓްގެ ޝަރަފުވެރި މެހެމާނުންނަކީ ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި މިނިސްޓަރ އޮފް އާޓްސް، ކަލްޗާރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން އެވެ.

 

މިފިލްމަކީ އެކްޓިން ދާއިރާއަށް ނިއުމާގެ ވަދާއީ ފިލްމުކަމަށްވުމުން، ޚާއްސަކޮށް އޭނާއަށްޓަކައި ފިލްމީތަރި އައިޝަތު ރިޝްމީއާއި ރަވީ ފާރޫޤް ވަނީ ނިއުމާ އަށްޓަކައި ޓްރިބިއުޓެއް ވެސް، ރޭގެ އެޚަފްލާގައި ޚާއްސަ ކޮށްފައެވެ.

މީގެއިތުރުން، "ނިއުޒޯ" ޕްރޮޑަކްޝަންސް އިން ޑައިރެކްޓް ކުރާ ރަވީ ފާރޫޤްގެ ފިލްމު "ގޯނާ" ގެ ޓީޒަރ ވެސް ރޭގެ އެޚަފްލާގައި ދައްކާލާފައިވެއެވެ. "ނިވައިރޯޅި" ފިލްމުގެ ރިވިއު 'މިއަދު' ނޫހުގައި ފަހުން ޝާއިއު ކުރެވޭނެއެވެ.

މިއަދު އޮންލައިން