2018 ވަނަ އަހަރުގެ ޖޫން މަހު ދިންކަމަށް ބުނާ ހުއްދައަކަށް ޢަރަބިއްޔާ ބޮޑު ނިކަގަހުން ބޮޑުބައެއް ކަނޑާލައިފި އެވެ. ނިކަގަހަކީ ރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ގަހެއް ކަމަށް ސަރުކާރުން ބުނެއެވެ. މިކަމާއި ގުޅިގެން މިއަދުނޫހަށް މައުލޫމާތު ދެއްވި ބެފުޅަކު ވިދާޅުވީ މިއަދު ގަހުގެ ބޮޑުބައެއް ކަނޑައިލީ އެ ސްކޫލުން ކަމަށެވެ.
"މީގަ ވަރަށް ބައިވަރު މައްސަލަތައް ދިމާވޭ. ނިކަގަހުގެ މޫތަކާ އަރަބިއްޔާގެ ބައެއް ޕްރިންސިޕަލުންގެ ފިކުރާ ދެކޮޅު މައްސަލައެއް އުޅޭ ކަމަށްވެސް އަރަބިއްޔާގެ ބައެއް ޕްރިންސިޕަލުން ވިދާޅުވެފަ އެބަހުރި.
" ޢަރަބިއްޔާ ސްކޫލުގައި ހުރި ނިކަގަހަކީ 1970ގެ ތެރޭގައި އެ ތަނުގައި އިޕީއެސް ސްކޫލް ހިންގި ދުވަސްވަރު އިންދާފައިވާ ގަހެކެވެ. އެހެންކަމުން އެއީ މިހާރު މާލޭގައި ހުރި ބޮޑެތި ގަސްތަކުގެ ތެރެއިން އެންމެ ދުވަސްވީ އެއް ގަހެވެ.