ޒިނޭ ކުރި މީހަކު ރަޖަމް ކުރަން ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
ރަޖަމް ކުރުމަށް ހުކުމް ކުރީ އެރަށު މެޖިސްޓްރޭޓް ކޯޓުގެ ގާޒީ ޝައިޚް މުޙައްމަދު މޫސާއެވެ.
އެނގިފައިވާ ގޮތުގައި މުޙައްމަދު މޫސާ އަކީ މިސްރުން ތައުލީމު އުނގެނިވަޑައިގެން ހުންނެވި ޝައިޚްއެކެވެ. އަދި އޭނާ ނައިފަރު ކޯޓުގައި މަސައްކަތް ކުރާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވެއެވެ.
އަދަބާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ދައުލަތުން އެދިފައިވަނީ އެމީހާއަށް އަދަބެއްގެ ގޮތުގައި 100 އެތިފަހަރުން ހައްދު ޖެހުމާއެކު ގޭބަންދުގައި ބެހެއްޓުމަށެވެ.
އެމައްސަލައަކީ ނިހާއީ ހުކުމެއްކަން ސާބިތުކުރަން ޖެހޭ ޖިނާއީ މައްސަލައަކަށް ވާތީ، އެފަދަ މައްސަލަތައް އޮޓޯއިން އިސްތިއުނާފަށް ދާނެއެވެ. އެއީ ސުޕްރީމް ކޯޓުން އާންމުކޮށްފައިވާ އުސޫލާއި އެއްގޮތަށެވެ.
ޤާނޫނުލް އުގޫބާތުގެ 1205 ވަނަ މާއްދާގައި ބުނެފައި ވަނީ ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ކަމުގައިވިޔަސް އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށެއް އިސްލާމީ ޝަރީއަތުގައި ބުނާ މިންގަނޑަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެއްޖެނަމަ، އެމީހަކަށް ދޭންޖެހޭނީ އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބު ކަމަށެވެ.
ނަމަވެސް އެފަދަ އަދަބެއް ތަންފީޒު ކުރަންޖެހޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށް ފަހު ކަމަށް ވެސް އެމާއްދާގައި ބަޔާން ކޮށްފައިވެއެވެ.
އިސްލާމީ ޝަރީޢަތުގައި އޮންނަނީ މުހުސަނަކު ޒިނޭކުރިކަން އަމިއްލަ އިއުތިރާފުން ނުވަތަ 4 ހެކިންގެ ހެކިބަހުން ސާބިތުވެއްޖެ ނަމަ ހުކުމަކީ ރަޖަމް ކުރުން ކަމަށެވެ. މުޙްސަނަކީ އެއް ފަހަރު ކައިވެނި ކޮށްފައިވާ އަންހެނަކު ނުވަތަ ފިރިހެނެކެވެ.