ކަޅުވަކަރު މިސްކިތް ބަހައްޓާނެ ތަނަކާމެދު އަލުން މަޝްވަރާކުރަމުން ގެންދާކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ޔުމްނާ މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމުގެ ކަންކަމުގައި މިއަދު އިލްމީ ގޮތުން ހިޔާލު ފާޅުކޮށް ގައުމީ ފެންވަރުގައި މަޝްވަރާ ކުރެވޭތީ އުފާ ކުރާކަމަށާއި އިލްމުވެރީންގެ ކަންބޮޑުވަންތަކާމެދު އަދުގެ ސަރުކާރުން ގެންދަވަނީ ވިސްނަވައި މަޝްވަރާ ކުރައްވަމުން ކަމަށެވެ.
ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމުގެ ކަންކަމުގައި މިއަދު ޢިލްމީ ގޮތުން ޚިޔާލު ފާޅުކޮށް ޤައުމީ ފެންވަތުގައި މަޝްވަރާ ކުރެވޭތީ އަޅުގަނޑު އުފާ ކުރަން.. ޢިލްމުވެރީންގެ ކަންބޮޑުވަންތަކާމެދު އަދުގެ ސަރުކާރުން ގެންދަވަނީ ވިސްނަވާ މަޝްވަރާ ކުރައްވަމުން. 2/2
— Yumna Maumoon (@yumna_maumoon) January 5, 2019
ސަރުކާރުން ވަނީ ކަޅުވަކަރު މިސްކިތް އިސްލާމީ މަރުކަޒުގެ ކުރިމަތީގައި ކުރިން ދިރާގު އިމާރާތް ހުރިތަނުގައި ބަހައްޓަން ނިންމާފަ އެވެ. ނަމަވެސް މި ނިންމުމޭމެދު އިލްމްވެރިިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
މިކަމާގުޅިގެން ޝައިޚް ޢަލީ ޒައިދު ވިދާޅުވެފައިވަނީ އިސްލާމީ މަރުކަޒާއި އިންވެގެން ނަމާދުކުރާ ގޮތަށް ކަޅުވަކަރު މިސްކިތް ބެހެއްޓުމަކީ އެއްވެސް ޙާލެއްގައި ރަނގަޅު ކަމެއް ނޫން ކަމަށާއި 2 މިސްކިތުގެ އަޑުގަދަކުރާއިން (އެއް މިސްކިތް އަނެއް މިސްކިތަށް) އުނދަގޫވުމާއި އެތައް މުންކަރާތަކަށް މަގުފަހިވެގެންދާނެކަމަށެވެ. ނަމަވެސް އެމިސްކިތުގައި ނަމާދު ނުކުރާނަމަ އެތަނުގައި މިސްކިތް ހުރުމަކުން މައްސަލައެއް ނެތްކަމަށެވެ.
އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވަނީ މިސްކިތެއްގެ ދޮރުމަތީ މިސްކިތެއް އެޅުން ކީރިތި ރަސޫލާގެ ހަޔާތްޕުޅުގައި ވަނީ މަނާކުރައްވާފައި ކަމަށެވެ. ނަމަވެސް މިސްކިތް ބަހައްޓަނީ ނަމާދު ނުކުރެވޭ ގޮތަށްނަމަ މައްސަލަ އެއް ނެތް ކަމަށް ޝަހީމްވެސް ވަނީ ވިދާޅުވެފަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ކަޅުވަކަރު މިސްކިތް ކުރިން ހުރިތަނުން ނަގައި އެތަނުގައި، ކުޅިވަކުޅޭ ތަނެއްހަދާފައެވެ.